ހައްޖު ކޯޓާ އިތުރުވުމަކީ އެކަށީގެންވާ ކަމެއް: ޝަހީމް

ދިވެހި ޙައްޖު ވެރިން--- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

ހައްޖަށް މީހުން ފޮނުވަން ރާއްޖެއަށް ލިބޭ ކޯޓާ އިތުރުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝަހީމް ވިދާޅުވީ ހައްޖު ކޯޓާ އިތުރު ކުރުމަށްޓަކައި ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަރަށް ގިނަ މަސައްކަތްތައްތަކެއް ކުރައްވަމުންގެންދަވާ ކަމަށާއި ސައުދީ އަރަބިއްޔާއަށް ސިޓީއެއްވެސް ފޮނުއްވާފައި ކަމަށެވެ.

އެ މަނިކުފާނާއެކު އިސްލާމިކް މިނިސްޓްރީން ވެސް ވަރަށް ގާތުން މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެގޮތުން ސައުދީގެ ހައްޖު މިނިސްޓްރީއާ ވާހަކަދައްކައިފައިވާ ކަމަށް ޝަހީމް ވިދާޅުވިއެވެ.

"މީގައި ފާހަގަކޮށްލަން ޖެހެނީ ކޯޓާގެ ކަންތައްތައް އިތުރު ކުރުމާއި މިކަންކަން އޮންނަނީ ކުރީގައި އޮންނަ ގޮތަކަށެއް ނޫން މިހާރު ސައުދީ އަރަބިއާ ވެސް މިހާރު ވަރަށް ބޮޑަށް ނިޒާމެއްގެ ތެރެއިން ކަންކަން ކުރަނީ،" އޭނާ ވިދާޅުވިއެވެ.

"އެތާގައި އެކަމަޓޭޑް ކުރެވޭ ވަރަށް މިނާ، އަރަފާތު އަދި މައްކާގައި ހުންނަ ހޮޓާތަކާއި އެކަމަޓޭޑް ކުރެވޭ އަދަދު ނޫން ގޮތަކަށް މިހާރު ކަންތަކެއް ކުރިއަކަށް ނުދޭ."

މިނިސްޓަރު ވިދާޅުވީ ކޯޓާ އިތުރުކުރުމާ ގުޅޭ ގޮތުން ސައުދީގެ ހައްޖު މިނިސްޓަރާއި ޑެޕިއުޓީ މިނިސްޓަރާ މަޝްވަރާކުރެއްވި ކަމަށާއި އެ ބޭފުޅުން ވިދާޅުވެފައިވަނީ، ހައްޖު ގާތްވުމުން، ބައެއް ގައުމުތަކުން ބާކީވާ ކޯޓާއަށް ބަލައި އެހެން ގައުމުތަކަށް ޖާގަ ދެވޭނެ ކަމަށް ކަމަށެވެ.

"މިސާލަކަށް 50،000 މީހުން ބޭނުންކުރީ ކޯޓާ، އެއް ލައްކަ ކޯޓާ އޮތް ގައުމެއްގައި އެހެންވެއްޖެއްޔާ ބާކީ އަދަދު ބޭނުމެއް ނުކުރޭ. އެހެންވީމަ ބާކީ އެ އޮންނަ އަދަދު އެމީހުން ރިކުއެސްޓް ކޮށްފައި އޮންނަ ރިކުއެސްޓްތަކަށް އެކި ގައުމުތަކަށް މި ބަހާލަނީ،" ޝަހީމް ވިދާޅުވިއެވެ.

ބައެއް ގައުމުތަކުން ބާކީވާ ކޯޓާއަށް ބަލައި އިތުރު ޖާގަ ދިނުމުގައި ރާއްޖެއަށް އިސްކަންދޭނެ ކަމަށް ސައުދީން ބުނެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑު އުއްމީދު ކުރަނީ ކޮންމެވެސް މިންވަރެއްގެ އިތުރުވުމެއް އަންނާނެޔޭ، އެކަމަކު އިތުރުވުން އަންނާނީ ވަރަށް ގާތްކޮށްފަ އަންނާނީ. ކޮންމެވެސް ވަރެއްގެ އިތުރުވުމެއް އައުމުގެ އިހުތިމާލު އެބައޮތް، ޕޮސިބިލިޓީ އެބައޮތް، އުއްމީދުކުރަނީ އެގޮތަށް،" މިނިސްޓަރު ވިދާޅުވިއެވެ.

ރާއްޖޭގައި ހައްޖަށް ދާން ބޭނުންވާ މީހުންގެ ކިޔޫ ދިގުވެފައި ވަނީ ކޮވިޑް-19ގެ ތެރޭގައި މީހުންނަށް ހައްޖަށް ނުދެވުމުންނާއި އޭގެ ފަހުން މަދުކޮށް ކޯޓާ ދީފައި ހުރުމުންކަން ޝަހީމް ފާހަގަކުރެއްވިއެވެ.

މިހާރު ރާއްޖޭގައި ހައްޖާ ގުޅޭ ކަންތައްތައް އޮތީ ރަނގަޅު މަގެއްގައި ކަމަށާއި، ހައްޖުގެ ކަންކަން ހަރުދަނާކޮށް އަގު ވެސް ކުޑަ ކުރުމަށް ކަމާ ގުޅުން ހުރި އިދާރާތަކުން މަސައްކަތް ކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭން ހައްޖަށް ގެންދަން މިހާރު ލިބެނީ 1000 ކޯޓާއެވެ.

comment ކޮމެންޓް