މުހައްމަދު ނިޔާޒް (ޓެޑްރީ)ގެ އިޓާނަލް ޕިކްޗާސްގެ އާ ފިލްމު "ލަސްވިޔަސް" އަކީ މިހާތަނަށް ބެލުނު އެންމެ ރީތި ދިވެހި ފިލްމު ކަމަށް ދިވެހި ފިލްމު އިންޑަސްޓްރީގެ އެންމެ މަގުބޫލު އެއް ބަތަލާ ނިއުމާ މުހައްމަދު ބުނެފިއެވެ.
މިހާރު އޮލިމްޕަހުގައި ދައްކަމުން އަންނަ ފިލްމު ލަސްވިޔަސްއަކީ ނިއުމާއަށް ވަރަށް ހާއްސަ ފިލްމެކެވެ. އެގޮތުން މި ފިލްމަކީ ނިއުމާގެ ދަރިފުޅު ޒޯޔާ ހަސަން އެކްޓިންއަށް ނެރެ ދިވެހި ފިލްމު އިންޑަސްޓްރީއިން ފުރަތަމަ ފަހަރަށް ފެންނަ ޕްރޮޖެކްޓެވެ. ޒޯޔާގެ އެކްޓިންއަށް ނިއުމާ ވަނީ މީގެކުރީން ވެސް ތައުރީފު ކޮށްފައެވެ.
އެންމެފަހުން ނިއުމާ މިއޮތީ ލަސްވިޔަސް ފިލްމަށް ވެސް ތައުރީފު ބަންޑުން ކޮށްލާފައެވެ.
އޭނާ ފޭސްބުކްގައި އާންމުކުރި ޕޯސްޓެއްގައި ބުނެފައިވަނީ ފިލްމު އެހާ ފުރިހަމަވެފައި މުޅި ކާސްޓުގެ އެކްޓިން ވަރަށް ފުރިހަމަ ކަމަށެވެ. މުޅި ކާސްޓަށް ވެސް ނިއުމާގެ ތައުރީފު ރައްދުކޮށްފައިވާއިރު އެންމެ ހާއްސަ ކަމެއް އޭނާ ވަނީ އޭނާގެ ދަރިފުޅު ޒޯޔާއަށް ދީފައެވެ.
މި ފިލްމަކީ ކައިވެނި ރޫޅުމާއި ޕޯސްޓް ޕާޓަމް ޑިޕްރެޝަން ފަދަ ބޮޑެތި މައުލޫތައް ވަރަށް ފުރިހަމައަށް ދައްކުވައިދީފައިވާ ފިލްމެއް ކަމުގައި ނިއުމާ ފާހަގަކޮށްފައިވެއެވެ.
ފިލްމުގެ ފުރިހަމަ ކަމަށް ނިއުމާ ވަނީ ޓެޑްރީއަށް ޝުކުރު ވެސް އަދާކޮށްފައެވެ. އަދި، ޓެޑްރީގެ މަސައްކަތް ފުރިހަމަކަމުން އެއަށް 100 އިން 100 އެއް ދޭވަރުވާ ކަމަށް ވެސް ނިއުމާ ފާހަގަކުރިއެވެ.
ޓެޑްރީގެ ވާހަކައަކަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ފިލްމު ލަސްވިޔަސްގެ ލީޑް ރޯލުން ފެންނާނީ އަހުމަދު އީސާ (އާނަންދު)އާއި ވާޝިޔާ މުހައްމަދު އަދި މަރިޔަމް ޝިފާއެވެ. އެ ފިލްމަކީ ޓެޑްރީގެ އަމިއްލަ ވާހަކައަކަށް އަމިއްލަ ޕްރޮޑިއުސް/ޑައިރެކްޓް ކޮށްފައިވާ ފިލްމެކެވެ.
"ލަސްވިޔަސް" އަކީ ޓެޑްރީގެ ތިންވަނަ ފިލްމެވެ. އޭނާގެ ފުރަތަމަ ފިލްމު "ދެރިޔާ" އަދި ކާމިޔާބު ފިލްމު "އަމާނާތް" ވެސް ވަނީ ބެލުންތެރިންގެ މެދުގައި ބޮޑު މަގުބޫލު ކަމެއް ހޯދާފައެވެ. އޭނާގެ އެންމެ ފަހުގެ ފިލްމަށްފަހު ލަސްވިޔަސް ރިލީޒްކޮށްފައި މިވަނީ 30 އަހަރު ފަހުންނެވެ.