މިދިޔަ ހޯމަ ދުވަހުގެ ރޭ ކ. ގުރައިދޫއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވި ނަމަވެސް، މިހާރު އެ ރަށުގެ ހާލަތު ރަނގަޅުވެއްޖެ ކަމަށް ކައުންސިލްގެ ނައިބު ރައީސް އިބްރާހިމް ޝަލީޒް ވިދާޅުވެއްޖެއެވެ.
ހޯމަ ދުވަހުގެ ރޭ ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ގިނަ ގެތަކަކަށް ގެއްލުން ވެ، ހަ ގެއެއްގައި ދިރިއުޅޭ މީހުންނަށް ވަނީ ވަގުތީ ހިޔާވަހިކަން ހޯދައިދީފައެވެ.
ޝަލީޒް ވިދާޅުވީ ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދިން އެންމެން ވެސް އިއްޔެ އެ މީހުންގެ ގެތަކަށް ބަދަލުވެފައި ވާކަމަށެވެ. އެ މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދިނީ ރަށުގެ ގެސްޓް ހައުސްތަކުންނެވެ.
"ހަމަ އެކަނި އެރޭ ވަގުތީ ބޯހިޔާވަހިކަމުގައި ތިބީ. ދެން އަނެއް ދުވަހު ގެތައް ސާފުކޮށްފައި ބަދަލުވެއްޖެ،" ޝަޒީލް ވިދާޅުވިއެވެ.
ގުރައިދޫއަށް ވާރޭ ވެހެން ފެށީ ހޯމަ ދުވަހުގެ ރޭ 19:30 ހާއިރުއެވެ. އަދި އެރޭ 22:00 ވީއިރު ވެސް ވާރޭ، ހުއްޓައިނުލައި ވެހެމުން ދިޔަކަމަށް ޝަޒީލް މީގެ ކުރިން ވިދާޅުވިއެވެ. އެރޭ ވެހުނު ވާރޭގައި ގެއްލުންވެގެން 50އެއްހާ ގެ ނޯޓު ކުރެވުނު ކަން ވެސް އޭނާ ފާހަގަ ކުރެއްވިއެވެ.
މިދިޔަ ޑިސެމްބަރު މަހު ވެސް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ފެން ބޮޑުވެ ގުރައިދޫގެ ގެތަކަށް ގެއްލުންވިއެވެ.
އެހެން ނަމަވެސް މިފަހަރު ވަނީ ކުރީ ފަހަރަށް ވުރެ ވެސް ބޮޑަށް ގެތަކަށް ގެއްލުން ލިބިފައެވެ.
ޝަޒީލް ވިދާޅުވީ ހޯމަ ދުވަހުގެ ރޭގެ 1:00 ހާއިރު ކައުންސިލުންނާއި އެމްއެންޑީއެފުން މަސައްކަތްކޮށް ފެންގަނޑު އެއްކޮށް ހިންދާލެވިފައިވާ ކަމަށެވެ. އިއްޔެ އުޑުމަތި ބަނަކޮށް އޮތް ނަމަވެސް، މިހާރު ގުރައިދޫއަށް މޫސުން ރަނގަޅު ވެފައި ވާކަން ވެސް ޝަޒީލް ފާހަގަ ކުރެއްވިއެވެ.
މިހާރު ރާއްޖޭގެ އެކި ސަރަހައްދުތަކަށް ކުރަމުން އަންނަ ވިއްސާރައިގައި މާލޭގެ އިތުރުން ރާއްޖޭގެ އެކި ރަށް ރަށުގައި ވެސް ފެންބޮޑުވެއެވެ. އެގޮތުން ބޯކޮށް ވާރޭ ވެހި ށ. ފޯކައިދޫގައި ވެސް ވަނީ ބައެއް ގެތަކަށް ފެން ވަދެފައެވެ.