ކަމަލް ކުރިމަތީގައި ކޮއްކޮއާއި މަންމަ މަރާލީ ބައްޕަގެ އަތުން

ފިލްމު "ބޭޚުދީ"އިން 1992ވަނަ އަހަރު ބަތަލާ ކާޖޮލްއާ އެކު ފިލްމީ ދުނިޔެއަށް ނުކުތް އެކްޓަރު ކަމަލް ސަދަނާގެ މާޒީގެ ހަނދާންތައް އެހާ އުފާވެރި ނޫން ކަމަށާއި ލޯ ކުރިމަތީގައި އާއިލާގެ މެންބަރުންތައް މަރާލި މަންޒަރު ބެލުމަކީ އެއްވެސް މީހަކަށް ކެތްކުރެވޭނެ ކަމެއް ނޫންކަމުގައި އޭނާ ބުނެފިއެވެ.

ސިދާތު ކަންނަންއަށް ދާދި ފަހުން ދިން އިންޓަވިއުއެއްގައި ކަމަލް ވަނީ އޭނާގެ ކުރިމަތީގައި ބައްޕަ ބްރިޖް ސަދަނާ، މަންމަ ސައީދާ ޚާންއާއި ކޮއްކޮ ނަމްރަތާ މަރާލިގޮތުގެ ވާހަކަ ކިޔައިދީފައެވެ.

މަސްތުގެ ހާލަތުގައި ހުރެ މަންމައާއި ކޮއްކޮ މަރާލުމަށް ފަހު ބައްޕަ އަމިއްލައަށް މަރުވި ކަމަށާއި ފަހުން އެނގުނު ގޮތުގައި ކަމަލްގެ ގަޔަށް ވެސް ބައްޕަ ބަޑިޖެހި ކަމަށް އޭނާ ވަނީ ބުނެފައެވެ. އެހެންނަމަވެސް އެ ބަޑީގެ ހަމަލާއަށް ފަހު ވެސް ކަމަލް ސަލާމަތްވީ ކިހިނެއްކަމެއް މިއަދާ ހަމައަށް ވެސް ވިސްނާވިސްނާ ނޭނގުނުކަމަށް މި އިންޓަވިއުގައި އެކްޓަރު ވަނީ ބުނެފައެވެ.

ފިލްމު "ސަލާމް ވެންކީ"ގެ ޕޯސްޓަރެއް--ފޮޓޯ/ބޮލީވުޑްހަންގާމާ

މިހާރު އުމުރުން 53 އަހަރުވެފައިވާ ކަމަލްގެ ބައްޕަ، އާއިލާގެ މެންބަރުންތަކެއް މަރާލީ އެކްޓަރުގެ 20ވަނަ އުފަންދުވަހު ކަމަށާއި އެ ހާދިސާއަށް ފަހު އުފަންދުވަސް ފާހަގަނުކުރާން ނިންމި ކަމަށް މަޝްހޫރު ފިލްމު "ރަންގް"ގެ އެކްޓަރު ވަނީ ބުނެފައެވެ. ކަމަލް ފިލްމީ ދާއިރާއަށް ނުކުތީ މި ހާދިސާ ހިނގިތާ ދެ އަހަރު ފަހުންނެވެ.

ގިނަ ބަޔަކަށް ހައިރާންކަމެއް ގެނުވީ އެ ހާދިސާއަށް ފަހު ވެސް ކަމަލް އެ ގޭގައި ދިރިއުޅެމުން އަންނާތީއެވެ.

އޭނާ ބުނީ ހިތުގައި ނަފުރަތު އުފެއްދުމުގެ ބަދަލުގައި ދިރިއުޅުމައިގެން ކުރިއަށް ދިއުމަކީ އެންމެ ރަނގަޅު ނިންމުން ކަމަށެވެ. ކަމަލް ދާދި ފަހުން ކުޅުނު ފިލްމުތަކުގެ ތެރޭ "ބޭޚުދީ"ގެ ބަތަލާ ކާޖޮލްއާ އެކު ފެނުނު ފިލްމު "ސަލާމް ވެންކީ" އަދި މިދިޔަ އަހަރު ރިލީޒްކުރި ފިލްމު "ޕިއްޕާ" ހިމެނެއެވެ.

comment ކޮމެންޓް