ވެރިކަންކުރާ ޕީޕީއެމް، ޕީއެންސީގެ ކުރީގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިދިޔަ ރިޔާސީ އިންތިޚާބު ބޮއިކޮޓްކުރަން ކޯލިޝަންގެ ލީޑާޝިޕަށް ހުށަހެޅުއްވުމުގެ ކުރިން ދެ ޕާޓީގައި އޮތީ ބަޣާވާތެއް ފަށައި، އެ މަނިކުފާނުގެ އިސްތިއުނާފުގެ މައްސަލަ ލަސްކުރަން މަސައްކަތްތަކެއް ކޮށްފައި ކަމަށް ޔާމީން ރޭ ތުހުމަތުކުރައްވައިފިއެވެ.
ޕީއެންއެފުން ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި، އެ މަނިކުފާނުގެ އެންމެ އަރިސް ބޭފުޅުންގެ ތެރޭގައި މީގެ ކުރިން ހުންނެވި އަދި މިހާރު ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ޚާއްޞަ އެޑްވައިޒަރުގެ މަގާމުގައި ހުންނެވި އަބްދުއްރަހީމް އަބްދުﷲ ދެއްކެވި ވާހަކަފުޅަކަށް ޔާމީން ރައްދު ދެއްވިއެވެ.
މިދިޔަ ހޯމަ ދުވަހު "ސަން"އަށް ދެއްވި އިންޓަވިއުއެއްގައި އަބްދުއްރަހީމް ވިދާޅުވެފައިވަނީ، ޕީޕީއެމް ޕީއެންސީން އިދިކޮޅުގައި އޮތްއިރު ރައީސް ޔާމީން މިނިވަންކުރަން ލީޑާޝިޕުން އިޚުލާސްތެރިކަމާ އެކު މަސައްކަތްކޮށްފައިވާނެ ކަމަށާއި އެ މަނިކުފާނަށް މިހާރު މައްސަލައަކަށްވެފައި ވަނީ ރިޔާސީ އިންތިޚާބު ބޮއިކޮޓްނުކުރަން ނިންމުން ކަމަށެވެ.
"މިހާރު އަޅުގަނޑަށް އަޑުއިވެނީ ރައީސް ޔާމީން ރުޅިއައިސްގެން އުޅެނީ ނޫނީ ކަންބޮޑުވެގެން އުޅެނީ ނޫނީ ހިތްދަތި ވެގެން އުޅެނީ ނޫނީ ބޮޑާހާކަނީ ބޮއިކޮޓް ކުރާށޭ ބުނީމާ އިންތިޚާބު ބޮއިކޮޓްނުކުރީމައޭ،" ޔާމީން ވިދާޅުވިއެވެ.
"އެހެންވީމަ އެ ހިސާބުން ފެށުނު ބަޣާވާތެއް ނުވަތަ އެ ހިސާބުން ރައްޔިތުންގެ ހައްގުގައި ޕީޕީއެމުން ކުރި މަސައްކަތެއް ގޮތަށް މިކަން ދައްކަވައިދެއްވަނީ،"
އެއަށްފަހު ޔާމީން ފާހަގަކުރެއްވީ، އެ މަނިކުފާނު އެ ވާހަކަ ދެއްކެވިއިރު ޕޯޑިއަމްގައި ހުންނެވި ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސެއިން ވަހީދު މީގެ ކުރިން ކުރެއްވި ޓުވީޓެއްގެ ވާހަކައެވެ. އެ ޓުވީޓުގައި ވަނީ، ޔާމީނަށް ވާދަކުރެއްވޭނެކަމާ މެދު ސުޕްރީމް ކޯޓުގައި ސުވާލު އުފެއްދުމުގެ މާ ކުރިން ހައިކޯޓުގައި އޮތް އިސްތިއުނާފުގެ މައްސަލަ ލަސްކުރަން ޕީއެންސީގެ ތެރެއިން ބޭފުޅުންތަކެއް މަސައްކަތް ކުރެއްވި ކަމަށް ތުހުމަތުކޮށްފައި ކަމަށް ޔާމީން ވިދާޅުވިއެވެ.
އެ ޓުވީޓުގައި، އިސްތިއުނާފު ލަސްކުރުމުގައި ރައީސާއި އަބްދުއްރަހީމް ބައިވެރިވެވަޑައިގަތް ކަމަށާއި އެ ވާހަކަ މިހާރުގެ އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދާއި ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް، މީހުން ގާތުގައި ދައްކަވާފައިވާ ކަމަށް ވެސް ސީޕީ ތުހުމަތުކުރެއްވިކަން ޔާމީން ފާހަގަކުރެއްވިއެވެ.
