ބެކްޓީރިއާ އަޅާފައިވާ 32 މިލިއަން މަދިރި ދޫކޮށްލަނީ

ކިއުލެކްސް މަދިރިން ވެސްޓް ނައިލް ވައިރަސް ފެތުރޭ --- ފޮޓޯ: އައިބީ ޓައިމްސް

ބެކްޓީރިއާ އަޅާފައިވާ 32 މިލިއަން މަދިރި ދޫކޮށްލުމަށް ގޫގުލްގެ ބެލެނިވެރި ކުންފުނި އަލްފަބެޓްގެ ދަށުން ހިންގާ ވެރިލީ ކުންފުނިން ތައްޔާރު ވެއްޖެއެވެ.

އެކުންފުނިން މިތައްޔާރީތައްވަމުންދާއިރު، އެމެރިކާގެ ފްލޮރިޑާ އާއި ކެލިފޯނިއާގެ ސަރަހައްދުތަކަށް މި މަދިރިތައް ދޫކުރުމުގެ ހުއްދައަކަށް އެމެރިކާގެ އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ގައި މިހާރު ވަނީ އެދިފައެވެ.

މި ހުއްދައާ މެދު އާންމުންގެ ޚިޔާލު ހުށަހެޅުމަށް މި މަހުގެ ފަސްވަނަ ދުވަހުގެ ނިޔަލަށް ފުރުސަތު ހުޅުވާލާފައިވާއިރު، މިއީ އެ ކުންފުނީގެ "ޑީބަގް" ޕްރޮގްރާމްގެ ދަށުން ކުރިއަށްގެންދާ ބޮޑު މަޝްރޫޢެކެވެ.

މި މަޝްރޫޢަކީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އާއި ރޮބޮޓިކްސް ބޭނުންކޮށްގެން، ވެސްޓް ނައިލް ވައިރަސް ފަދަ ނުރައްކާތެރި ބަލިތައް ފަތުރާ "ކިއުލެކްސް" ބާވަތުގެ މަދިރި އާލާވުން ހުއްޓުވުމަށް ހިންގާ ސައިންޓިފިކް ދިރާސާއެކެވެ.

https://sun.mv/221277

މި މަދިރިތަކުގެ ހަށިގަނޑުގައި "ވޮލްބާކިއާ" ކިޔާ ގުދުރަތީ ބެކްޓީރިއާއެއް އަށަގަންނުވާފައިވާއިރު، މި މަދިރިތައް ދޫކޮށްލުމުން ޖަންގަލީގައި އުޅޭ އަންހެން މަދިރިތަކާ ގުޅިގެން އަޅާ ބިސްތަކުން ޅަމަދިރި އެއް ނުއުފެދޭނެއެވެ.

މި އުކުޅަކީ ޖެނެޓިކް މޮޑިފިކޭޝަން ނުވަތަ ކެމިކަލް އެއްވެސް ބޭހެއް ބޭނުންނުކޮށް މަދިރީގެ އާބާދީ ދަށްކުރުމަށް ބޭނުންކުރާ ރައްކާތެރި ގޮތެއް ކަމަށް މިކަން ކުރާ ފަރާތްތަކުން ބުނެއެވެ. އަދި އާންމުން ބިރުގަންނަންޖެހޭ ފަދަ ކަމެއް ނެތް ކަމަށާއި، އިންސާނުންގެ ގައިގާ ހަފަނީ ހަމައެކަނި އަންހެން މަދިރި ކަމަށްވުމުން، ދޫކޮށްލާ މި ފިރިހެން މަދިރިތަކުގެ ސަބަބުން އިންސާނުންނަށް އެއްވެސް ނުރައްކަލެއް ކުރިމަތިނުވާނެ ކަމުގެ ޔަގީންކަން ވެސް ވަނީ ދީފައެވެ.

މިފަދަ ޓެކްނޮލޮޖީއެއް މީގެ ކުރިން ކެލިފޯނިއާގެ ފްރެސްނޯ ކައުންޓީގައްޔާއި ސިންގަޕޫރުގައި ވެސް ވަނީ ކާމިޔާބުކަމާއެކު އަޖުމަބަލާފައެވެ. އޭގެ ތެރެއިން ސިންގަޕޫރުގައި ހެދި ދިރާސާތަކުން ދެއްކި ގޮތުގައި މިގޮތަށް މަދިރި ދޫކޮށްލުމުގެ ސަބަބުން ޑެންގީ ހުން ޖެހުމުގެ ފުރުސަތު %70 އަށް ވުރެ ބޮޑަށް ދަށްވެގެންދިޔައެވެ.

ބައެއް ސައިންސްވެރިންނާއި ތިމާވެށި ހިމާޔަތް ކުރުމުގައި ހަރަކާތްތެރިވާ ފަރާތްތަކުން މިކަމާ މެދު ކަންބޮޑުވުން ފާޅުކުރެއެވެ. އެފަރާތްތަކުން ބުނާ ގޮތުގައި މަދިރިއަކީ ދޫންޏާއި، ވާލާއި، ފަދަ ދިރުންތަކުގެ މުހިންމު ކާނާއަކަށް ވާއިރު، އެއްފަހަރާ ގިނަ އަދަދެއްގެ މަދިރި މަދުވެގެން ދިއުމުން ތިމާވެށީގެ ގުދުރަތީ ނިޒާމަށް ނޭދެވޭ އަސަރުތަކެއް ކޮށްފާނެއެވެ.

comment ކޮމެންޓް