ސަރުކާރުގެ ތާއީދާ އެކު އިންތިޚާބުވި ހަ މެންބަރުން އަލުން ޕީއެންސީއަށް

އަމިއްލަގޮތުން އިންތިޚާބުވި މެންބަރުންގެ ތެރެއިން ޕީއެންސީއަށް ސޮއިކުރެއްވި މެންބަރުން -- ފޮޓޯ/ ޕީއެންސީ

ވިހިވަނަ ރައްޔިތުންގެ މަޖިލީސް އިންތިޚާބުގައި އަމިއްލަގޮތުން އިންތިޚާބުވި ޖުމުލަ ހަ މެންބަރަކު އިއްޔެ ސަރުކާރު ހިންގާ މައި ޕާޓީ (ޕީއެންސީ)އާ ގުޅިވަޑައިގެންފިއެވެ.

ޕީއެންސީގެ ޕްރައިމަރީ ކާމިޔާބުކުރި ބައެއް ކެންޑިޑޭޓުންނަށް ތާއީދުނުކޮށް، ސަރުކާރުން ވަނީ އަމިއްލަގޮތުން ވާދަކުރެއްވި ބައެއް ކެންޑިޑޭޓުންނަށް ވެސް ތާއީދުކޮށްފައެވެ. އޭގެ ތެރެއިން ބައެއް މެންބަރުން އަމިއްލަގޮތުން ވާދަކުރައްވައިގެން ގޮނޑި ކާމިޔާބު ވެސް ކުރެއްވިއެވެ.

ޕީއެންސީން މިއަދު ބުނީ، އަމިއްލަގޮތުން އިންތިޚާބުވި ޖުމުލަ ހަ މެންބަރަކު އިއްޔެ އެ ޕާޓީއަށް ސޮއިކުރައްވާފައިވާ ކަމަށެވެ. އެއީ:

  • ޑރ. އަނާރާ ނަޢީމް – ހުރާ ދާއިރާ
  • ޙަސަން ޒަރީރު – މަތިވެރި ދާއިރާ
  • އަހްމަދު ޒަމީރު – މައްޗަންގޮޅި މެދު ދާއިރާ
  • އަޙްމަދު ރިޔާޒް – ތިމަރަފުށި ދާއިރާ
  • ޔާސީން ޢަބްދުﷲ - ނައިފަރު ދާއިރާ
  • ޢާޒިމް ޢަބްދުލް ޢަޒީޒް – ވިލިނގިލި ދާއިރާ

ޕީއެންސީގެ ޓިކެޓްގައި 66 މެންބަރުން އިންތިޚާބުވިއިރު މި ހަ މެންބަރުންނާއެކު މަޖިލީހުގައި އެ ޕާޓީ ތަމްސީލު ކުރާނެ ޖުމުލަ މެންބަރުންގެ އަދަދަކީ 72 އެކެވެ. މަޖިލީހުގެ ޖުމުލަ މެންބަރުންގެ އަދަދަކީ 93އެކެވެ.

އޭގެ އިތުރުން އެމްއެންޕީގެ ޓިކެޓްގައި އިންތިޚާބު ކާމިޔާބު ކުރެއްވި ކާނަލް މުޙައްމަދު ނާޒިމާއި އެމްޑީއޭގެ ޓިކެޓްގައި ފަސް ވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގެންނެވި އަޙްމަދު ސިޔާމް މުޙައްމަދާއި އެ ޕާޓީގެ ޓިކެޓްގައި ވެލިދޫ ދާއިރާއަށް އިންތިޚާބުވެވަޑައިގެންނެވި މުޙައްމަދު އައްބާސްއަކީ ވެސް ސަރުކާރަށް ތާއީދު ކުރާ މެންބަރުންނެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އިއްޔެ ޕީއެންސީއަށް ސޮއިކުރި އިންތިޚާބީ މެންބަރުންގެ ތެރޭގައި ޕީއެންސީގެ ޕްރައިމަރީން ނާކާމިޔާބުވުމުން، އަމިއްލަގޮތުން ސަރުކާރުގެ ތާއީދާ އެކު ވާދަކުރެއްވި މެންބަރުން ހިމެނެއެވެ. އެގޮތުން، އަނާރާއަކީ ވެސް ޕްރައިމަރީން ނާކާމިޔާބުވުމުން އަމިއްލަގޮތުން ސަރުކާރުގެ ތާއީދާ އެކު ވާދަކުރައްވައި ގޮނޑި ކަށަވަރުކުރެއްވި މެންބަރެކެވެ. ޒަމީރު ވެސް ޕްރައިމަރީން ނާކާމިޔާބުވީރު، ޕީއެންސީގެ ޓިކެޓު ކަށަވަރުކުރި ކެންޑިޑޭޓު ފަހުން ވަނީ ޒަމީރަށް ތާއީދުކޮށްފައެވެ.

