ސްކޫލަށް ކުދިން ފޮނުވަން ދަތިވާ އާއިލާތަކަށް ބީއެމްއެލްއިން އެއް ލައްކަ ރުފިޔާ ހަދިޔާކޮށްފި

މަމްސް އެއިޑް އިން ހިންގާ "ބެކް ޓު ސްކޫލް" ކެމްޕޭނަށް ބީއެމްއެލް އިސްލާމިކް އިން 100،000 ރުފިޔާ ހަދިޔާކޮށްފި:--- ޕޮޓޯ/ ބީއެމްއެލް އިސްލާމިކް

ސްކޫލަށް ކުދިން ފޮނުވަން ދަތިވާ އާއިލާތަކަށް އެހީވުމަށް މަމްސް އެއިޑް ޖަމިއްޔާއިން ހިންގާ "ބެކް ޓު ސްކޫލް" ކެމްޕޭނަށް ބީއެމްއެލް އިސްލާމިކްއިން އެއް ލައްކަ ރުފިޔާ ހަދިޔާކޮށްފިއެވެ.

ބީއެމްއެލްއިން ބުނީ އެ އެހީއަކީ މަމްސް އެއިޑްގެ ކެއާ ލިސްޓުގައި ހިމެނޭ އާއިލާތަކުގެ ތެރެއިން ދިރާސީ އާ އަހަރު ފެށޭއިރު ސްކޫލަށް ތައްޔާރު ކުރުމުގައި ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ އާއިލާތަކުގެ ކުދިންނަށް ބޭނުންވާ ތަކެތި ފޯރުކޮށްދިނުމަށް ދިން އެހީއެއްކަމަށެވެ. އަދި އެ އެހީގެ ދަށުން 100 ކުއްޖަކަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ވެސް ބޭންކުން ބުނެއެވެ.

ބޭންކުން ބުނީ އިޖުތިމާއީ އެކި ކަންކަމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭންކުން އަބަދުވެސް އިސްކަންދޭކަމަށެވެ. އަދި ވޭތުވެދިޔަ އަހަރުތަކުގައި ވެސް މަމްސް އެއިޑުން ހިންގި އެކި ހަރަކާތްތަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާނެ ކަމަށް ބީއެމްއެލްއިން ބުންޏެވެ.

މީގެ އިތުރުން މި ރޯދަ މަހު އަސާސީ ބޭނުންތައް ފުއްދުމަށް ދަތިވެފައިވާ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަމްސް އެއިޑުން ހިންގި ކެމްޕޭނަށް ބޭންކުގެ މުވައްޒަފުން ވަނީ އަމިއްލަ ގޮތުން ވެސް އެހީތެރިކަން ފޯރުކޮށްދީފައި ކަމަށް ބޭންކުން ބުނެއެވެ.

ބޭންކުން ބުނީ ބީއެމްއެލް އިސްލާމިކްއިން އަންނަނީ ޚިދުމަތަށް 10 އަހަރު ފުރޭ މުނާސަބަތާ ގުޅިގެން މުޖުތަމައަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެފަދަ ތަފާތު ހަރަކާތްތައް ހިންގަމުންކަމަށެވެ.

comment ކޮމެންޓް