ވޯލްޑް ޓްރެވަލް އެވޯޑްސް (އިންޑިއަން އޯޝަން ކެޓަގަރީ)އިން އަރަބިއަން ޓްރެވަލް މާކެޓް (އޭޓީއެމް)2024 ގައި ރާއްޖެއިން ހަތަރު ކެޓަގަރީއަކުން އެވޯޑް ހާސިލުކޮށްފިއެވެ.
އެގޮތުން މިއަހަރު ރާއްޖެއަށް އެވޯޑް ލިބުނު ކެޓަގަރީތަކުގެ ތެރޭގައިި، އިންޑިއަން އޯޝަންސް ލީޑިން ޑެސްޓިނޭޝަން، އިންޑިއަން އޯޝަންސް ލީޑިން ހަނީމޫން ޑެސްޓިނޭޝަން، އިންޑިއަން އޯޝަންސް ލީޑިން ގްރީން ޑެސްޓިނޭޝަން އަދި އިންޑިއަން އޯޝަންސް ލީޑިން ޑައިވް ޑެސްޓިނޭޝަން ހިމެނެއެވެ.
އެމްއެމްޕީއާރުސީން ބުނީ 1993 ވަނަ އަހަރުގައި އުފެދިގެންއައި ވޯލްޑް ޓްރެވަލް އެވޯޑްސްއަކީ ދުނިޔޭގެ ފެންވަރުގައި ދަތުރުފަތުރުގެ ދާއިރާގައި އެންމެ މަޤްބޫލުކަން ހޯދައިފައިވާ އެވޯޑު ކަމަށެވެ.
މިގޮތުން، ދުނިޔޭގެ ފަތުރުވެރިކަމާއި ދަތުރުފަތުރުގެ ސިނާއަތުގައި އެންމެ ފާހަގަކޮށްލެވޭ ޝަރަފު ރަމްޒުކޮށްދޭ މި އެވޯޑްތަކުގެ މަޤްސަދަކީ ދުނިޔޭގެ ފެންވަރުގައި އެ ދާއިރާތަކުން ހޯދާފައިވާ ކާމިޔާބީތައް ފާހަގަކޮށް އަގުވަޒަންކުރުން ކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.

ވޯލްޑް ޓްރެވަލް އެވޯޑްސްގައި އިންޑިއާ ކަނޑުގެ ކެޓަގަރީ އިން އެންމެ މަގުބޫލު މަންޒިލުގެ އެވޯޑު ރާއްޖެ އަށް ވަނީ ލިބިފަ ----ފޮޓޯ/އެމްއެމްޕީއާރުސީ
މި އެވޯޑްތަކުގެ ސަބަބުން ފަތުރުވެރިކަމަށް މަޤްބޫލު މަންޒިލެއްގެ ގޮތުގައި އެއްވެސް ބަދަލެއްނެތި ރާއްޖެ އޮތްކަން ހާމަކޮށްދިނުމާއި، ދުނިޔޭގެ އެކި ކަންކޮޅުތަކުން ޒިޔާރަތްކުރާ ފަތުރުވެރިންނަށް ތަޖުރިބާތައް ފޯރުކޮށްދިނުން ހިމެނޭ ކަމަށް އެމްއެމްޕީއާރުސީން ވަނީ ބުނެފައެވެ.
އެވޯޑްތަކުގެ ސަބަބުން އެމްއެމްޕީއާރްސީ އިން މެދުކެނޑުމެއްނެތި ފަތުރުވެރިކަން ފުޅާކުރުމުގައި ކުރާ ބުރަ މަސައްކަތްތަކުގެ އަގުވަޒަންކުރުމަށް މަގުފަހިވާ ކަމަށް އެ ކުންފުނިން ބުނެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ނިމިދިޔަ ހަތަރު އަހަރު ވެސް ރާއްޖެއިން ވަނީ އިންޑީއާން އޯޝަންސް އަދި ދުނިޔޭގެ ފަތުރުވެރިކަމުގައި އެންމެ މަގުބޫލު މަންޒިލުގެ އެވޯޑް ހޯދާފައެވެ.