އަނެއްކާވެސް ފ. ނިލަންދޫގައި ފެންބޮޑުވެ ގެތަކަށް ފެން ވަންނަކަމުގެ ރިޕޯޓުތައް ލިބެމުން އަންނަކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ.
"ސަން"އަށް މައުލޫމާތު ދެމުން ނިލަންދޫ ކައުންސިލުން ބުނީ ނިލަންދޫއަށް ވާރޭ ވެހެންފެށީ މިއަދު ހެނދުނު ގާތްގަނޑަކަށް އަށެއްޖެހިއިރު ކަމަށާއި ވާރޭވެހި ފެންބޮޑުވެ ބައެއްގެތަކަށް ފެންވަދެގެން ރިޕޯޓުކޮށްފައި ވާކަމަށެވެ.
އެހެންކަމުން އެ ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން ވެލި ބަސްތާ ޖެއްސުމާއި ފެން ހިންދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ނިލަންދޫ ކައުންސިލުން ވަނީ ބުނެފައެވެ.
ކައުންސިލުން ވަނީ ފެން ބޮޑުވި ނަމަވެސް އަދި މިހާތަނަށް އެއްވެސް ގެއްލުމެއް ލިބިފައި ނުވާކަމަށާއި އެހެންކަމުން ރަށުގެ އާންމު ހާލަތު އަދި ގޯސްނުވާކަމަށް ބުނެފައެވެ.
ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ނިލަންދޫއަށް ބޯކޮށް ވާރޭވެހި ފެން ބޮޑުވެގެން، އެހީތެރިކަން ފޯރުކޮށްދިނުމުގައި އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑްގެ ސިފައިން ހަރަކާތްތެރިވަމުން ދާކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ.
މީގެ ދެ ވަރަކަށް ހަފުތާކުރިން ވެހުނު ވާރޭގައި ވެސް ނިލަންދޫއަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.
"ސަން" އާ ވާހަކަދައްކަވަމުން އޭރު ނިލަންދޫ ކައުންސިލްގެ މެންބަރު ސަމީރާ އިބްރާހީމް ވިދާޅުވީ އެ ރަށުގައި ފެންބޮޑުވެ 80 ޕަސެންޓު ގެތަކަށް ފެން ވަދެފައިވާ ކަމަށެވެ. އަދި ރަށުގެ ނަރުދަމާ ފެއިލްވެ، ޖަންކްޝަންތަކުން މުޅި މަގުތައް މައްޗަށް ނަޖިސް އަރަމުންދާކަމަށް ވެސް އޭރު އޭނާ ވަނީ ވިދާޅުވެފައެވެ.
ނިލަންދޫއަށް ވާރޭވެހި ފެންބޮޑުވެފައި ވާއިރު މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް)އިން ވަނީ ބޯކޮށް ވާރޭވެހި ގުގުރުމުގެ އިތުރުން ވިލާގަނޑަކު ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކޮށް ރ. އަތޮޅުން ފެށިގެން ތ. އަތޮޅަށް މިއަދުގެ 11:30 އިން 15:30އަށް ރީނދޫ ސަމާލު ނެރެފައެވެ.