ފިލްމު 'ކަލްކީ'އިން އަމީތާބް ދައްކާލީ މުޅިން ތަފާތު ގޮތަކަށް

އިންޑިއާގެ މެގަ ސްޓާ އަމީތާބް ބައްޗަން އާއި ސައުތު ސިނަމާގެ ސުޕަ ސްޓާރުން ކަމަށްވާ ޕްރަބާސް، ކަމަލް ހަސަން އަދި ބޮލީވުޑް ބަތަލާ ދީޕިކާ ޕަދުކޯން މުހިއްމު ރޯލް ކުޅޭ ފިލްމު "ކަލްކީ" 2898 AD"ގެ ފުރަތަމަ ޓީޒާ ދައްކާލައިފިއެވެ.

ބެލުންތެރިން ދިގު އިންތިޒާރެއް ކުރަމުން އަންނަ ސައިންސް ފިކްޝަން މި ފިލްމަކީ ކުޅަދާނަ ތެލުގޫ ޑައިރެކްޓަރު ނާގް އަޝްވިން ލިޔެ، ޑައިރެކްޓް ކުރާ ފިލްމެކެވެ. މުޅިއެކު 73 މިލިއަން އެމެރިކާ ޑޮލަރުގެ ބަޖެޓަކުން އުފައްދާ މި ފިލްމަކީ އަމީތާބް އާއި ޕްރަބާސް އެކީގައި މަސައްކަތް ކުރާ ފުރަތަމަ ފިލްމަށް ވާއިރު މިއީ ބަތަލާ ދީޕިކާ ވެސް ޕްރަބާސް އަދި ކަމަލް ހަސަންއާ އެކު މަސައްކަތް ކުރާ ފުރަތަމަ ފިލްމެވެ.

މި ތަރިންގެ އިތުރުން ފިލްމުގެ ވަރަށް މުހިއްމު ރޯލްއިން ބޮލީވުޑްގެ ޒުވާން ބަތަލާ ދިޝާ ޕަޓާނީ ވެސް ފެންނާނެއެވެ.

ފިލްމު 'ކަލްކީ'ގެ މަންޒަރެއްގައި އެކްޓަރު އަމީތާބް ބައްޗަން--ފޮޓޯ/ބޮލީވުޑްހަންގާމާ
ފިލްމުގެ ފުރަތަމަ ޓީޒާ އިންޑިއާގެ ކުޅިވަރު ޗެނަލް ސްޓާ ސްޕޯޓްސް އިންޑިއާއިން ދައްކާލިއިރު މި ކުޑަ ކުޑަ ޓީޒާގައި އަމީތާބް ބައްޗަން ފެންނަނީ މީގެކުރިން ފެނިފައިނުވާ ކަހަލަ ލުކް އަކުންނެވެ. އަމީތާބް ބައްޗަންގެ ކެރެކްޓާއިން ރޫހާނީ ކަންތައްގަނޑެއް ދައްކުވައިދިން އިރު ބެލުންތެރިންނަށް މި ޓީޒާއިން ވަނީ ސުވާލުތަކެއް ކުރިމަތި ކުރުވާފައެވެ.

ބެލުންތެރިން ފިލްމު ރިލީޒް ކުރާނެ ދުވަހެއްގެ އިންތިޒާރުގައި ތިބި އިރު ޓީޒާއާ އެކު ވެސް ފިލްމު ސިނަމާއަށް ގެންނަ ތާރީޚެއް އިއުލާނެއް ނުކުރެއެވެ. ފިލްމީ ޚަބަރުތަކާ ހަވާލާދީ މީޑިއާ ރިޕޯޓުތަކުން ބުނެފައި ވަނީ "ކަލްކީ" ކުރިޔަށް އޮތް މެއި މަހުގެ 24 ވަނަ ދުވަހު ރިލީޒްކޮށްފާނެ ކަމަށެވެ. އެހެންނަމަވެސް އެއްވެސް ފަރާތަކުން އެކަން ކަށަވަރުކޮށްދީފައެއް ނުވެއެވެ.

comment ކޮމެންޓް