އެސްއެސްޓީވީން މި ރަމަޟާން މަހު ގެނެސްދެމުންދާ "ޢުމަރުގެ ލޯބީގެ ޢާލަމް" ސިލްސިލާ ޕްރޮގްރާމުގައި އެންމެ ގިނަ ބައެއްގެ ސަމާލުކަން ލިބުނު އެއް ވާހަކައަކީ ލ.މާވަށު ސުންދުސީގެ، ދޮންކަމަނަގެ ވާހަކައެވެ. މިއީ ލޯބީގެ އެހެން ވާހަކަތަކާ ވަރަށް ތަފާތު، މައިވަންތަކަމުގެ ލޯބި އެކުލެވޭ, އަސަރުންފުރިފައިވާ ވާހަކައެކެވެ.
މި ވާހަކައަށް ގިނަ ބައެއްގެ ސަމާލުކަން ލިބުނީ، އުމުރުން 65 އަހަރުގެ ދޮންކަމަނަގެ ލޮލުގައިވީ އަސަރާއި ފުން ހިތާމަ ފެނިއެވެ. އޭނާގެ 47 އަހަރުގެ ދަރިފުޅު، އާދަނަށް ވާނުވާއެއް ނޭނގި، ޑޮކްޓަރަށް ދެއްކޭނެ މަގެއް ނުފެނި އެނދުމަތިކުރެވިފައި އޮންނަތާ ހަތް އަހަރު ވީއެވެ.
މި ވާހަކަތައް ދޮންކަމަނަ ޕްރޮގްރާމްގެ ހޯސްޓް, ލަވަކިޔުންތެރިޔާ ޢުމަރު ޒާހިރަށް ކިޔައިދީ އެސްއެސްޓީވީން އެ ޕްރޮގްރާމް ދެއްކުމަށްފަހު ދޮންކަމަނަގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް އަތުވެދާނެ ކަމުގެ ސިގުނަލް މިހާރު ވަނީ ލިބިފައެވެ.
އުމަރު ދޮންކަމަނައާއެކު އޭނާގެ ދަރިފުޅު އާދަނު ގާތުގައި
"ސަން"އާ ވާހަކަ ދައްކަވަމުން މާވަށު ކައުންސިލްގެ ރައީސް އަހްމަދު މޫސާ ވިދާޅުވީ، ޕްރޮގްރާމު އެސްއެސްޓީވީން ދެއްކި ފަހުން އެތައް ބަޔަކު އޭނާއަށް ގުޅައި، ދޮންކަމަނައަށް އެހީ ދިނުމުގެ މަގުތައް ހޯދާކަމަށެވެ.
"ވަރަށް ގިނަ މީހުން އަޅުގަނޑަށް ގުޅާފައި ބުނޭ އެހީއެއް ދިނުމަށް ދޮންކަމަނަގެ އެކައުންޓު ނަމްބަރު ދިނުމަށް. ރޭގަ ވެސް މި އަތޮޅުން ވެސް ވިޔަފާރި ކުރާ މީހަކު ގުޅި," މިފަދައިން އަހާ އެންމެންނަށް ދޮންކަމަނަގެ ނަމްބަރު ދޭކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، ޖަމިއްޔާއަކުން ވެސް ދޮންކަމަނައަށް އެހީވުމަށް މަސައްކަތް ފަށައިފައި ވާކަމަށް އޭނާ ވިދާޅުވިއެވެ. އެ ޖަމިއްޔާއިން މަސައްކަތް ކުރަނީ އޭނާގެ ދަރިފުޅުގެ ބޭސްފަރުވާގެ ކަންކަން ކުރިއަށް ގެންގޮސްދިނުމަށެވެ. އެ ޖަމިއްޔާ މެދުވެރިކޮށް އެއް ފަހަރު އޮންލައިންކޮށް ޑޮކްޓަރަށް ދައްކާފައި ވާކަމަށް ވެސް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.
އެސްއެސްޓީވީން ގެނެސްދިން ޕްރޮގްރާމުގެ ސަބަބުން ދޮންކަމަނަގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް އަތުވެދާނެކަމުގެ ކުލަތައް ފެންނަމުން ދާކަމަށާއި އެކަމާ ވަރަށް އުފާކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.
"ސަން"އާ ވާހަކަ ދައްކަމުން ދޮންކަމަނަ ބުނީ، އެސްއެސްޓީވީގެ މި ޕްރޮގްރާމުގެ ސަބަބުން އޭނާގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް އަތުވެދާނެކަމުގެ އުއްމީދު އާވެއްޖެކަމަށެވެ.
"ނަމްބަރު ހޯދައިގެން މިހާރު ގުޅައިފި އެތައް ބަޔަކު، އެކައުންޓު ނަމްބަރު ވެސް ހޯދާ. ޖަމިއްޔާއިން މަސައްކަތް ކުރަނީ ދަރިފުޅު ޑޮކްޓަރަށް ދައްކައިދޭން. އެކަމަކު އަދި އެކަންކަން ހަމައެއް ނުޖެހޭ،" އޭނާ ބުންޏެވެ.
