އިމްރާން ޚާންގެ އެނބުރި އައުން ބޮޑު ބޭބެ އާމިރުގެ ފިލްމަކުން

އިމްރާން ޚާން ބޮޑު ބޭބެ އަދި އެކްޓަރު އާމިރު ޚާންއާ އެކު--ފޮޓޯ/ފިލްމުފެއަ

ޒުވާނުންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދި ފިލްމު "ޖާނޭ ތޫ ޔާ ޖާނެ ނާ"އިން ބޮލީވުޑަށް ތައާރަފްވި އެކްޓަރު އިމްރާން ޚާން ފިލްމީ ދާއިރާއަށް އެނބުރި އަންނަ ފިލްމު އިއުލާނުކޮށްފިއެވެ.

ފިލްމު "ކައްޓީ ބައްޓީ"އިން 2015ވަނަ އަހަރު ބެލުންތެރިންނަށް ފެނުނު އެކްޓަރު އެނބުރި ފިލްމީ ދާއިރާއަށް ނުކުންނަނީ ނުވަ އަހަރު އެ ދާއިރާއާ ދުރުގައި އުޅުމަށް ފަހުއެވެ.

ފިލްމީ ޚަބަރުތަކާ ހަވާލާދީ މީޑިއާ ރިޕޯޓުތަކުން ބުނެފައި ވަނީ އިމްރާން ޚާން އެނބުރި ފިލްމީ ދާއިރާއަށް ނުކުންނާނީ ބޮޑު ބޭބެ އާމިރު ޚާންގެ އަމިއްލަ ކުންފުނި އާމިރު ޚާންސް ޕްރޮޑަކްޝަންއިން ގެނެސްދޭ ކޮމެޑީ ފިލްމަކުންނެވެ. އިންޑިއާގެ މަޝްހޫރު ސްޓޭންޑް އަޕް ކޮމޭޑިއަން އަދި އެކްޓަރު ވީރު-ދާސް ޑައިރެކްޓް ކުރާ މި ފިލްމުގެ ނަމަކީ 'ހެޕީ ޕަޓޭލް"އެވެ. މިއީ ވީރު-ދާސް އަލަށް ޑައިރެކްޝަނަށް ނުކުންނާނެ ފިލްމު ކަމަށް މީޑިއާ ރިޕޯޓުތަކުން ވަނީ ބުނެފައެވެ.

އިމްރާން ޚާން ބަތަލާ ޖެނީލިއާއާ އެކު ފިލްމު "ޖާނޭ ތޫ ޔާ ޖާނެ ނާ"ގެ މަންޒަރެއްގައި--ފޮޓޯ/އިންޑިއާޓިވީ

މި ފިލްމުގެ ބައެއް މަންޒަރުތައް އިންޑިއާގެ ގޯއާގައި ނަގާފައި ވާއިރު އިމްރާން ޚާންއާ އެކު ފިލްމުގައި ބަތަލާގެ ރޯލްއިން ފެންނާނީ މޯނާ ސިންގްއެވެ. މޯނާ ވަނީ މީގެކުރިން އާމިރު ޚާންއާ އެކު ފިލްމު "ތުރީ އިޑިއަޓްސް" އަދި އާމިރު ޚާން އެންމެ ފަހުން ފެނުނު ފިލްމު "ލާލް ސިންގް ޗައްދާ" ގައި މަސައްކަތް ކޮށްފައެވެ.

މީގެކުރިން އިމްރާން ފިލްމީ ދާއިރާއަށް އެނބުރި ނުކުންނާނެ ކަމަށް އަޑު އަރާފައި ވަނީ ސްޕައި ތުރިލަ ވެބް ސީރީސްއަކުންނެވެ. އެހެންނަމަވެސް މި ވެބް ސީރީސްގެ މަސައްކަތް ހުއްޓުމަކަށް އައިސްފައިވާތީ އިމްރާނު ބޭނުންވީ އެކްޓަރު އާމިރު ޚާންގެ ފަރާތުން ލިބުނު ފުރުސަތާ އެކު ކުރިޔަށް ދިއުމަށެވެ.

އިމްރާން ޚާން އަކީ ފިލްމީ އާއިލާއަކުން އިންޑަސްޓްރީއަށް ނުކުތް މީހަކަށްވީ ނަމަވެސް ކެރިއަރުގައި ކުޅުނު ގިނަ ފިލްމުތަކަށް ކުރިމަތިވި ނާކާމިޔާބީއާ އެކު ފިލްމީ ދާއިރާއިން ދުރަށް ދިޔައެވެ. ފިލްމީ ދާއިރާއަށް އެނބުރި އައުމަށް އެންމެ ބޮޑު ހިތްވަރެއް ލިބުނީ ބޮޑު ބޭބެ އާމިރު ޚާންގެ ފަރާތުން ކަމަށް އިމްރާނު ވަނީ ބުނެފައެވެ.

comment ކޮމެންޓް