އަހުމަދު ރިޔާޒު ވެސް އަމިއްލަގޮތުން ވާދަކުރެއްވީއިރު، ޕީއެންސީގެ ޓިކެޓު ކަށަވަރުކުރި އިބްރާހިމް ސަނާހް (ސަންޓޯ)ގެ ބަދަލުގައި ސަރުކާރުން ތާއީދުކުރީ ރިޔާޒަށެވެ. އިންތިޚާބުގެ ދުވަސްވަރު އެ މައްސަލަ ބޮޑު ވެސް ވިއެވެ.

މަތިވެރި ދާއިރާއަށް އިންތިޚާބުވި މިހާރުގެ ވެސް މެންބަރު ހަސަން ޒަރީރަކީ 19 ވަނަ މަޖިލީހަށް އެމްޑީޕީގެ ޓިކެޓުގައި އިންތިޚާބުވި މެންބަރެކެވެ. އެކަމަކު، ނޮވެމްބަރު 17، 2023 ގައި ވެރިކަން ބަދަލުވި ފަހުން އެމްޑީޕީގެ އިތުރު 13 މެންބަރަކާ އެކު ޒަރީރު ވެސް ޕީއެންސީއަށް ސޮއިކުރެއްވީއެވެ.

މި ފަހަރުގެ އިންތިޚާބުގައި ޒަރީރު ވާދަކުރެއްވީ ސަރުކާރުގެ ތާއީދާ އެކު އަމިއްލަ ގޮތުންނެވެ.

އަމިއްލަގޮތުން އިންތިޚާބުވި ހަ މެންބަރުން ޕީއެންސީއަށް ސޮއިކޮށްފައިވާއިރު، އަމިއްލަގޮތުން ހޮވޭ މެންބަރުން ދައުރުގެ ތެރޭގައި ޕާޓީއަކަށް ސޮއިކޮށްފި ނަމަ މެންބަރުކަމުން އިސްތިއުފާ ދޭންވާނެ ކަމަށް ބުނެ އެމްޑީޕީގެ މެޖޯރިޓީން އޮތީ އެންޓި ޑިފެކްޝަން ގާނޫނެއް ފާސްކޮށްފައެވެ. އެ ގާނޫނު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ތަސްދީޤު ވެސް ކުރައްވައިފައެވެ.

އެކަމަކު، އަމިއްލަގޮތުން ވާދަކުރައްވާ މެންބަރުން ދައުރުގެ ކުރިން ޕާޓީއަކަށް ސޮއިކޮށްފިނަމަ، ވާނެ ގޮތެއް ގާނޫނުގައި ބަޔާންކޮށްފައެއް ނެތެވެ.

ގޮނޑި ގެއްލޭ އިސްލާހު ގާނޫނުއަސާސީގައި ވެސް ހިމަނަން މިހާރު މަޖިލީހުގައި ބިލެއް އެބައޮތެވެ.

ވިހިވަނަ މަޖިލީހުގެ މެންބަރުން ހުވާކުރުން އޮންނާނީ އަންނަ މަހުގެ 28 ގައެވެ.

comment ކޮމެންޓް