ކޮމަންޑޫ ދާއިރާގެ އިންތިޚާބީ މެމްބަރަށް ހޫނު މަރުހަބާއެއް، ހަވާ އެރުވުމާއެކު އުފާފާޅުކުރަނީ

މުހައްމަދު އިބްރާހީމަށް ފޯކައިދޫން މަރުހަބާ ދަންނަވަނީ --

މިދިޔަ އާދިއްތަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ކާމިޔާބު ކުރެއްވި ކޮމަންޑޫ ދާއިރާގެ އިންތިޚާބީ މެމްބަރު މުހައްމަދު އިބްރާހީމް (މުހައްމަދުބެ)އަށް ދާއިރާގެ ރައްޔިތުން ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

ބޮޑު ފަރަގަކުން އިންތިޚާބު ކާމިޔާބުވުމާއެކު، މުހައްމަދު އިބްރާހީމް ވަނީ ދާއިރާގެ ރައްޔިތުންނާ ބައްދަލުކުރުމަށް ދާއިރާގެ ރަށްތަކަށް ވަޑައިގަތުމަށް ނިންމާފައެވެ.

އެގޮތުން މިއަދު ފޯކައިދޫއަށް ވަޑައިގެންނެވިއިރު، އެ ރަށުން މުހައްމަދު އިބްރާހީމަށް ވަނީ ވަރަށް ހޫނު މަރުހަބާއެއް ކިޔާފައެވެ. އަދި ކާމިޔާބީ ފާހަގަކުރުމަށް މިރޭ ފޯކައިދޫގައި ވަރަށް ޚާއްސަ ޖާފަތެއް ވަނީ ބާއްވައިފައެވެ.

ދާއިރާއިން އެންމެ ގިނަ ވޯޓު ދޭ ރަށަކަށް ސަޕްރައިޒެއް ދޭނެ ކަމަށް، ކެމްޕެއިންގެ ދުވަސްވަރު ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް މިރޭ ވަނީ ފޯކައިދޫގައި ހަވާ ވެސް އަރުވާފައެވެ.

މުހައްމަދު އިބްރާހީމަށް ފޯކައިދޫން މަރުހަބާ ދަންނަވަނީ --

އެއަށްފަހު މާދަމާ އިންތިޚާބީ މެމްބަރު މުހައްމަދު އިބްރާހީމްގެ އުފަން ރަށް ކޮމަންޑޫއަށް އަދި ހޮނިހިރު ދުވަހު ދާއިރާގެ ރަށެއް ކަމަށްވާ މަރޮށްޓަށް ވެސް ވަޑައިގަތުމަށްވަނީ ހަމަޖެހިފައެވެ. މި ރަށްރަށުގައި ވެސް މުހައްމަދު އިބްރާހީމަށް މަރުހަބާ ކިއުމުގެ ގޮތުން ތަފާތު ހަރަކާތްތައް ވަނީ ރާވާފައެވެ.

މުހައްމަދު އިބްރާހީމް ވިދާޅުވީ، އޭނާއަށް އެންމެ މުހިންމުވާނީ ދާއިރާގެ ރައްޔިތުން ކަމަށެވެ. އެގޮތުން މަސައްކަތް ކުރައްވާނީ ރައްޔިތުންނާ ގާތުން ކަމަށް މުހައްމަދު އިބްރާހީމް ވަނީ މީގެ ކުރިން ވިދާޅުވިއެވެ.

މުހައްމަދު އިބްރާހީމް ދާއިރާގެ ރައްޔިތުންގެ ނަމުން ނަމަ މުހައްމަދުބެއަކީ އަބަދު ވެސް ދާއިރާގެ ރައްޔިތުންނާ ގާތް ގުޅުމެއް ބައްވާ ހުރިހާ ފިކުރެއްގެ މީހުންނާ ވެސް ގުޅޭ މީހެކެވެ. މުހައްމަދު އިބްރާހީމްގެ އެންމެ ބޮޑު މަގުސަދަކީ ވަކި ފިކުރަކަށް ބެލުމެއް ނެތި ދާއިރާގެ ރަށްތައް ނުދެކޭ ފަދަ ތަރައްގީ، އުމްރާނީ ގޮތުންނާއި އިޖުތިމައީ ގޮތުން ގެނެސްދީ ތަފާތު ދެއްކުމެވެ.

comment ކޮމެންޓް