މޯލްޑިވިއަނުން ހަތަރު ވަނަ އޭޓީއާރް ބޯޓު ގެނެސްފި

މޯލްޑިވިއަންގެ ފްލީޓަށް މިއަދު އަލަށްގެނައި އޭޓީއާރު 600-42އެއް -- ފޮޓޯ/ މޯލްޑިވިއަން

ގައުމީ އެއާލައިން މޯލްޑިވިއަންއިން އެ ކުންފުނީގެ އެތެރޭގެ އުދުހުންތަކުގައި ބޭނުންކުރަމުންދާ ފްލީޓަށް އިތުރު އޭޓީއާރު 600-42އެއް މިއަދު ގެނެސްފިއެވެ.

މޯލްޑިވިއަންއިން ބުނީ އެ ކުންފުނީގެ ފްލީޓަށް ގެނައި އާ މަތިންދާބޯޓުގެ ސަބަބުން ކުންފުނީގެ ގާބިލުކަން އިތުރުވެ، ދިވެހިންނާއި ފަތުރުވެރިންނަށް ވެސް އިތުރު ރޫޓުތަކަށް ޚިދުމަތް ދެވޭނެ މަގުފަހިވާނެ ކަމަށެވެ.

އެ ބޯޓު ގެނައުން ފާހަގަކުރުމަށް ވީއައިއޭގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސް ވަނީ ކުންފުނީގެ ތަސައްވުރާއި، އާ މަތިންދާބޯޓުގެ މުހިންމުކަމަށް އަލިއަޅުވާލައްވާފައެވެ.

އޭނާ ވިދާޅުވީ އަލަށް ގެނައި މަތިންދާބޯޓުގެ އެތެރޭގެ ހޫނުމިން ކޮންޓްރޯލް ކުރެވޭތީ އާއި އަޑުގަދަވުމުގެ މިންވަރު ވަރަށް ބޮޑަށް ދަށްވުމުން އަރާމުކޮށް ދަތުރުކުރެވޭނެ ކަމަށެވެ. އަދި މޯލްޑިވިއަންގެ ފްލީޓަށް އޭޓީއާރު 600-42ގެ ބޯޓެއް އިތުރުވުމަކީ ލިބޭ އުފަލެއް ކަމަށާއި، މިއީ ރާއްޖޭގެ ހުރިހާ ހިސާބެއްގައި އެ ކުންފުނިންދޭ ޚިދުމަތާ މެދު އޮތް އިތުބާރު ރަނގަޅުވާނެ ކަމެއް ކަމަށް އުންމީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގައި އެތެރޭގެ އުދުހުންތަކަށް އޮތް ޑީމާންޑް އިތުރުވަމުން އަންނައިރު، މޯލްޑިވިއަނުން އަލަށް ގެނައި ބޯޓަކީ އެތެރޭގެ ކުދި ދަތުރުތަކަށް ވަރަށް އެކަށީގެންވާ މަތިންދާބޯޓެއް ކަމަށް މޯލްޑިވިއަނުން ބުންޏެވެ.

އެ ކުންފުނިން ބުނީ މި ބޯޓު ގެނައުމަކީ ސަރުކާރުން ރާއްޖޭގައި ވައިގެ ދަތުރުފަތުރުގެ ފުރުސަތުތައް ފުޅާކުރުމުގެ އަމާޒު ހާސިލްކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ،

މޯލްޑިވިއަންގެ ފްލީޓުގައި މިހާރު އޮތީ 25 މަތިންދާބޯޓެވެ. މީގެ ތެރޭގައި އޭޓީއާރުގެ ހަތަރު މަތިންދާބޯޓުގެ އިތުރުން އެއާބަސް އޭ320 މަތިންދާބޯޓަކާއި، ޑޭޝް-8 ސީރީޒްގެ ނުވަ އެއާކްރާފްޓާއި، 11 ޓްވިން އޮޓަ ސީޕްލޭން ހިމެނެއެވެ.

އެ ފްލީޓު ޒަމާނީ ކުރުމަށްޓަކައި އާ އޭޓީއާރު މަތިންދާބޯޓުތައް ގެންނަނީ ޑޭޝް-8 ސީރީޒްގެ ބޯޓުތަކުގެ ބަދަލުގައި ކަމަށް މޯލްޑިވިއަނުން ބުނެއެވެ.

comment ކޮމެންޓް