ފ. ނިލަންދޫގައި އިންޓަނޭޝަނަލް އެއަޕޯޓެއް އެޅުމުގެ މަސައްކަތް ކުރަނީ ނިލަންދޫ ދާއިރާއަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކޮއްކޯފުޅު ފާތިމަތު ސައުދާ ވާދަކުރައްވާތީ ނޫންކަމަށާއި، އެ މަސައްކަތް ކުރައްވަނީ އެއީ ރައީސްގެ ވައުދުފުޅަކަށް ވުމުންކަމަށް ޕީއެންސީ މަޖިލިސް ކެމްޕެއިންގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ފ. އަތޮޅު މާގޫދޫގައި ގާއިމް ކުރި އެއާޕޯޓުގެ މަސައްކަތް ހުއްޓާލުމަށްފަހު އެ މަޝްރޫއު ނިލަންދޫގައި ފަށާކަމަށް ތުހުމަތު ކޮށް މަގޫދޫ ރައްޔިތުން ވަނީ މީގެ ކުރިން މުޒާހަރާ ވެސް ކޮށްފައެވެ.
މިއަދު ޕީއެންސީ ކެމްޕެއިން ޓީމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ވަނީ، ނިލަންދޫގައި އެއާޕޯޓު އަޅަނީ ކޮއްކޯފުޅު އެ ދާއިރާއަށް ކުރިމަތި ލައްވާތީކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން ސުވާލު ކޮށްފައެވެ.
"އެމަނިކުފާނު ރަށްރަށަށް ކުރައްވާ ދަތުރުފުޅުތަކުގައި ރައްޔިތުން އެދިލައްވާ ކަންކަން ކޮށްދެއްވުމަށް އެމަނިކުފާނު ވިދާޅުވާނެ އަދި ކޮށްދެއްވާނެ. އެއީ ވަކި ރައީސުލްޖުމްހޫރިއްޔާގެ ކޮއްކޯފުޅުގެ ދާއިރާއެއް ނުވަތަ އެހެން ދާއިރާއެއް އެމަނިކުފާނު ނުބައްލަވާ،" ހީނާ ވިދާޅުވިއެވެ.
ހީނާ ވިދާޅުވީ، ރައީސް ރިޔާސީ ކެމްޕެއިންގެ ތެރޭގައި ކުރެއްވި ވައުދުތައް ފޮތެއްގެ ސިފައިގައި ނެރުއްވާފައި ވާކަމަށެވެ. އެހެންކަމުން ވައުދުތައް އެންމެހާ ބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ ކަމަށް ހީނާ ވިދާޅުވިއެވެ.
ނަމަވެސް މިވާހަކަތަކަށް ރައްދު ދެއްވާ ނޫސްވެރިޔާ ވިދާޅުވީ، ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި ނިލަންދޫއަށް ރައީސް ވެވަޑައިގެންފައި ވަނީ ތިން ވައުދެއް ކަމަށެވެ.
ނަމަވެސް މި މަޖިލިސް ކެމްޕެއިނާ ދިމާކޮށް ނިލަންދޫގައި ހޮސްޕިޓަލެއް އެޅުމާއި އިންޓަނޭޝަނަލް އެއާޕޯޓެއް އެޅުމާއި، ސިޓީ ހޮޓަލެއް އަދި ނަރުދަމާ ގާއިމް ކުރުމަށް ވައުދުވެފައި ވާކަން އޭނާ ފާހަގަ ކުރެއްވިއެވެ.
"ރައީސުލްޖުމްހޫރިއްޔާއަށް ރައްޔިތުން އެދިވަޑައިގަންނަވާ ކަންކަން ކޮށްދެއްވުމަށް ފުރިހަމަ އިހުތިޔާރާ ބާރު ލިބިގެންވާނެ،"ހީނާ ވިދާޅުވިއެވެ.
ނިލަންދޫ އެއާޕޯޓު އަޅަން ބިން ހިއްކުން އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ މިދިޔަ މަހުގެ 27ވަނަ ދުވަހުއެވެ. އެ މަސައްކަތުގެ ދަށުން 42.6 ހެކްޓަރުގެ ބިން ހިއްކައި 2098 މީޓަރު ބޮޑު ހިލަ ރިވެޓްމެންޓް ޖެހުމުގެ އިތުރުން 1400 މީޓަރު ޖިއޯބެޑް ރިވެޓްމެންޓް ޖަހާނެއެވެ.
އެ މަސައްކަތް ހަވާލުކޮށްފައިވަނީ 390 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.