މި ދުވަސްވަރަކީ ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ދުވަސްކޮޅަކަށް ވެފައި ތަފާތު އެކި ވައްތަރުގެ މީރު މީރު ކެއުންތައް ސޯޝަލް މީޑިއާއިން ފެނުމަކީ އާއްމުކަމެކެވެ. ވިއްސާރަ ދުވަކޮޅެއް ކުރިމަތިވެއްޖެނަމަ އެ މޫސުމުގެ އެންމެ ގާތް އެކުވެރިއަކީ ރޮއްޓާއި، ރިހާކުރު އަދި ކަޅު ސައެވެ.
ހޫނު ހޫނުކޮށް ފިހެފައި ހުންނަ ހުނި ރޮށި ނުވަތަ ޑިސްކާ އެކު ކުޅި ރިހާކުރާ ކަޅު ސަޔަކީ ބޯކޮށް ވެހޭ ވާރޭގެ މިއުޒިކާ އެކު މާހައުލަށް ވެސް އުފާވެރިކަން ގެނެސްދޭ ކެއުމެކެވެ. ބައެއް މީހުން ޑިސްކު ނުވަތަ ހުނި ރޮށީގެ ބަދަލުގައި މުރަނަ ރޮއްޓާ އެކު ރިހާކުރާ ޖައްސައިގެން ކާން ލޯބިކުރާއިރު ކަޅު ސައިގެ ބަދަލުގައި ތަފާތު އެކި ފްލެވާތަކުގެ ސައި ތައްޔާރުކުރުމަކީ ވެސް ޒަމާނަށް އައި ބަދަލާ އެކު ފެންނަ މަންޒަރެކެވެ.
އޭގެ ތެރޭގައި މިންޓް ސައި، މަސާލާ ސައި، ކާޑަމަމް ނުވަތަ ކާފޫރުތޮޅި ސައި އަދި އިނގުރު ސައި ހިމެނެއެވެ. މިހާ ހިސާބުން ނިމުނީކީ ނޫނެވެ. މުރަނަ ރޮއްޓާ އެކު ޑިސްކު ކެއުމަށް ބައެއް މީހުން ފޯރި ހުންނައިރު ރިހާކުރާ ޖައްސައިގެން ފާރޮށި ކެއުމަކީ ވެސް ވަރަށް ގިނަ ބައަކަށް ކަމުދާ ކެއުމެކެވެ.
"ރިހާކުރާ އެކު އަހަންނަށް އެންމެ މީރީ ހަމަ ހުނި ރޮށި. ދެން ހުވަނދުމާ ސަޔާ އެކު ބޯލަން ލިބުމަކީ އެއީ ލިބޭނެ އެންމެ ބޮޑު އުފާ،" ވިއްސާރަ މޫސުމާ ގުޅުވައިގެން އެންމެ ކާހިތްވާ ކެއުމާ ބެހޭގޮތުން ޒުވާނަކު ބުންޏެވެ.
މި މައުޟޫއާ ގުޅުވައިގެން މަޝްވަރާ ހޯދާލި ބައެއް އެކުވެރިން ދެކޭގޮތުގައި މިގޮތަށް ހޫނު ރޮއްޓާ އެކު ރިހާކުރާ ޖައްސައިގެން ސައި ތައްޔާރުކޮށްލުމަކީ އާއިލާގެ މެދުގައި އަދި އެކުވެރިންގެ މެދުގައި އޮންނަ ގުޅުން ވަރަށް ބޮޑަށް ބަދަހިވާ ކަމެކެވެ. ޚާއްސަކޮށް މި ދުވަސްވަރަކީ ސްކޫލް ބަންދު ދުވަސްކޮޅަށްވެފައި އާއިލާގެ ގިނަ މެންބަރުން އެއްތަނަކަށް ޖަމާކޮށް މީރު ސަޔެއް ތައްޔާރުކޮށްލުމަށް އެންމެ މުނާސަބު ވަގުތު ވެސް މެއެވެ.