ފިލްމީ ދާއިރާއަށް ނުކުމެވުނީ އިއްތިފާގަކުން: އާމިރު ޚާން

އެކްޓަރު އާމިރު ޚާން--ފޮޓޯ/ޓައިމްސްނިއުއިންޑިއާ

ފިލްމު އުފެއްދުމުގެ މަސައްކަތްކުރާ އާއިލާއަކަށް ނިސްބަތްވީ ނަމަވެސް ފިލްމީ ދާއިރާއިން ކުރިއަށްދާން އެއްވެސް ވަރަކަށް ނުނިންމާ ކަމަށާއި އެ ދާއިރާއަށް ހަގީގަތުގައި ނުކުމެވުނީ އިއްތިފާގަކުން ކަމަށް އެކްޓަރު އާމިރު ޚާން ބުނެފިއެވެ.

ނެޓްފްލިކްސްއިން ގެނެސްދޭ "ދަ ގްރޭޓް އިންޑިއަން ކަޕިލް ޝޯ"ގެ އެންމެ ފަހު އެޕިސޯޑުގައި މެހެމާނެއްގެ ގޮތުން ބައިވެރިވެ އާމިރު ޚާން ވަނީ ފިލްމީ ދާއިރާއަށް ނުކުމެވުނުގޮތް ވަރަށް ތަފުސީލުކޮށް ބެލުންތެރިންނާ ހިއްސާކޮށްފައެވެ. އާމިރު ޚާން ކިޔައިދިން ގޮތުގައި އެކްޓަރުގެ ބައްޕަ ތާހިރު ހުސެއިނާއި ބައްޕަ ފަރާތު ބޮޑު ބޭބެ ނާސިރު ހުސެއިނަކީ އޭރުގެ އެންމެ ކާމިޔާބު ފިލްމު ޕްރޮޑިއުސަރުންނަށްވީ ނަމަވެސް އާއިލާގެ އެއްވެސް މެންބަރަކު ފިލްމީ ދާއިރާއަށް ނުކުތުމަކީ އާއިލާއިން އެހާ ރުހޭ ކަމެއް ނޫނެވެ.

އެކްޓަރު އާމިރު ޚާން އަދި ބައްޕަ ތާހިރު ހުސެއިން --ފޮޓޯ/ފޭސްބުކް

ސަބަބަކީ ފިލްމުތައް ކާމިޔާބުވުމާ މެދު އޮންނަ އިތުބާރު ކުޑަވުމުން މައިންބަފައިން ބޭނުންވީ އާއިލާގެ ހުރިހާ ކޮންމެ ވެސް އެހެން ޕްރޮފެޝަނަލް ދާއިރާއަކުން ކުރިއަށް ދިއުމަށް ކަމަށް އާމިރު ވަނީ ބުނެފައެވެ. ސްކޫލް ދައުރުގައި ވެސް އާމިރަކީ ވަރަށް މޮޅު ޓެނިސް ކުޅުންތެރިއެއް ކަމަށާއި ސްކޫލުގައި ކުރިއަށްގެންދިޔަ ތިއޭޓަރު ޝޯވްތަކުގައި ބައިވެރިވުމަށް އޭރު ވެސް ޝައުގު ހުންނަކަމަށް އާމިރު ވަނީ ކިޔައިދީފައެވެ.

އެހެންނަމަވެސް އެއްފަހަރު ސްކޫލް އިމުތިހާނުގައި ދެ މާއްދާއިން ފޭލްވުމުން ސްކޫލްގެ އިތުރު ހަރަކާތްތަކުގައި ބައިވެރިވުން ބައްޕަ ތާހިރު ހުސެއިން މަނާކުރި ކަމަށް އާމިރު ވަނީ ބުނެފައެވެ. އެ ދުވަހު ވެސް ތިއޭޓަރުގައި މަސައްކަތް ކުރުމަށް ޝައުގުވެރިވާކަން ބައްޕަ ގާތު ބުނަން ބިރުގަތް ކަމަށް ބޮލީވުޑްގެ "ޕާފެކްޝަނިސްޓް"ގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރާ އެކްޓަރު ވަނީ ބުނެފައެވެ.

އެކްޓަރު އާމިރު ޚާން ކޮމޭޑިއަން ކަޕިލް ޝަރުމާއާ އެކު--ފޮޓޯ/ޓައިމްސްނިއުއިންޑިއާ
އާމިރު ކިޔަވަން އުޅުނު ކޮލެޖުގެ ތިއޭޓަރު ޝޯތަކުގެ އޮޑިޝަންއިން ފުރުސަތު ނުލިބުމުން ދެން މަސައްކަތްކުރީ ގުޖުރާތީ ޕްލޭއަކުން ފުރުސަތު ލިބުމުން އޭގެ މަސައްކަތުގައި ކަމަށާއި ނަމަވެސް ފަހު ވަގުތު އެ ޝޯއިން ވަކިވާން ޖެހުނީ ޝޯ ބޭއްވުމުގެ ދެ ދުވަސް ކުރިން އިއުލާނުކުރި 'މަހާރަޝްތްރާ ބަންދް'އާ ހެދި އޭގެ ޕްރެކްޓިސްއަށް ނާދެވުމުން ކަމަށް އާމިރު ވަނީ ބުނެފައެވެ.

އެހެންނަމަވެސް އާމިރުގެ އަތުގައި ނަސީބު ހިފީ އެ ދުވަހު ގުޖްރާތު ޕްލޭއިން ލިބުނު ފުރުސަތު ގެއްލި މާޔޫސްވެފައި ހުއްޓާ ރަޙުމަތްތެރިއަކު ޑިޕްލޮމާ ފިލްމަކުން ދިން ފުރުސަތާ އެކު ކަމަށް އެކްޓަރު ވަނީ ކިޔައިދީފައެވެ. ކެރިއަރުގެ ފުރަތަމަ ފިލްމު "ގަޔާމަތު ސޭ ގަޔާމަތު"ގެ ރޯލް ކުޅެން މަގުފަހިވީ އެ ދުވަހު ރަހުމަތްތެރިޔާ ހޯދައިދިން ފުރުސަތާ ހެދި ކަމަށް އާމިރު ވަނީ ބުނެފައެވެ.

ވަރަށް ކުޑަ ބަޖެޓަކުން އުފެއްދި ކާމިޔާބު ފިލްމު "ގަޔާމަތު ސޭ ގަޔާމަތު"އަކީ އާމިރު ޚާންގެ ބޮޑު ބޭބެ ނާސިރު ހުސެއިން އަދި ދެބެއިންގެ ދެދަރި މަންސޫރު ޚާންގެ ފިލްމެކެވެ. އެވޯޑު ޝޯތަކާއި ބޮލީވުޑްގެ ޕާޓީ ހަފުލާތަކަށް ދިއުމުގެ ޝައުގުވެރިކަން އެއްވެސް ވަރަކަށް ނުހުންނަ އެކްޓަރު "ދަ ގްރޭޓް އިންޑިއަން ކަޕިލް ޝޯ"ގައި މިއީ ބައިވެރިވި ފުރަތަމަ ފަހަރެވެ.

comment ކޮމެންޓް