ކުޑަކުއްޖަކާ ބެހުމުގެ ތުހުމަތުވާ މީހާ ދޫކޮށްލީ ހަކުރު ބަލި ހުންނާތީ، އަލުން ބަންދުކޮށްފި

ޖިންސީ ގޯނާއާ ދެކޮޅަށް ކުރި މުޒާހަރާއެއްގެ ތެރެއިން: ކުޑަކުއްޖަކާ ބެހިގެން ހައްޔަރުގައި ހުއްޓައި ދޫކޮށްލި މީހާ އަލުން ބަންދުކުރަން ވަނީ އަމުރުކޮށްފައި -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ކުޑަކުއްޖަކާ ބެހުނުކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ހުއްޓާ، ވަރަށް ބޮޑަށް ހަކުރު ބަލި ހުންނަ ކަމަށް ބުނެ ދަށު ކޯޓުން މިނިވަންކުރި މީހަކު އަލުން ބަންދުކުރަން އިއްޔެ ހައިކޯޓުން އަމުރުކޮށްފިއެވެ.

ކުޑަކުއްޖަކު އިތުބާރުކުރަންޖެހޭ މަގާމެއްގައި ހުރި މީހަކު، އެ ކުޑަކުއްޖާއާ އެކު ޖިންސީ އަމަލު ހިންގުމުގެ ކުށުގެ ދައުވާ އެ މީހާގެ މައްޗަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ދަށު ކޯޓުގައި އުފުލީ ނޮވެމްބަރު 16، 2023 ގައެވެ. އެ މީހާ އޭރު ވެސް ހުރީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.

އެކަމަކު، މިދިޔަ މަހު 20 ގައި އެ މައްސަލަ ކުރިއަށް ގެންދާ ދަށު ކޯޓުން ވަނީ އެ މީހާ ބަންދުން ދޫކޮށްލަން އަމުރުކޮށްފައެވެ.

އެއީ، ކުށުގެ ތުހުމަތުކުރެވޭ މީހާއަކީ ހަކުރު ބަލީގެ ވަރަށް ނާޒުކު ފައްތަރެއްގައި ހުރި މީހަކަށްވެފައި، ވަރަށް ގަވާއިދުން އަމަލުކުރަންޖެހޭ ޑައިޓެއްގައި ހުރުމުން ކަމަށް ދަށު ކޯޓުގެ އަމުރުގައި ވަނީ ބުނެފައެވެ. އަދި، އެ މީހާ ހަކުރު ބަލީގެ ސަބަބުން ހޭނެތިފައި ހުރި ކަމަށް ވެސް ކޯޓު އަމުރުގައި ބުނެފައިވެއެވެ.

ދަށު ކޯޓުގެ އަމުރު ދައުލަތުން ވަނީ ހައިކޯޓުގައި އިސްތިއުނާފުކޮށްފައެވެ.

އެ މައްސަލައިގައި އިއްޔެ ހައިކޯޓުގައި އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރި ހުކުމުގައި ވަނީ ދަށު ކޯޓުގެ އަމުރު ބާތިލުކޮށް، އެ މީހާ އަލުން ރިމާންޑު ޖަލެއްގައި ބަންދުކުރަން އަމުރުކޮށްފައެވެ. އަދި، ހަތް ދުވަސް ތެރޭގައި އެ މީހާއަކީ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަންޖެހޭ މީހެއްކަން ނުވަތަ ނޫންކަން އަލުން ދަށު ކޯޓުން ނިންމަން ވެސް ހައިކޯޓުން ވަނީ އަމުރުކޮށްފައެވެ.

ހައިކޯޓުގައި މި މައްސަލަ ބެއްލެވީ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު ހަސަން ޝަފީޢުއާއި ފަނޑިޔާރު މުހައްމަދު ޝަނީޒް އަބްދުﷲ އަދި، ފަނޑިޔާރު އަބްދުލް މާނިއު ހުސައިނެވެ.

މި މައްސަލައަކީ ކުޑަކުއްޖެއްގެ ހައްގާ ގުޅުންހުރި މައްސަލައެއް ކަމުން މި މައްސަލަ ރައްދުވާ ފަރާތާއި މި މައްސަލަ ބެލި ދަށު ކޯޓުގެ ނަން ވެސް ވަނީ ސިއްރުކުރެވިފައެވެ. އެއީ، އަނިޔާ ލިބުނު ކުޑަކުއްޖާގެ ހައްގުތައް ރައްކާތެރިކުރުމަށްޓަކައެވެ.

comment ކޮމެންޓް