ޝާހު ޑޮންގެ ރޯލުން ފެނިދާނެ، އެކަމަކު އެހެން ފިލްމަކުން

ބޮލީވުޑްގެ ކިންގް ޚާންގެ ނަމުން މަޝްހޫރު ޝާހްރުކް ޚާން--ފޮޓޯ/ބޮލީވުޑްހަންގާމާ

ފިލްމު "ޑޮން" ފްރެންޗައިސްގެ އެންމެ ފަހުން އިއުލާނުކުރި ފިލްމުން އެކްޓަރު ޝާހްރުކް ޚާން 'ޑޮން'ގެ ރޯލުން ނުފެންނާނެކަން އިއުލާނުކުރުމުން ޝާހުގެ ފޭނުން ވަރަށް ބޮޑަށް މާޔޫސް ކުރުވިއެވެ. އެހެންނަމަވެސް ކުރިއަށް އޮތް މެއި މަހު ޝާހު މަސައްކަތް ފަށާ އެކްޝަން ތުރިލާ "ކިންގް"ގައި ޝާހު ކުޅޭނީ ނުރައްކާތެރި 'ޑޮން'އެއްގެ ރޯލެއް ކަމަށް ރިޕޯޓުތަކުން ވަނީ ބުނެފައެވެ.

ފިލްމު "ކިންގް"އަކީ ޝާހާއި ދަރިފުޅު ސުހާނާ އެކީގައި ފެންނާނެ ސުހާނާ ސްކްރީނުން ފެންނާނެ ފުރަތަމަ ބޮލީވުޑް ފިލްމެވެ. ނެޓްފްލިކްސްގެ "ދަ އާޗީސް"އިން ފިލްމީ ދުނިޔެއަށް ތައާރަފުވި ސުހާނާ ވެސް "ކިންގް"އިން ފެންނާނީ ވަރަށް ތަފާތު ރޯލަކުން ކަމަށް ފިލްމީ ޚަބަރުތަކުން ވަނީ ބުނެފައެވެ.

ޝާހުރުކް ޚާން ދަރިފުޅު ސުހާނާ ޚާންއާ އެކު--ފޮޓޯ/ފިލްމުފެއަ

މި ފިލްމުގައި ޝާހު ފެންނާނެ ކަމަށް ފިލްމީ ޚަބަރުތަކުން ބުނެފައިވަނީ މީގެ ކުރިން ޝާހު ވިލެންގެ ރޯލް ކުޅުނު ފިލްމުތައް ކަމަށްވާ "އަންޖާމް"، "ޑަރު"، "ބާޒީގަރު" އަދި "ރައީސް"ގައި އޭނާ ފެނުނު ފަދަ ރޯލްތަކުންނެވެ. ފިލްމު "ކިންގް"އަކީ ޝާހު ލީޑް ރޯލުން ފެނުނު ބޮޑު ކާމިޔާބީއެއް ލިބުނު "ޕަތާން"ގެ ޑައިރެކްޓަރު ސިދާތު އާނަންދުގެ ފިލްމު ކުންފުންޏާއި ޝާހުގެ އާއިލީ ކުންފުނި ރެޑް ޗިލީޒް ގުޅިގެން އުފައްދާ ފިލްމެކެވެ. ޑައިރެކްޓަރު ސުޖޮއި ގޯޝް ޑައިރެކްޓް ކުރާ މި ފިލްމަށް ދާދި ފަހުން ވަނީ 24 މިލިއަން އެމެރިކާގެ ޑޮލަރުގެ ބަޖެޓެއް ކަނޑައަޅާފައެވެ.

މި ފިލްމަކީ މީގެ ކުރިން ބޮލީވުޑްގެ ފިލްމަކުން ފެނިފައިނުވާނެ ފަދަ މޮޅެތި އެކްޝަން ސީންތައް ހިމެނޭނެ ފިލްމަކަށް ހެދުމަށް ފިލްމުގެ އެކްޝަން މަންޒަރުތަކަށް ހޮލީވުޑްގެ ތަޖުރިބާހުރި ޓީމެއް ގެންނަން ވަނީ ނިންމާފައެވެ. މި ފިލްމަކީ ޝާހުގެ ހުރި ހަމައެކަނި އަންހެން ދަރިފުޅު ސުހާނާގެ ފުރަތަމަ އެކްޝަން ތުރިލާއަށްވެފައި ފިލްމުގެ މަސައްކަތް ކުރިއަށްދާ ގޮތް ޝާހު ވަރަށް ގާތުން ބަލަމުން އަންނަކަމަށް މީޑިއާ ރިޕޯޓުތަކުން ވަނީ ބުނެފައެވެ.

ފިލްމުގެ މަސައްކަތް ނިންމަން ފަސް މަސް ދުވަސް ހޭދަވާނެ ކަމަށް ބެލެވޭއިރު "ކިންގް" ސިނަމާތަކަށް އަންނާނީ ކުރިއަށް އޮތް އަހަރުގެ މެދުތެރޭގައެވެ.

comment ކޮމެންޓް