އެމްޑީޕީގެ މެޖޯރިޓީން ކުރީ ނަފުސާނީ، ޕީއެންސީން އެހެނެއް ނުހަދާނަން: ސަލީމް

އޭދަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް: އޭނާ ވިދާޅުވީ ނަފުސާނީ ބަލިތައް ކުރިމަތިވަނީ ސަރުކާރުތައް ހިންގާގޮތުން ކަމަށް -- ފޮޓޯ/ މަޖިލިސް

އެމްޑީޕީއަށް ސަރުކާރުގެ މެޖޯރިޓީ ލިބުމުން އިދިކޮޅު ބޭފުޅުން ނަފުސާނީކޮށްލި ކަމަށާއި އެކަމަކު، ސަރުކާރު ހިންގާ ޕީއެންސީއަށް މި ފަހަރު މި ލިބުނު ސުޕަމެޖޯރިޓީއާ އެކު އެ ބީދާއިން ކަންތައް ނުކުރައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) މިއަދު ވިދާޅުވެއްޖެއެވެ.

ނަފުސާނީ ސިއްހަތުގެ ބިލަށް ބަހުސްކުރައްވަމުން ސަލީމް ވަނީ ސަރުކާރުތައް ހިންގާގޮތުން ނަފުސާނީވާ ކަމަށް ވިދާޅުވެ، މީގެ ކުރީގައި ހިންގާފައިވާ ސަރުކާރުތަކަށް ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވައިފައެވެ. އޭނާ ވިދާޅުވީ، މާޒީގައި އެގޮތަށް ކަން ހިނގާފައި އޮތް ނަމަވެސް މި ސަރުކާރުން ސުޕަމެޖޯރިޓީއާ އެކު މަސައްކަތްކުރާނީ ރައްޔިތުންނަށް މަންފާވާނެ ގޮތަށް ކަމަށެވެ.

"ހަގީގަތުގައި ނަފުސާނީ މައްސަލަތައް އެންމެ ބޮޑަށް ކުރިމަތިވެގެން މި އަންނަނީ ސަރުކާރުތައް ހިންގާގޮތުގެ ސަބަބުން،" އޭނާ ވިދާޅުވިއެވެ.

"ސަރުކާރުތައް ހިންގާގޮތުގެ ނަތީޖާއެއްގެ ގޮތުން މީސްމީހުންގެ ވިސްނުމަށް ބަދަލު އައުމާއި ނިކަމެތިކަން ރައްޔިތުންނަށް ޖެހުމާއި އެ ހާލަތު މެދުވެރިވާ ގޮތްގޮތުން އެ މީހުންނަށް މި މައްސަލަތައް އެންމެ ބޮޑަށް ކުރިމަތިވެގެން މި އުޅެނީ،"

އޭދަފުށީ ދާއިރާގެ މެންބަރު ސަލީމް، ރައީސް މުއިއްޒާ އެކު: ސަލީމް ވިދާޅުވީ މި ސަރުކާރުން ރައްޔިތުން ނަފުސާނީ ނުކުރާނެ ކަމަށް -- ސަން ފޮޓޯ/ މޫސާ ނަދީމް

ސަލީމް ވިދާޅުވީ، ހަގީގަތުގައި ކޮންމެ ސަރުކާރަކުން ވެސް މަސައްކަތްކުރަން ޖެހޭނީ ރައްޔިތުން ނިކަމެތިކަމުން އެހެން ހާލަތަކަށް ގެނައުމަށް ކަމަށެވެ. ސަރުކާރުތަކުގެ ޒިންމާއަކީ އެއީ ކަމަށް އޭނާ ވިދާޅުވިއެވެ.

އެކަމަކު، އޭގެ ބަދަލުގައި މާޒީގައި ފެނިގެން ގޮސްފައިވަނީ ސަރުކާރުތަކުން ވެރިކަމަށް އައުމަށް ފަހުގައި ކަންތައްތައް ގޯހުން ގޯހަށްދާތަން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި، މަޖިލީހަށް ހޮވިވަޑައިގަންނަވާ މެންބަރުން ވެސް މަސައްކަތް ކުރިތަން ފެނުނީ އަމިއްލަ ވިޔަފާރީގެ ފައިދާ ހޯދަން ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ.

"މި އިއްޒަތްތެރި މަޖިލީހަށް ވަޑައިގަންނަވާ ބޭފުޅުން ވެސް 20،30 ކުންފުނި ހަދައިގެން އެ މީހުންގެ ނާޖާއިޒު ފައިދާ ހޯދުމަށްޓަކައި ބުރަ މަސައްކަތްތަކެއް ކުރިތަން ފެނިގެންދިޔައީ،" މަޝްހޫރު ވިޔަފާރި ރެޑްވޭވްގެ ވެރިޔާ ސަލީމް ވިދާޅުވިއެވެ.

