ދިރާގުގެ 35 ވަނަ އަހަރީ އާންމު ޖަލްސާ މިމަހު 28ވާ އާދީއްތަ ދުވަހުގެ ރޭ ބޭއްވުމަށް ނިންމައިފިއެވެ.
ދިރާގުން ބުނީ އެ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ 'ހައިބްރިޑް'ކޮށް ކަމަށްވާތީ، ޖަލްސާގައި ހިއްސާދާރުންނަށް 'ފަހިވޯޓް' މެދުވެރިކޮށް އޮންލައިންކޮށް ނުވަތަ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވާ ކްރޮސްރޯޑްސް މޯލްޑިވްސްގެ ޖަލްސާކުރާ މާލަމަށް ގޮސްގެން ބައިވެރިވެވޭނެ ކަމަށެވެ.
އެ ޖަލްސާގައި ބައިވެރިވުމަށް ހިއްސާދާރުންގެ ޕްރީ-ރެޖިސްޓްރޭޝަނަށް ހުޅުވާލާފައިވާއިރު މިމަހު 27ވަނަ ދުވަހުގެ 13:00ގެ ނިޔަލަށް މުއްދަތު ހަމަވާނެ ކަމަށް ދިރާގުން ވަނީ ބުނެފައެވެ.
އެ ކުންފުނިން ޕްރޮކްސީންގެ ރެޖިސްޓްރޭޝަނަށް މުއްދަތު ހަމަވާނީ މިމަހު 26ވަނަ ދުވަހުގެ 13:00 ގެ ނިޔަލަށް ކަމަށެވެ.
ދިރާގުން ބުނީ ޖަލްސާކުރާ މާލަމުގެ ޖާގައަށް ބަލައި މާލަމަށް ގޮސް ޖަލްސާގައި ބައިވެރިވުމަށް ރަޖިސްޓްރީކުރެވޭ ހިއްސާދާރުންގެ އަދަދު 150 ހިއްސާދާރުންނަށް ލިމިޓްކޮށްފައިވާ ކަމަށެވެ.
އެހެންވެ، ޖަލްސާކުރާ މާލަމަށް ގޮސް ޖަލްސާގައި ބައިވެރިވުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ހިއްސާދާރުންނަށް ޖަލްސާގައި ބައިވެރިވެވޭނީ ޖަލްސާއަށް ގޮސްގެންކަން ނުވަތަ އޮންލައިންކޮށްކަން މިމަހު 28ގެ ކުރިން އަންގާނެ ކަމަށް އެކުންފުނިން ބުނެއެވެ.