"މިއިން ބޭފުޅަކު ނޫޅުއްވަޔޭ މިޔަކަށް ނޫނެކޭ ބުނާކަށް. އެހެންވީމަ މި ބަޣާވާތް ފެށިފައި އޮތީކީ ބޮއިކޮޓާ ހަމައަކުން ނޫނެއްނު. އެއަށް ވުރެ މާ ކުރިން އެ ބޭފުޅުން ޑިޒައިންކޮށްފައި އެ އޮތީ ރައީސް ޔާމީނުގެ ސުޕްރީމް ކޯޓުން އެލިޖިބިލިޓީ ގެއްލުވާލަން ދެން، ހައިކޯޓުގައި އިސްތިއުނާފު ނިންމިޔަ ނުދޭން،" އެ މަނިކުފާނު ވިދާޅުވިއެވެ.
އެހެންވެ، އިސްތިއުފާނުގެ މައްސަލަ ލަސްކުރީ ހަމައެކަނި އެމްޑީޕީން ކަމަށް ބުނެވެން ނެތް ކަމަށާއި ޕީޕީއެމް، ޕީއެންސީ ކޯލިޝަން ތެރެއިން ވެސް ޝަރީއަތް ލަސްކުރުމުގައި ބަޔަކު ބައިވެރިވިކަން އެނގޭ ކަމަށް ޔާމީން ވިދާޅުވިއެވެ.
ޕީޕީއެމް، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓަކަށް ރައީސް މުއިއްޒު ހޮވީ، ރިޔާސީ ޓިކެޓާ ހަވާލުވެ ހުންނެވި ޔާމީންގެ މައްޗަށް ކޮށްފައިވާ 11 އަހަރުގެ ޖަލު ހުކުމާ ހެދި އެ މަނިކުފާނަށް ވާދަނުކުރެވިދާނެތީއެވެ.
އޭގެ ފަހުން، ޔާމީނަށް މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގައި ވާދަނުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ އިއްތިފާގުން ހުކުމްކުރުމާ އެކު، އެ މަނިކުފާނު އެންގެވީ އިންތިޚާބު ބޮއިކޮޓުކުރާށެވެ.
އެކަމަކު، ޕީޕީއެމް/ޕީއެންސީގެ ސެނެޓުން ފާސްކުރީ އިންތިޚާބައިގެން ކުރިއަށްދާށެވެ.
އެއަށްފަހު ރައީސް ވެރިކަމާ ހަވާލުވެވަޑައިގެންނެވިތާ މާ ގިނަ ދުވަހެއް ނުވެ ޔާމީން އެ ކޯލިޝަނުން ވަކިވެވަޑައިގެން ޕީއެންއެފް އުފެއްދުމުގެ މަސައްކަތް ފެއްޓެވިއެވެ. ރައީސްގެ މައިގަނޑު އެއް ވައުދަކީ ޔާމީން މިނިވަންކުރުން ކަމަށްވީ ނަމަވެސް، އެ މަނިކުފާނު މިނިވަންނުވެ، އިސްތިއުނާފުގެ މައްސަލަ ވެސް ކުރިއަށް ނުދާތީ ސަރުކާރަށް ވަނީ އިދިކޮޅުގެ ފާޑުކިޔުން އަމާޒުވެފައެވެ.
މިދިޔަ ނޮވެމްބަރު މަހު އަޑުއެހުންތައް ނިންމާލާފައިވާ ޔާމީންގެ އިސްތިއުނާފުގެ މައްސަލައިގެ ހުކުމް އިއްވުން ހައިކޯޓުގައި ތާވަލުކޮށްފައި ވަނީ މެންދުރުފަހު 13:15އަށެވެ.
ޔާމީން 11 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކުރީ ޑިސެމްބަރު 25، 2022 ގައެވެ. އެއީ ފަތުރުވެރިކަމަށް ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ޚިޔާނާތްވެ، އެ ފައިސާ ލޯންޑާ ކުރިކަމުގެ ތުހުމަތުގައި ދައުލަތުން ޔާމީންގެ މައްޗަށް އުފުލި ދެ ދައުވާ ސާބިތުވުމުންނެވެ.