މާލޭގައި މަދިރި ކޮންޓްރޯލް ކުރުމަށްޓަކައި މާލެ ސިޓީ ކައުންސިލުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، މިދިޔަ މަހު 1651 ގެއާއި އެހެނިހެން ތަންތަން ބަލައިފައިވާ ކަމަށް އެ ކައުންސިލުން މިއަދު ހާމަކޮށްފިއެވެ.
ކައުންސިލްގެ ޕެސްޓް ކޮންޓްރޯލް ޔުނިޓުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ މަހުގެ އެއްވަނަ ދުވަހުން އެ މަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި އޮޕަރޭޝަންގައި މަދިރި އުފެދޭ ގޮތަށް ހުރި 606 ތަނެއް ވަނީ ފާހަގަކުރެވިފައެވެ. އޭގެ ތެރެއިން 35 ތަނަކުން މަދިރި ފަނި ފެނިފައިވާއިރު، އޭގެ ތެރޭގައި 27 ގެއެއް ހިމެނޭ ކަމަށް ކައުންސިލުން ބުންޏެވެ.
ކައުންސިލުން ބުނީ، އެ މަސައްކަތުގެ ތެރެއިން ބަލައި ފާސްކުރި ތަންތަނުގެ ތެރެއިން މައްސަލަ ހުރި 157 ތަނަކަށް މަދިރި ބޭސް އަޅައިފައިވާ ކަމަށެވެ.
މީގެ އިތުރުން، ހަތަރު ބްލޮކެއްގެ ތަންތަނާއި ނުވަ މަގެއް ފޮގް ކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވާ ކަމަށް ކައުންސިލުން ފާހަގަކުރިއެވެ.

މަދިރި އުފެދޭ ގޮތަށް ހުރި ތަންތަން ބެލުން: މާލޭގެ 27 ގެއަކުން މިދިޔަ މަހު މަދިރި ފަނި ފެނުނު ކަމަށް ކައުންސިލުން ބުނޭ -- ފޮޓޯ/ މާލޭ ސިޓީ ކައުންސިލް
މި މަސައްކަތާ ގުޅުވައި މާލެ ސިޓީގެ މޭޔަރު އާދަމް ޢާޒިމް ވަނީ، މަދިރި އާލާ ނުވާނެ ފަދަ ގޮތަކަށް މާލެގެ ހުރިހާ ރައްޔިތުން ވެސް އަމަލުތައް ބެހެއްޓުމަކީ މުހިންމު ކަމެއް ކަމަށް ވިދާޅުވެފައެވެ. އަދި މާލެ ސަރަހައްދުގައި މަދިރީގެ ޒަރީއާއިން ފެތުރޭ ބަލިތައް މަދުކުރުމަށް ޓަކައި މާލެ ސިޓީ ކައުންސިލުން މެދުކެނޑުމެއް ނެތި މަސައްކަތް ކުރަމުންދާނެ ކަމުގެ ޔަގީންކަން މޭޔަރު ދެއްވިއެވެ.
ސިޓީ ކައުންސިލުން މަދިރި މަދުކުރުމުގެ އޮޕަރޭޝަނެއް ކުރިއަށްފެންދާއިރު، މަދިރީގެ ޒަރީއާއިން ފެތުރޭ ބަލިތައް، ޚާއްސަކޮށް ޑެންގީ ހުން ޖެހޭ މީހުންގެ އަަދަދު މި އަހަރުގެ ކުރީކޮޅު އާދަޔާ ޚިލާފަށް އިތުރުވެފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ތަފާސްހިސާބުތަކުން ވަނީ ދައްކާފައެވެ.
އެގޮތުން މި އަހަރުގެ ފުރަތަމަ ހަތަރު މަސް ދުވަހުގެ ތެރޭގައި އެކަނިވެސް ޑެންގީގެ 2,000 އަށްވުރެ ގިނަ ކޭސް ރިޕޯޓްކޮށްފައިވާކަމަށް އެޗްޕީއޭގެ ތަފާސްހިސާބުތަކުން ވަނީ ދައްކާފައެވެ. މިއީ މިދިޔަ އަހަރުގެ މުޅި ޖުމްލަ އަދަދަށްވުރެ އިތުރު އަދަދެކެވެ.
އެޗްޕީއޭއިން ހާމަކުރި ގޮތުގައި މި އަހަރު މި ބަލި އެންމެ ބޮޑަށް ފެތުރެމުންދަނީ ކުޅުދުއްފުށި ސިޓީއާއި، މާލެ ސަރަޙައްދުގެ އިތުރުން ރ. އަތޮޅާއި އއ. އަތޮޅުގައެވެ.
ޑެންގީގެ އިތުރުން ޗިކުންގުންޔާ ޖެހޭ މީހުންގެ އަދަދުވެސް މޭ މަހުގެ ކުރީކޮޅުން ފެށިގެން ދަނީ އިތުރުވަމުންނެވެ.
މޫސުމީ ބަދަލުތަކާއި ވާރޭވެހުމާ މި ބަލިތަކާ ހުރި ގުޅުން ވަރަށް ބޮޑެވެ. ޚާއްސަކޮށް ވައިގެ ތެތްކަން މަތިވުމުން ޑެންގީ ފަތުރާ މަދިރި އާލާވުމަށް މަގުފަހިވާ މުހިންމު ކަންކަމެވެ.
މި ބަލިތައް ފަތުރާ އީޑީސް މަދިރިއަކީ ސާފު ފެން ހަރުލާފައި ހުންނަ ކުދިކުދި ތަންތަނުގައި ބިސްއަޅާ އެއްޗެކެވެ. ގޭގޭގައި ގަސް އިންދަން ގެންގުޅޭ ތަކެއްޗާ، އުކާލާފައި ހުންނަ ފުޅި އަދި މަތި ފަދަ ތަކެތީގައި ހަރުލާ ކުޑަ ފެންފޮދެއްގެ އެހީގައިވެސް މަދިރި އާލާވެދާނެކަމަށް ކަމާބެހޭ ފަރާތްތަކުން އިންޒާރުދެއެވެ.
މަދިރި އާލާވާ ތަންތަން ނައްތާލުމުގެ އިތުރުން، މަދިރި ހެފުމުން ރައްކާތެރިވުމަށް ހަށިގަނޑު ނިވާވާ ފަދަ ހެދުން އެޅުމާއި މަދިރި ދުރުކުރާ ލޯޝަން ފަދަ ތަކެތި ބޭނުންކުރުމަކީ މުހިންމު ކަމެކެވެ. މަދިރީގެ އާބާދީ ކޮންޓްރޯލްކޮށް ބަލިތައް ފެތުރުން ހުއްޓުވުމަކީ މުޅި މުޖުތަމަޢުގެ ފަރުދީ ޒިންމާއެއްގެ ގޮތުގައި ސިއްހީ އިދާރާތަކުން ބާރުއަޅުއްވައެވެ.