ބޮލީވުޑްގެ ބާދްޝާހުގެ ނަމުން މަޝްހޫރުވެފައިވާ އެކްޓަރު ޝާހްރުކް ޚާނާއި ދަރިފުޅު ސުހާނާ ޚާން އެކީގައި ކުޅޭ ފިލްމުގެ ބަޖެޓަށް 200 ކްރޯޑް ރުޕީސް (24 މިލިއަން އެމެރިކާ ޑޮލަރު) ކަނޑައަޅައިފިއެވެ.
ސުގޯޝް ގޯއި އަދި ޝާހުގެ ކެރިއަރުގެ އެންމެ ކާމިޔާބު ފިލްމު ކަމަށްވާ "ޕަތާން"ގެ ޑައިރެކްޓަރު ސިދާތު އާނަންދާ ގުޅިގެން އުފައްދާ މި ފިލްމުގެ ނަމަކީ "ކިންގް"އެވެ.
ނެޓްފްލިކްސްއިން ޕްރިމިއާކުރި ފިލްމު "ދަ އާޗީސް"އަށް ފަހު "ކިންގް"އަކީ ސުހާނާ ޚާން ބޮޑު ސްކްރީނުން ބެލުންތެރިންނަށް ފެންނާނެ އެންމެ ވަރުގަދަ އެއް ފިލްމެވެ. މި ފިލްމަކީ މިދިޔަ އަހަރު ރިލީޒްކުރި ޝާހުގެ ފިލްމު "ޑަންކީ"އަށް ފަހު ޝާހު އެނބުރި ސްކްރީނަށް އަންނަ ފިލްމުކަމަށްވުމުން ސިދާތާއި ސުގޯޝް ގޯއި އަދި ރެޑް ޗިލީޒްއިން ބޭނުންވަނީ ބޮޑު ބަޖެޓަކުން ފެންވަރު ރަނގަޅު ވަރަށް ވަރުގަދަ ފިލްމެއްގެ ގޮތުގައި "ކިންގް" އުފެއްދުމަށެވެ.
މިހާރު ޕްރީ-ޕްރޮޑަކްޝަން މަރުހަލާގައި އޮތް މި ފިލްމަކީ ބެލުންތެރިން މާޔޫސްކޮށްނުލާނެ ވަރުގަދަ ތުރިލާ ފިލްމެއްކަމަށް ރެޑް ޗިލީޒްއިން ވަނީ ކަށަވަރުކޮށްދީފައެވެ.
ފިލްމަށް ބޮޑު ބަޖެޓެއް ކަނޑައަޅާފައިވާއިރު ފިލްމުގެ އެކްޝަން ސީންތައް ޑިޒައިންކޮށް ފަރުމާކުރަން ބޭރުގެ ތަޖުރިބާކާރު ސްޓަންޓް ޑައިރެކްޓަރުންގެ ޓީމެއް ވަރަށް އަވަހަށް "ކިންގް"ގެ ކްރޫއާ ގުޅޭނެކަމަށް ސިދާތުގެ ކުންފުނި ވީއެފްއެކްސްއިން ވަނީ ބުނެފައެވެ.
މި ފިލްމުގެ ވާހަކަތައް ދޭތެރެދޭތެރެއިން މީޑިއާ ޚަބަރުތަކުން ފެންނަމުންދާއިރު މިއީ އަންނަ އަހަރު ރިލީޒްކުރާނެ، ބެލުންތެރިން އެންމެ އިންތިޒާރުކުރާ އެއް ފިލްމެވެ. ސަބަބަކީ ޝާހާ އެކު ދަރިފުޅު ސުހާނާ ޚާން ސްކްރީނުން ބަލައިލުމަކީ ޝާހުގެ ސަޕޯޓަރުންނަށް ލިބޭނެ ނުހަނު ބޮޑު އުފަލަކަށްވެފައި ސުހާނާ މި ފިލްމުގައި ފެންނާނީ މުޅިން ތަފާތު ރޯލަކުން ކަމަށްވުމެވެ.
މި ފިލްމުގެ ޝޫޓިން ފަސް މަސް ވަންދެން ކުރިއަށް ގެންދަން ނިންމާފައިވާއިރު ފިލްމު ރިލީޒްކުރުމަށް ނިންމާފައިވަނީ 2025ވަނަ އަހަރުގެ މެދުތެރޭގައެވެ.