އީސީގެ މެންބަރުކަމަށް ޒަކަރިއްޔާ އައްޔަންކުރައްވައިފި

އީސީގެ މެންބަރުކަމަށް ހަސަން ޒަކަރިއްޔާ އައްޔަންކުރުން -- ފޮޓޯ/ ރައީސް އޮފީސް

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެންބަރު ކަމަށް, ސެކެޓްރީ ޖެނެރަލްގެ މަގާމުގައި ހުންނެވި ހަސަން ޒަކަރިއްޔާ މިއަދު އައްޔަންކުރައްވައިފިއެވެ.

އީސިން ކުރި ޕޯސްޓެއްގައި ބުނީ ޤާނޫނުއަސާސީގެ 168 ވަނަ މާއްދާއާއި އީސީގެ ޤާނޫނުގެ ހަތަރު ވަނަ މާއްދާގައިވާ ގޮތަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު އެ ކޮމިޝަނުގެ މެންބަރުކަމަށް މިއަދު ޒަކަރިއްޔާ އައްޔަންކޮށްފައިވާ ކަމަށެވެ.

އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބުގެ މެންބަރުކަމުގެ ދައުރު ހަމަވުމާ ގުޅިގެން ހުސްވި މަގާމަށް, ޒަކަރިއްޔާ އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ މިމަހުގެ އެއްވަނަ ދުވަހުއެވެ.

މަޖިލީހުގައި ނެގި ވޯޓުގައި ޒަކަރިއްޔާ މެންބަރުކަމަށް އައްޔަންކުރަން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 39 މެންބަރުންގެ އިއްތިފާގުންނެވެ.

އީސީގެ މެންބަރުކަމަށް ކުރިމަތިލާން އާންމުކޮށް އިއުލާނުކުރުމުން ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ރައީސަށް އެ މަގާމަށް އައްޔަންކުރަން ފެނިވަޑައިގަންނަވާ ބޭފުޅާގެ ގޮތުގައި ޒަކަރިއްޔާގެ ނަން މަޖިލީހަށް ފޮނުއްވެވީ މިދިޔަ ފެބްރުއަރީ މަހުގެ 20ގައެވެ.

comment ކޮމެންޓް