ޓްރީޓޮޕް ހޮސްޕިޓަލުގެ ފާޓިލިޓީ ކްލިނިކުން ފޯރުކޮށްދެމުންދާ ދަރިމައިވުމުގެ ފަރުވާ އަދި އިންޓްރަ ޔުޓަރިން އިންސެމިނޭޝަން (އައިޔޫއައި) ޕްރޮސީޖާއަށް އާސަންދަ ސްކީމްގެ ފުރިހަމަ ކަވަރޭޖް ހަމަޖެހިއްޖެއެވެ.
މީގެ ކުރިން އާސަންދައިގެ ދަށުން އައިޔޫއައި ޕްރޮސީޖާއަށް ލިބުނީ ޕާޝަލް ކަވަރޭޖެކެވެ. ނަމަވެސް މިހާރު އައިޔޫއައި ޕްރޮސީޖާއަށް އާސަންދައިގެ ފުލް ކަވަރޭޖް ލިބުމުން މި ފަރުވާ ހޯދަމުންދާ ގިނަ ފަރާތްތަކަށް އުފުލަން ޖެހޭ މާލީ ބުރަޔަށް ލުއިކަމެއް ލިބިގެންދާނެ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.
ޓުރީޓޮޕުން ބުނީ މި ހެޔޮ ބަދަލުގެ ސަބަބުން ދަރިމައިވުމުގެ މައްސަލަތައް ދިމާވެފައިވާ ގިނަ ފަރާތްތަކަށް މި ޚިދުމަތް ހޯދުމުގެ މަގުފަހިވެގެންދާނެ ކަމަށެވެ.
ޓްރީޓޮޕް ހޮސްޕިޓަލުގެ ސީއީއޯ ޑރ. ސްރިދާރް ސްރިވަޓްސަން ވިދާޅުވީ އާސަންދަ ސްކީމުން އައިޔޫއައި ޚިދުމަތުގެ ފުލް ކަވަރޭޖް ހަމަޖެހުމަކީ، ދަރިމައިވުމާއި އާއިލާއެއް ބިނާކުރުމުގެ މައްސަލަތައް ދިމާވެފައިވާ ގިނަ ފަރާތްތަކުގެ ހުވަފެން ހަޤީޤަތަކަށް ހަދައިދިނުމަށް އެ ޓީމުން ކުރަމުންދާ މަސައްކަތަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.
"ފާޓިލިޓީ ސްޕެޝަލިސްޓެއްގެ ހައިސިއްޔަތުން މި ޚަބަރު ލިބުމުން ވަރަށް އުފާވޭ. އާސަންދައިން އައިޔޫއައި ޕްރޮސީޖާތަކުގެ ފުރިހަމަ ކަވަރޭޖް ލިބުމުން އާއިލާއެއް ބިނާކުރަން ބޭނުންވެފައިވާ ފަރާތްތަކަށް މާލީ ގޮތުން އޮތް ބޮޑު ހުރަހެއް މިވަނީ ނައްތާލެވިފައި، އަދި މީގެ ސަބަބުން ގިނަ ފަރާތްތަކަށް މި ޚިދުމަތް ލިބުމަށްމިވަނީ މަގުފަހިވެފައި،" ޓްރީޓޮޕް ހޮސްޕިޓަލުގެ ފާޓިލިޓީ ކްލިނިކްގެ އިސްވެރިޔާ ޑރ. އަނީތާ ގައުރު ވިދާޅުވިއެވެ.
ދަރިމައިވުމާ ގުޅުންހުރި މައްސަލަތަކަށް ފަރުވާ ދިނުމަށް ޓްރީޓޮޕް ހޮސްޕިޓަލުގައި މިދިޔަ އަހަރުވަނީ ފާޓިލިޓި ކްލިނިކެއް ގާއިމްކޮށް، ރާއްޖޭގައި ފުރަތަމަ ފަހަރަށް އައިވީއެފް އަދި އައިޔޫއައި ޚިދުމަތް ދޭން ފަށާފައެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގެ އެންމެ ފުޅާ ދާއިރާއެއްގައި ސިއްޙީ ޚިދުމަތްފޯރުކޮށްދޭ ހޮސްޕިޓަލެކެވެ.