އޭނާ ތުހުމަތުކުރެއްވި ގޮތުގައި އެމްޑީޕީއަށް ސަރުކާރާ އެކު 19 ވަނަ މަޖިލީހުގެ މެޖޯރިޓީ ލިބުމުން އިދިކޮޅު މެންބަރުންނަށް ނަފުސާނީގޮތުން އެތައް އުނދަގޫތަކެއް ކުރިމަތިކުރުވިއެވެ. މަޖިލީހުގައި ވާހަކަދައްކައިލާނެ ފުރުސަތެއް ވެސް ނުދެއްވާ ހުރަސްއަޅުއްވަމުން ގެންދެވި ކަމަށް އޭނާ ވަނީ ތުހުމަތުކުރައްވައިފައެވެ.

"އަޅުގަނޑުމެންގެ ހިތްވަރުގަދަކަމުން އެ ނަފުސާނީ މައްސަލަތަކުން އަޅުގަނޑުމެން އަރައިގަނެގެން އައިސް މި ހިސާބަށް އައީ،" ސަލީމް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ މި މެޖޯރިޓީގައި އެއްވެސް ބަޔަކަށް ނިކަމެތިކަމެއް ދީގެން ނަފުސާނީގޮތުން ބަލިކުރާކަށް މަސައްކަތެއް ނުކުރާނަން. މައިނޯރިޓީއަށް އިހުތިރާމުކޮށްގެން އެ މީހުން ވެސް ހިތްހަމަޖައްސައިގެން ދުޅަހެޔޮ ސިއްހަތެއްގައި މި އިއްޒަތްތެރި މަޖިލީހުގައި ތިބުމަށް އަޅުގަނޑުމެން މަސައްކަތްކުރާނީ،"

https://sun.mv/191160

އެކަމަކު، އެމްޑީޕީގެ މެޖޯރިޓީން ކަންކުރީ އެއާ އިދިކޮޅަށް ކަމަށް ސަލީމް ގަބޫލުކުރައްވައެވެ.

އޭނާ ވިދާޅުވީ މި ހިނގާ 19 ވަނަ މަޖިލީހުން މަސައްކަތްކުރީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ވެސް "ޖެއްސުންކޮށް"، ނަފުސާނީ ގޮތުން ބަލިކޮށްލާށެވެ. އެ ޕާޓީއަށް 20 ވަނަ މަޖިލީސް އިންތިޚާބުގައި ކުރިމަތިވީ ނާކާމިޔާބީގެ ފަހަތުގައި ވަނީ އެ ސަބަބުތައް ކަމަށް އޭނާ ގަބޫލުކުރައްވައެވެ.

"ޖެއްސެން ހުރިހާ އުނދަގުލަކާއި ދައްޗެއް ޖައްސައިގެން ރައީސުލްޖުމްހޫރިއްޔާ ވެސް ނަފުސާނީގޮތުން ބަލިކޮށްލުމަށްޓަކައި ކުރި މަސައްކަތަކީ ވަރަށް ވިޔާނުދާ އަމަލުތަކެއް. އަޅުގަނޑުމެން އަބަދު ވެސް ވިސްވަންޖެހޭ އެއްޗަކީ އާރާއި ބާރަކީ އެއްވެސް ބަޔަކު އަތުގައި އަބަދާއި އަބަދު އޮންނާނެ އެއްޗެއް ނޫން،" އޭނާ ވިދާޅުވިއެވެ.

އާ ސަރުކާރު އައުމަށް ފަހުގައި ވެސް މަޖިލީހުގައި އިދިކޮޅު އެމްޑީޕީގެ މެޖޯރިޓީ އޮތުމުން ދަތިތަަކަކާ ކުރިމަތިލާން ޖެހުނެވެ.

https://sun.mv/191167

ސަރުކާރުގެ ބައެއް ވަޒީރު ބޭފުޅުންނަށް ރުހުން ނުލިބުމުގެ އިތުރުން ރައީސް މުއިއްޒު އަޒުލުކުރާނެކަމުގެ ވާހަކަތަކެއް ވެސް މަޖިލީހުގެ ތެރެއިންނާއި ބޭރުން އެމްޑީޕީގެ ބައެއް މެންބަރުން ގެންދެވީ ދައްކަވަމުންނެވެ.

މި ހަފުތާގެ އާދިއްތަ ދުވަހު ބޭއްވި 20 ވަނަ މަޖިލީސް އިންތިޚާބުގައި ސުޕަމެޖޯރިޓީއެއް ހޯދާފައިވަނީ ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީންނެވެ. އެ ޕާޓީން 66 ގޮނޑި ކާމިޔާބުކުރީއިރު އިދިކޮޅު އެމްޑީޕީއަށް ކާމިޔާބުކުރެވުނީ އެންމެ 12 ގޮނޑިއެވެ. އެ ޕާޓީގެ ގިނަ ދުވަސްވީ މެންބަރުންތަކެއް ވެސް ވަނީ އިންތިޚާބުގައި ނާކާމިޔާބުވެފައެވެ.

އާ މަޖިލީސް ހުވާކުރުން އޮންނާނީ އަންނަ މަހުގެ 28 ގައެވެ.

comment ކޮމެންޓް