އޭނާ ބުނީ، ޑޮކްޓަރަށް ދައްކަން ބޭނުންވާނަމަ ދާންޖެހޭނީ މާލެއަށް ކަމަށެވެ. އަދި އޭނާ އެކަނި މާލެ ގޮސް ދަރިފުޅުގެ ކަންކަން ނުކޮށްދެވޭނެތީ އިތުރު އެހީތެރިން ވެސް ބޭނުންވާނެ ކަމަށް އެނާ ބުންޏެވެ.
"ޕްރޮގްރާމުގެ ފަރާތުން މައުލޫމާތު ލިބިގެން މީހުން ގުޅައިގެން ވާހަކަ ދައްކަންޏާ ވެސް ހިތްހަމަޖެހޭ މިހެން އެކަނި ހުރި މީހަކު. އުފާކުރަން މި ލިބޭ އެހީތަކަށް،"
ދޮންކަމަނަ އަކީ އެކަނިވެރި މައެކެވެ. އާދަނަކީ އޭނާގެ ހުރި ހަމަ އެކަނި ދަރިފުޅެވެ. ޢާއިލާގައި ވެސް އިތުރު މީހަކު ނެތެވެ.
އާދަނަކީ އުފަންވީ އިރު ވެސް އަޑުއިވުމާއި ވާހަކަދެއްކުމުން މަހުރޫމު ވެފައިވާ މީހެކެވެ. އަދި 2018ވަނަ އަހަރު ބަލި ވެގެން އޭނާ އެނދުމަތިވީއެވެ. ވާގޮތެއް އޭނާއަށް ބުނެދޭން ނޭނގުމުން ބައްޔަށް ފަރުވާއެއް ހޯދުން ވަނީ އުނދަގޫ ކަމަކަށް ވެފައެވެ. އާދަނު މާލެ ގެންދެވޭނެ ގޮތެއް ނެތުމާއި މާލޭގައި ހުރެވޭނެ ގޮތެއް ވެސް ނެތުމުން ޓެސްޓުތައް ހަދައި ފަރުވާ ހޯދުމަކީ އެ ދެމައިންނަށް ދިމާވެފައިވާ ބޮޑު ގޮންޖެހުމެކެވެ.
"މިހާރު ވާއެއްޗަކީ އަނގައިން ނުކެވެނީ. ކޮށި އަރަނީ، ކެއްސަނީ، ދިރުވަން އުނދަގޫ ވަނީ. އެހެންވެގެން އެއްވެސް ގޮތަކުން ނުކެވިގެން މިހާރު ހޮޅި ލައްވާފައި އެ ވަނީ،" އާދަނު ހާލު ދޮންކަމަނަ ކިޔައިދިނެވެ. ހަމަނިިދި ނުލިބި ރެޔާދުވާލު ބަލި ދަރިފުޅުގެ ޚިދުމަތުގައި ދޮންކަމަނަ އެވާ ގުރުބާނީ ގެ ވާހަކަ އިވުމުން ކޮންމެ މީހަކަށް ވެސް އަސަރުކުރާނެއެވެ.
ބޮޑު ފިރިހެން ދަރިއެއް އޭނާއަށް އެކަނި ނުބެލޭކަމަށް ގިނަ މީހުން ބުނާކަމަށް ދޮން ކަމަނަ ބުންޏެވެ. އަދި ސަރުކާރާ ދަރިފުޅު ހަވާލުކުރަން އެދުނު ނަމަވެސް، އެކަން ކުރަން އޭނާ ބޭނުންނުވާ ކަމަށާއި އެކަން އެފަދައިން ކޮށްފި ނަމަ ދެމީހުންގެ ފުރާނަ ދާނީ ދެތަނެއްގައި ތިބެގެން ކަމަށް އަސަރާއެކު ދޮންކަމަނަ ބުންޏެވެ. އޭނާ ބުނީ ބެލުނު އެންމެ ރަނގަޅަކަށް ދަރިފުޅު ބަލާނެކަމަށެވެ. އަދި އޭނާ ނެތް ދުނިޔެއެއްގައި ދަރިފުޅު މިހާލުގައި އޮވެ ނެތިދާނީ ވަރަށް ނިކަމެތި ހާލުގައި ކަމަށް ގަބޫލުރެވޭކަމަށެވެ.
އެސްއެސްޓީވީއާ މި ވާހަކަތައް އޭނާ ހިއްސާކުރީ އެއްގޮތަކަށް ވެސް ދިރިއުޅުން ބަދަލުވާނެ ކަމަށް އުންމީދުކޮށްގެނެއް ނޫނެވެ. ނަމަވެސް، އޭނާގެ އެންމެ ބޮޑު އެދުމަކީ ދަރިފުޅުގެ ބައްޔަށް ރަނގަޅު ފަރުވާއެއް ލިބުމެވެ. އަދި އެސްއެސްޓީވީން މިކަމަށް ނެގި އިސްނެގުން ޝުކުރުވެރިކަމާއެކު ބަލައިގަންނަކަމަށް ދޮންކަމަނަ ބުންޏެވެ.