ޖާންވީ މި ފަހަރު ޑިޕްލޮމެޓެއްގެ ރޯލުން

ބޮލީވުޑްގެ ޒުވާން އުއްމީދީ ބަތަލާ ޖާންވީ ކަޕޫރު ޑިޕްލޮމެޓެއްގެ ރޯލު ކުޅޭ ފިލްމު "އުލަޖް"ގެ ޓީޒާ ދައްކާލައިފިއެވެ.

އަލަށް ފިލްމު ޑައިރެކްޝަނަށް ނުކުންނަ ސުދާންޝޫ ސޫރިއާ ޑައިރެކްޓްކުރާ މި ފިލްމުން ޖާންވީ ފެންނާނީ ސިޔާސީ މަކަރުވެރި ރޭވުންތަކަކުން ސަލާމަތްކަން ހޯދަން މަސައްކަތްކުރާ ޒުވާން ހުޝިޔާރު އިންޑިއަން ފޮރިން އޮފިސަރެއްގެ ރޯލުންނެވެ.

އިންޑިއާއިން ބޭރު ޤައުމެއްގައި އެ ޤައުމުގެ ޑިޕްލޮމެޓުންތަކަކަށް ދިމައިވާ ގިނަ ހާދިސާތަކެއް ދައްކުވައިދޭނެ މި ފިލްމު ސިނަމާތަކަށް ގެންނަން ތާވަލުކުރެވިފައި ވަނީ މި އަހަރުގެ ޖުލައި މަހުގެ ފަސްވަނަ ދުވަހުއެވެ. ޖާންވީގެ އިތުރުން "އުލަޖް"ގެ ކާސްޓުން ފެންނާނެ ތަރިންގެ ތެރޭ ގުލްޝަން ދެވިއާ، ރޯޝަން މެތިއު، އާދިލް ހުސައިން، ޔަޝް އަގްނިހޯތުރީ އަދި ސަޗިން ކެޑެކަރް ހިމެނެއެވެ.

ފިލްމީ އާއިލާއަކަށް ނިސްބަތްވާ ބަތަލާ ޖާންވީ އެންމެ ފަހުން ބެލުންތެރިންނާ ބައްދަލުކުރީ މިދިޔަ އަހަރު އެމޭޒަން ޕްރައިމްގައި ޕްރިމިއަކުރި ފިލްމު "ބަވާލް"އިންނެވެ. ފިލްމު "އުލަޖް" ރިލީޒްކުރުމުގެ ކުރިން ޖާންވީ އަދި އެކްޓަރު ރާޖްކުމާރު ރާއޯ މުހިއްމު ރޯލް ކުޅޭ ދަރުމާގެ ފިލްމު "މިސްޓަ އެންޑް މިސިޒް މާހީ"އިން ޖާންވީ ބެލުންތެރިންނަށް ފެންނާނެއެވެ.

ފިލްމު "އުލަޖް"ގެ ޕޯސްޓަރެއް--ފޮޓޯ/ފިލްމުފެއަނިއުސް

މި ފިލްމު ސިނަމާތަކަށް ގެންނަން ނިންމާފައިވަނީ އަންނަ މަހުގެ 31ގައެވެ. ކުރީގެ މަޝްހޫރު ބަތަލާ ސްރީދޭވީގެ ދޮށީ ދަރިފުޅު ޖާންވީގެ ގިނަ ފިލްމުތަކެއް މި އަހަރު ބެލުންތެރިންނަށް ފެންނާނެއިރު ޖާންވީގެ ފުރަތަމަ ތެލުގޫ ފިލްމު ވެސް މި އަހަރު ރިލީޒްކުރުމަށް ވަނީ ތާވަލުކޮށްފައެވެ.

ތެލުގޫގެ އެންމެ ކާމިޔާބު އެކްޓަރުންގެ ތެރޭ ހިމެނޭ ޖޫނިއަ އެންޓީއާރްއާ އެކު ޖާންވީ މުހިއްމު ރޯލަކުން ފެންނާނެ މި ފިލްމު ސިނަމާތަކަށް ގެންނަން ނިންމާފައިވަނީ މި އަހަރުގެ އޮކްޓޯބަރު މަހުއެވެ.

comment ކޮމެންޓް