މަދިރީގެ ސަބަބުން ފެތުރޭ ބަލިތައް ގިނަވެފައިވަނިކޮށް، ޑެންގީ ހުން ޖެހިގެން ތުއްތު ހަ ކުދިންނަށް އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފިއެވެ.
މިކަމާ ގުޅިގެން ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރު އަހްމަދު ފައިސަލް ވިދާޅުވީ، މިވަގުތު ޑެންގީ ޖެހިގެން ހަ ތުއްތު ކުދިންނަށް ފަރުވާ ދޭކަމަށެވެ. އަދި ބައެއް ކުދިންނަށް ލޭވެސް އަޅަން ޖެހޭކަން އޭނާ ފާހަގަކުރެއްވިއެވެ.
މިއީ ފުރާނައަށް ނުރައްކާވާ ބައްޔެއްކަން ހަނދާންކޮށްދެއްވައި ފައިސަލް ވިދާޅުވީ، މަދިރިން ރައްކާތެރިވުން މުހިންމު ކަމަށެވެ.
ޑެންގީ އިތުރުވެފައި ވާއިރު، މަދިރީގެ ސަބަބުން ޖެހޭ ޗިކުންގުންޔާ ވެސް މި ދުވަސްވަރު ވަނީ އާންމު ވެފައެވެ. އެގޮތުން މިއަހަރުގެ އެޕްރިލް މަހާ ހަމައަށް އެބަލީގެ 134 ކޭހެއް ރިޕޯޓުކޮށްފައި ވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މީގެ ކުރިން ވަނީ ބުނެފައެވެ.
ޑެންގީ ބަލީގެ އަލާމާތްތައް ފެންނާނީ މަދިރި ހަފާތާ ހަތަރު ދުވަހާއި 10ދުވަހާ ދޭތެރޭގެ މުއްދަތެއްގައެވެ. މި ބަލީގެ އަލާމާތްތަކުގެ ތެރޭގައި:
- ގަދައަށް ހުން އައުން
- ބޮލުގައި ރިއްސުން
- ހުޅުހުޅުގައި ރިއްސުން
- މޭނުބައި ކުރުމާއި ހޮޑުލުން، ހިމެނެއެވެ.
އެޗްޕީއޭއިން ވަނީ ޑެންގީ ހުން ފަދަ މަދިރީގެ ޒަރީއާއިން ފެތުރޭ ބަލިތައް މަދުކުރުމަށާއި، ބަލިތަކުން ރައްކާތެރިވުމަށް އިލްތިމާސް ކޮށްފައެވެ.
މި ބަލިން ރައްކާތެރިވުމަށް ކުރެވިދާނެ މުހިންމު ކަންތައްތައް؛
- މަދިރިން ރައްކާތެރިވުމުގެ ގޮތުން ހަށިގަނޑު ރަނގަޅަށް ނިވައިވާ ގޮތަށް ހެދުން އެޅުމާއި މަދިރި ލޯޝަން، ސްޕްރޭ އަދި މޮސްކިޓޯ ރެޕެލެންޓް ބޭނުން ކުރުން
- ފަތިސް ގަޑީގައި އަދި ހަވީރު އިރު އޮއްސޭ ވަގުތު ގޭގެ ދޮރުތަކާއި ކުޑަ ދޮރުތައް ލައްޕާފައި ބެހެއްޓުން. (މިއީ މަދިރި އެންމެ ގިނަވާ ވަގުތުތައް)
- ހުސް ފުޅި/ދަޅު ފަދަ ފެން ހަރުލާ ތަކެތި ގޯތިތެރެއާއި މަގުމައްޗަށް އުކައިނުލުން އަދި ފެން ހަރުލާ ގޮތަށް ހުންނަ ތަކެއްޗާއި ތަންތަން ސާފުކުރުން.
އެޗްޕީއޭއިން ވަނީ ބަލި ޖެހިއްޖެ ނަމަ ގޭގައި ދެވިދާނެ ބައެއް ފަރުވާތައް ވެސް ފާހަގަކޮށްފައެވެ. އޭގެ ތެރޭގައި، އަރާމު ކުރުމާއި، ގިނަގިނައިން ދިޔާ އެއްޗެހި ބޭނުންކުރުން ހިމެނެއެވެ. ފައިދާ ހުރި ދިޔާ ތަކެތީގެ ތެރޭގައި ހިމެނެނީ، ކުރުނބާ ފެން، ލޮނު ޕެކެޓް އަދި ސޫޕް ފަދަ ތަކެއްޗެވެ.
މީގެ އިތުރުން ހުން މަޑު ކުރުމާއި ގައިގައި ރިއްސުމަށާއި ހުޅުހުޅުގައި ރިއްސުމަށް ޕެރެސެޓެމޯލް ބޭނުން ކުރެވިދާނެ ކަމަށް އެޗްޕީއޭއިން ބުންޏެވެ. އަދި، ތިން ދުވަހަށް ވުރެ އިތުރަށް ހުން އަންނަ ނަމަ، ނުވަތަ ދިޔާއެއްޗެހި ބޭނުން ނުކުރެވޭނަމަ، ނުވަތަ މާ ބޮޑަށް ވަރު ދެރަވާނަމަ ޑޮކްޓަރަށް ދެއްކުމަށް އެޗްޕީއޭއިން އިލްތިމާސް ކުރެއެވެ.