ލޯންޗެއް ވަގަށް ނަގައިގެން 14 އަހަރުގެ ކުއްޖަކު ލޯބިވެރިޔާ ގާތަށް މާލެއަށް

ކުޑަކުއްޖާ މާލެ ދާން ވަގަށް ނަގައިގެން ދަތުރުކުރި ލޯންޗު --

ސިނަމަން ވެލިފުށި ރިސޯޓުގެ ލޯންޗެއް ވަގަށް ނަގައިގެން ކުޑަ ފިރިހެން ކުއްޖަކު އޭނާގެ 'ލޯބިވެރިޔާ'އާ ބައްދަލުކުރަން މާލެ އައި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް މިއަދު ފެންމަތިވެއްޖެއެވެ.

ލޯންޗެއް ވަގަށް ނަގައިގެން މާލެ އައި ކަމަށް ތުހުމަތުކުރެވެނީ 14 އަހަރުގެ ކުޑަ ފިރިހެން ކުއްޖެކެވެ.

ކުޑަކުއްޖާ ނިސްބަތްވާ ރަށުގެ ކައުންސިލްގެ ރައީސް މިއަދު 'ސަން'އަށް ވިދާޅުވީ، އޭނާ ފިލައިގެން ގޮސްފައިވަނީ މިއަދު ހެނދުނު ކަމަށެވެ. ލޯންޗު ވަގަށް ނަގައިގެން ކުއްޖާ ދިޔަކަމަށް ތުހުމަތުކުރެވެނީ ރަށުގައި އަޅާފައި އޮތް ލޯންޗާ އެކު އެ ކުއްޖާ ވެސް ގެއްލުމުން ކަމަށް އޭނާ ވިދާޅުވިއެވެ.

"އަނެއްކާ ރަށުގެ ބައެއް މީހުންނަށް ފެނިފައި އެބަހުރި އޭނާ ދަނިކޮށް،" އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ކުއްޖާ މާލެއަށް ދިޔަކަމަށް ތުހުމަތު ކުރެވެނީ ބައެއް މީހުންނަން މާލޭން އެ ކުއްޖާ ފެނިފައިވާތީ ކަމަށެވެ. އަދި، އެ ކުއްޖާ ދުއްވި ލޯންޗު ވެސް މިހާރު ފެނިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ރަށު އާންމުންގެ މީހަކު "ސަން"އަށް މައުލޫމާތު ދެމުން ތުހުމަތުކުރި ގޮތުގައި، އެ ކުއްޖާ މާލެ އައީ ލޯބިވެރިޔާއާ ބައްދަލުކުރާށެވެ.

އެ ކުއްޖާގެ ލޯބިވެރިޔާ އުޅެނީ ހުޅުމާލޭގައި ކަމަށާއި އެ ކުއްޖާ މާލެ އައީ މަންމަގެ ކޭޝް ކާޑާއި ފޯނު އަދި ބައެއް އަންނައުނު ވެސް ހިފައިގެން ކަމަށް ވެސް އޭނާ ތުހުމަތުކުރިއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ބުނީ، މ. އަތޮޅުން ލޯންޗެއް ގެއްލިގެން މިއަދުގެ ވަގުތެއްގައި ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އެ ލޯންޗު ހުޅުމާލޭ، އެމްޓީސީސީ ފެރީ ޓާމިނަލް ކައިރީ ފަޅުގައި އޮއްވައި މިހާރު ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން މިހާރު އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

ފިލައިގެން ދިޔަ ކުއްޖާއަކީ ކިޔަވަން ވެސް މޮޅު ތޫނުފިލި ކުއްޖެއް ކަމަށް އެ ރަށުން ވާހަކަ ދެއްކި ބައެއް މީހުން ބުންޏެވެ.

ރަށުން ވާހަކަ ދެއްކި މީހަކު ބުނީ އެ ކުއްޖާގެ ބައްޕައަކީ ޑިންގީ ދުއްވާ މީހެއް ކަމަށެވެ. އެހެންވެ، ލޯންޗުފަހަރު ދުއްވަން އެ ކުއްޖާ ވެސް ފަރިތަކަމަށް އޭނާ ބުންޏެވެ. ކުޑަކުއްޖާ މިހާރު މާލެއިން ފެނިފައިވާ ކަމަށް އެ މީހާ ބުންޏެވެ.

comment ކޮމެންޓް