ކާރިސާތަކުން އަރައިގަތުމަށް ސަރުކާރުން ދޭ އެހީ އިތުރުކޮށްފި

މާލޭގައި ފެންބޮޑުވެ، ބައެއް ގެތަކަށް ފެންވަންނާތީ ވެލިބަސްތާ ޖަހާފަ -- ސަން ފޮޓޯ: އިންފިނިޓް މޮމެންޓްސް/ މުޙައްމަދު މާވީ

ކާރިސާތަކުން ލިބޭ ގެއްލުންތަކަށް އަމަލުކުރާނެ ގަވައިދެއް އެކުލަވާލައި، އެފަދަ ހާދިސާތަކުން އަރައިގަތުމަށް ސަރުކާރުން ފޯރުކޮށްދޭ ފައިސާގެ އެހީ ބޮޑުކޮށްފިއެވެ.

ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް (އެންޑީއެމްއޭ)އިން އާންމުކުރި، ކާރިސާތަކުގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމާއި އެފަދަ ހާދިސާތަކުން ލިބޭ ގެއްލުންތަކަށް އެހީދިނުމާ ބެހޭ ގަވާއިދުގައިވާ ގޮތުން ގޭގެ ފުރާޅާއި ފަންގިފިލަޔާއި ބިންގަލާއި ފާރު ތަޅުމަށް ލިބޭ ގެއްލުމަށާއި ފަރުނީޗަރާއި ޒަރޫރީ ބޭނުންތަކަށް ފުއްދުމަށް ބޭނުންކުރާ އެހެނިހެން ތަކެތީގެ ގެއްލުންތައް ބެލުމަށް އެސެސްމަންޓު ހަދާނެ ކަމަށެވެ.

އެގޮތުން ގަވާއިދުގެ ދަށުން އެހީދޭނެ ގޮތްތަކާއި މިންވަރު:

  • ހިފާ ގެންގުޅެ ތަކެއްޗަށް ލިބޭ ގެއްލުމުގެ އަގު 79،999 ރުފިޔާއަށް ވުރެ ދަށްނަމަ އެހީގެ ގޮތުގައި ދޭނީ ގެއްލުމުގެ 75 އިންސައްތަ
  • ހިފާ ގެންގުޅޭ ތަކެއްޗަށް ލިބޭ ގެއްލުމުގެ އަގު 80،000 ރުފިޔާއަށް ވުރެ އިރުވާނަމަ އެހީގެ ގޮތުގައި ގެއްލުމުގެ 60،000 ރުފިޔާ ދޭނެ
  • ގޯތިގެދޮރަށް ލިބޭ ގެއްލުމުގެ އަގު 149،999 ރުފިޔާއަށް ވުރެ ދަށްނަމަ އެހީގެ ގޮތުގައި ގެއްލުމުގެ 75 އިންސައްތަ
  • ގޯތިގެދޮރަށް ލިބޭ ގެއްލުމުގެ އަގު 150،000 އަށްވުރެ އިތުރުވާނަމަ، އެހީއަށް ގެއްލުމުގެ 150،000 ރުފިޔާ ލިބޭނެ

މީގެކުރިން އެހީފޯރުކޮށްދޭ މިންވަރު:

  • ހިފާ ގެންގުޅޭ ތަކެއްޗަށް ހެދި އެސެސްމަންޓުގެ ޖުމްލަ އަގު 79،999 ރުފިޔާއަށް އަރާނަމަ. އެހީއަށް ދިނީ ގެއްލުމުގެ 20 އިންސައްތަ
  • އިމާރާތަށް ލިބޭ ގެއްލުމުގެ އަގު 149،000 ރުފިޔާއަށް ވުރެ ދަށްނަމަ، ގެއްލުމުގެ ޖުމްލަ އަގު އެހީއަށް ދިން
  • އިމާރާތުގެ ގެއްލުން 150،000 އަށްވުރެ އިތުރުވާނަމަ، އެހީއަށް 150،000 ރުފިޔާ ދިން
  • އެސެސްމަންޓުގެ އަގު 80،000 އަށް ވުރެ އިތުރުވާނަމަ، އެހީގެ ގޮތުގައި ދިނީ 16،000 ރުފިޔާ

މާލޭގައި މިއަދު ބޮޑުވި ފެންގަނޑު ތެރެއިން ބަޔަކު ސައިކަލް ދުއްވަނީ -- ސަން

އެންޑީއެމްއޭއިން ބުނި ގޮތުގައި، ގެއްލުންތަކަށް ފައިސާ ދިނުމުގައި ވަޒަންކުރާނީ އެގޭގައި ދިރިއުޅެމުންދިޔަ މީހުންގެ އަދަދާއި ގެންގުޅުނު ތަކެއްޗަށް ލިބުނު ގެއްލުމަށް ބަލައިފައެވެ. އެތަކެތި އަގު ކުރާނީ ބާޒާރުގައި އެތަކެތި ލިބެން ހުންނަ އަގުގެ މެދުމިންގަނޑަކަށް ބިނާކޮށް ކަމަށް ވެސް ގަވާއިދުގައި ބުނެއެވެ.

ގަވާއިދުގައިވާ ގޮތުން އެހީގެ ފައިސާ ހަވާލު ކުރަންވާނީ ގޭގެ ވެރިފަރާތް ނުވަތަ އޭނާ ކަނޑައަޅާ މީހަކަށެވެ. އަދި ކައުންސިލް މެދުވެރިކޮށް ފައިސާ ހަވާލުކުރާނަމަ އެހީ ހަވާލު ކުރި ކަމުގެ ލިޔުންތައް އެންޑީއެމްއޭއަށް ރަސްމީ ތިން ދުވަސް ތެރޭ ހުށަހަޅަން ވާނެއެވެ.

އޭގެއިތުރުން، އެހީ ފޯރުކޮށްދޭނީ ޒަރޫރީ ބޭނުންތަކަށް ބުރޫ އެރުމާއި ދިމާވާ ހާލަތާއި ގުޅިގެން ދިރިއުޅުމަށް ދަތިވާ ވަރަށް ގެދޮރު ހަލާކުވުމުންނާއި ދިރިއުޅެމުންދާ ތަނަކުން ވަގުތީ ގޮތުން ނިކުންނަން ޖެހިއްޖެ ނަމަ ކަމަށް އެ ގަވާއިދުގައިވެއެވެ.

ގަވާއިދުގައި ބުނަނީ އެފަދަ ހާދިސާއެއް ދިމާއްޖެނަމަ ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދޭން ޖެހޭނެ ކަމަށާއި ނުވަތަ އެކަމަށް ހިނގާނެ ޚަރަދު ފޯރުކޮށްދެވިދާނެ ކަމަށެވެ. އެކަމަކު ވަގުތީ ހިޔާވަހިކަން އެންމެ ގިނަވެގެން ފޯރުކޮށްދޭނީ 15 ދުވަހަށްކަމަށާއި އެެއަށްވުރެ ގިނަ ދުވަހު ތިބޭނަމަ، ސަބާބާއެކު އެންގުމުން އެ މުއްދަތު 30 ދުވަހަށް އިތުރުކޮށްދޭނެ ކަމަށެވެ.

comment ކޮމެންޓް