ފެންނައިރަށް، މުސާރަ ކިހާވަރެއްތޯ އަހާތީ އުނދަގޫވޭތަ؟

މީހަކު ޑޮލަރުތަކެއް ގުނަނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މިއީ މަދުން ނަމަވެސް މިހާރު ވެސް ގިނަ ބަޔަކަށް އާއްމުކޮށް ކުރިމަތިވާ ސުވާލެކެވެ. ކޮންމެއަކަސް އަދާކުރާ ވަޒީފާއިން ލިބޭ ހައްގު މުސާރަ ނުވަތަ އާމްދަނީގެ ވާހަކައަކީ ވަރަށް ޒާތީ 'ޕާސަނަލް" ވާހަކައެކެވެ. އެއީ, އަންހެނަކަށް ވިޔަސް އަދި ފިރިހެނަކަށް ވިޔަސް އެކަން އޮންނަ ގޮތެވެ.

މީގެ އެތައް އަހަރު ފަހަތަށް ޖެހިލާއިރު ނުފެނި ގިނަ ދުވަސްވެފައިވާ އާއިލާގެ މީހަކާ ނުވަތަ ރަޙްމަތްތެރިއަކާ ބައްދަލުވުމުން ލިބޭ އާމްދަނީގެ މިންވަރު އެހުމަކީ ވަރަށް އާއްމުކަމެކެވެ. ހާއްސަކޮށް ރަށުން ބޭރުގައި ވަޒީފާ އަދާކުރުމަށް ފަހު ޗުއްޓީއަށް ރަށަށް ދިއުމުން އެއީ އެންމެ ގިނައިން އޭރު ގިނަބަޔަކަށް ކުރިމަތިވާ ސުވާލެކެވެ.

މި އާދަ ނެތެމުންދާން ފެށީ 2,000ގެ އަހަރުތައް ފެށުމުންނޭ ބުނެވިދާނެއެވެ. ޒަމާނަށް އައި ތަރައްޤީއާ އެކު ކުރިއަރާފައިވާ ބޭރު ބައެއް ޤައުމުތަކުގެ އާދަކާދަތައް ދަސްވިއިރު އަނެކާއަށް ލިބޭ މުސާރައިގެ ވާހަކަ އެހުމަކީ ދެ މީހުންނަށް ވެސް ވަރަށް ބޮޑު ނުތަނަވަސްކަމެއް ގެނުވައިދޭ ކަމެއްކަން ގިނަބަޔަކަށް އިހުސާސްވާން ފެށިއެވެ.

ބައެއް މީހުން ދެކޭ ގޮތުގައި ލިބޭ އާމްދަނީގެ ވާހަކައަކީ ވަރަށް ޒާތީ 'ޕާސަނަލް' ވާހަކައެއް -- ފޮޓޯ/ޕިންޓްރެސްޓް

މިކަމާ ގުޅިގެން ބައެއް ރަހުމަތްތެރިންނާ ޚިޔާލު ބަދަލުކޮށްލުމުން އެނގުނު ގޮތުގައި މަސައްކަތް ކުރާ އޮފީހުގެ ގޮތުން ވެސް ލިބޭ އާމްދަނީގެ އަދަދު ބައެއް މީހުން ހިތު ހިސާބުން އަންދާޒާ ކޮށްލައެވެ. މިސާލަކަށް ބޭންކިންގް، އެއާޕޯޓް ކުންފުނި ނުވަތަ އޭވިއޭޝަން އަދި ހާއްސަކޮށް ރިސޯޓެއްގައި ވަޒީފާ އަދާކުރާ މީހުންނަށް މި ސުވާލު ކުރިމަތިވާ މިންވަރު އެހެން ދާއިރާތަކުގެ މުވައްޒަފުންނަށް ވުރެ މާ ގިނައެވެ.

ގިނަ ބަޔަކު ދެކޭގޮތުގައި އެ މީހަކު ބުރަ މަސައްކަތުން ހޯދާ އާމްދަނީގެ އަދަދު ހުރިހާ އެންމެންނަށް އެނގުން މުހިއްމެއް ނޫނެވެ. އެއީ، އާއިލާގެ މެންބަރަކަށް ވިޔަސް އަދި ގާތް ރަޙުމަތްތެރިއަކަށް ވިޔަސް މެއެވެ.
ލިބޭ އާމްދަނީ ނުވަތަ މުސާރައިގެ މިންވަރު ކޮންމެހެން އެނގުން މުހިއްމު މީހުންގެ ތެރޭ އަމިއްލަ މައިންބަފައިން އަދި ހަޔާތުގެ ބައިވެރިޔާ ހިމެނޭއިރު ބައެއް މީހުންނަކީ އެ މީހުންގެ އަމިއްލަ ދަރިންނަށް ވެސް ލިބޭ އާމްދަނީގެ މިންވަރު ސިއްރުކުރާ މީހުންނެވެ.

ސަބަބަކީ ފައިސާގެ މުހިއްމުކަމާ ފައިސާ ހޯދަން ކުރާ ބުރަ މަސައްކަތުގެ އަގު އެ ކުދިންނަށް ވަޒަންކޮށްދިނުމަށެވެ. ތިމާ ކުރާ މަސައްކަތުން ހޯދާ އާމްދަނީގެ ވާހަކަ ފާޅުކަން ބޮޑު ގޮތެއްގައި ދައްކާނަމަ އެކަމުން ދޭދޭ ގުޅުމަށް އަސަރުކޮށް އެކަކު އަނެކަކުގެ ހިތުގައި ހަސަދަވެރިކަމުގެ ހުޅު ރޯވުމަކީ ވަރަށް ކައިރިކަމެއް ކަމުގައި ބައެއް މީހުން ދެކެއެވެ.

އެހެންވެ، ލިބޭ އާމްދަނީގެ ވާހަކަ އެކަކު އަނެކަކަށް ނުދެއްކުމަކީ ހުރިހާ ގޮތަކުން ވެސް އެންމެ މަސްލަހަތު ރަނގަޅު ގޮތެވެ.

comment ކޮމެންޓް