ޝަރުތު ހަމަވެ ޓާޓާ ފްލެޓު ނުލިބުނު މީހުންނަށް ފްލެޓު ދެނީ

އަރަބިއްޔާ ސްކޫލް ކުރިން ހުރި ބިމުގައި އިންޑިއާގެ ޓާޓާ ކުންފުނިން އިމާރާތްކޮށްފައިވާ ފްލެޓްތައް -- ސަން ފޮޓޯ

އަރަބިއްޔާ އަދި ގާކޮށީގައި އިމާރާތްކުރި ޓާޓާ ފްލެޓުތަކަށް ޝަރުތުހަމަވި ނަމަވެސް، ފްލެޓު ނުލިބުނު މީހުންގެ ތެރެއިން އެހެން އެއްވެސް މަޝްރޫއަކުން ބޯހިޔާވަހިކަން ލިބިފައި ނެތްނަމަ، ސަރުކާރުން މިހާރު އިމާރާތްކުރަމުންދާ އިޖުތިމާޢީ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުން ބޯހިޔާވަހިކަން ދިނުމަށް ނިންމައިފިއެވެ.

ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާބެހޭ ވުޒާރާއިން މިއަދު ނެރެނު ނޫސް ބަޔާނެއްގައި ވަނީ ޓާޓާ ފްލެޓުތް މަޝްރޫއުން ބޯހިޔާވަހިކަން ހޯދުމަށް ބޮޑު އިންޓަރެސްޓެއްގައި ލޯން ހަމަޖެއްސި ފަރާތްތަކުގެ ތެރެއިން ވެސް މިހާތަނަށް އެއްވެސް މަޝްރޫއަކުން ބޯހިޔާވަހިކަން ލިބިފައިނުވާ ފަރާތްތަކަށް ސަރުކާރުން މިހާރު އިމާރާތްކުރަމުންދާ އިޖުތިމާޢީ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުން ބޯހިޔާވަހިކަން ހޯދައިދޭން ނިންމާފައިވާ ކަމަށެވެ.

ސަރުކާރުން އެކުލަވާލާފައިވާ ބޯހިޔާވަހިކަމަށް ޖުމްލަ ހަލެއް ހޯދުމުގެ ސިޔާސަތުގެ ދަށުން ކުރީ ސަރުކާރުތަކުން ހިންގާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުން ބޯހުޔާވަހިކަން ލިބިމުނުން މަޙްރޫމުވެފައިވާ ފަރާތްތަކަށް އެންމެ އަވަހަށް ކުރިޔަށް ގެންދާ މަޝްރޫއަކުން ބޯހިޔާވަހިކަން ހޯދައިދިނުމަށް ނިންމާފައިވާކަމަށް އެ ބަޔާނުގައިވެއެވެ.

އަދި އެ ފަދަ މަޝްރޫއުތަކުން ލިބިފައިވާ ބޯހިޔާވަހިކަމަށް ދައްކަން ޖެހޭ ފަައިސާ ދެއްކުމުގައި ދިމާވެފައިވާ ދަތިތަކަަށް ހައްލު ގެނެސްދިނުމަށް ނިންމާފައިވާ ކަމަށް ވަނީ ބުނެފައެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ޓާޓާ ކުންފުންޏާއެކު ހެދި އެއްބަސްވުމުގެ ދަށުން ކުރީގެ ގާކޮއްޓާއި އަރަބިއްޔާގައި ސޯޝަލް ހައުސިންގެ 280 ފްލެެޓު އެޅިއެވެ.

އެކަމުގެ ބަދަލެއްގެ ގޮތުގައި މަތީ ފެންވަރުގެ ފްލެޓު އަޅައި ވިއްކަން އެ ކުންފުންޏަށް ނާދީއާއި އޯޑިއޯން ހުރި ބިން ދިނެވެ. އަދި އެއްބަސްވުމުގެ ދަށުން ރިސޯޓެއް ހަދަން ޅ. ޅޮއްސަލަފުށި ވެސް އޭރު އެ ކުންފުންޏަށް ދިނެވެ.

އެހެން ނަމަވެސް މަސައްކަތް ފަށަން ދިން މުއްދަތުގައި އެކަން ކުރިއަށް ނުދިޔަކަމަށް ބުނެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި 2017ވަނަ އަހަރު އެ އެއްބަސްވުން ބާތިލުކުރިއެވެ.

ނަމަވެސް ޖެނުއަރީ 2022ގައި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ސަރުކާރުން ވަނީ އެ ކުންފުންޏާއެކު ވެފައިވާ އެއްބަސްވުމަށް ސެޓްލްމެންޓެއްގެ ދަށުން ރުޖޫއަވެ، ސޮއިކޮށްފައެވެ.

ޓާޓާ ކުންފުނި މެދުވެރިކޮށް 500 ފްލެޓު އެޅުމަށް ހަވާލުކުރިތާ އޭރު 12 ވަރަކަށް އަހަރުވީއިރު، އެ ކުންފުންޏަށް އެޅުނީ 288 ފްލެޓެވެ. އެ ކަން އެ ގޮތަށް އޮއްވައި ސަރުކާރުން އަނެއްކާ ވެސް ޓާޓާ ކުންފުންޏާއެކު އެ މަސައްކަތް ކުރުމަށް ނިންމުމުން ގިނަ ބައެއްގެ ފާޑުކިޔުން ވެސް އަމާޒުވިއެވެ.

comment ކޮމެންޓް