އެމެރިކާގެ 170 މިލިއަން މީހުން ބޭނުންކުރަމުން އަންނަ ވީޑިއޯ އެޕް ޓިކްޓޮކް މަނާކުރުން ހުއްޓުވައި ދިނުމަށް އެދި ޓިކްޓޮކްގެ ބެލެނިވެރި ކުންފުނި ބައިޓްޑާންސާއި ޓިކްޓޮކުން އެމެރިކާގެ ފެޑެރަލް ކޯޓަށް ދައުވާ ހުށަހަޅައިފިއެވެ.
އެމެރިކާގައި ޓިކްޓޮކް މަނާކުރާ ބިލް، އެ ގައުމުގެ ރައީސް ޖޯ ބައިޑެން ތަސްދީގު ކުރައްވާފައިވަނީ މިދިޔަ މަހުގެ 24 ވަނަ ދުވަހުއެވެ. އެ ގާނޫނުގައި ވާގޮތުން އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 19 ގައި ކުރިން ބައިޓްޑާންސުން އެ މީހުންގެ ހިއްސާ އެމެރިކާގެ ކުންފުންޏަކަށް ވިއްކާލަންޖެހެއެވެ.
އެ ކުންފުނިތަކުން ކޯޓަށް ހުށަހަޅާފައިވާ ދައުވާގައި ބުނާ ގޮތުގައި ޓިކްޓޮކް މަނާކުރާ ގާނޫނަކީ އެމެރިކާގެ ގާނޫނުއަސާސީއާ ހިލާފު ގާނޫނެކެވެ.
އެކަމާ ގުޅިގެން އެމެރިކާއިން ބުނީ ގައުމީ ސަލާމަތީ ސަބަބުތަކާހުރެ ބޭނުންވަނީ ޓިކްޓޮކްގެ މިލްކުވެރިކަން ޗައިނާ އަތުން އަތުލުން ކަމަށާއި އެމެރިކާގައި ޓިކްޓޮކް މަނާނުކުރާ ކަމަށެވެ. ނަމަވެސް ބައިޓްޑާންސާއި ޓިކްޓޮކުން ހުށަހަޅާފައިވާ ދައުވާއާ ބެހޭ ގޮތުން އެމެރިކާއިން ވަކި އެއްޗެއް ހާމަކޮށްފައެއްނުވެއެވެ.
އެމެރިކާގައި ޓިކްޓޮކް މަނާކުރާ ގާނޫނެއް ކޮންގްރެސްގެ ބޮޑު ތާއީދާ އެކު ފާސްވީ އެމެރިކާއާއި ޗައިނާއާ ދެމެދު އޮތް ގުޅުން ހީނަރުވެފައިވާ ދަނޑިވަޅެއްގައެވެ. އެމެރިކާއިން ބުނާ ގޮތުގައި ޓިކްޓޮކް މެދުވެރިކޮށް އެކި ކަހަލަ ޑޭޓާ ހޯދައި އެ މީހުންނަށް ޖާސޫސުކުރުމުގެ ފުރުސަތު އެބައޮތެވެ. ނަމަވެސް، ޓިކްޓޮކުން ވަނީ އެ ތުހުމަތުތައް ތަކުރާރުކޮށް ދޮގުކޮށްފައެވެ.
ދައުވާގައިވާ ބުނާ ގޮތުން ބައިޓްޑާންސްގެ 58 އިންސައްތައަކީ ބްލެކްރޮކް، ޖެނެރަލް އެޓްލާންޓިކް އަދި ސަސްކެހެނާ އިންޓަނޭޝަނަލް ގްރޫޕް ހިމެނޭ ގޮތަށް ގްލޯބަލް އިންސްޓިޓިއުޝަނަލް އިންވެސްޓަރުންގެ ހިއްސާއެވެ. ޖުމުލަ 21 އިންސައްތަ ހިއްސާއަކީ ކުންފުނީގެ ޗައިނާގެ ބާނީގެ ހިއްސާއަށްވާއިރު، 21 އިންސައްތަ ހިއްސާވަނީ މުވައްޒަފުންނެވެ. އޭގެ ތެރޭގައި ގާތްގަޑަކަށް 7000 އެމެރިކާ މީހުން ވެސް ހިމެނެއެވެ.