ޑައިރެކްޓަރު ލަވް ރަންޖަންގެ ފިލްމު "ތޫ ޖޫތީ މޭ މައްކާރު"އިން މިދިޔަ އަހަރު ފެނުނު ބޮލީވުޑް ބަތަލާ ޝްރައްދާ ކަޕޫރު އިތުރު ފިލްމީ ޕްރޮޖެކްޓަކަށް ސޮއިކޮށްފައިވާ ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.
މި އަހަރު އިތުރު މިތޮލޮޖިކަލް ފިލްމަކުން ފެންނާނެކަން އިއުލާނުކޮށްފައިވަނިކޮށް ޝްރައްދާ ވަނީ ލޯބިވެރިޔާ ރާހުލް މޯދީ އަލަށް ޕްރޮޑިއުސްކުރާ ފިލްމަކަށް ސޮއިކޮށްފައި ކަމަށް ފިލްމީ ޚަބަރުތަކާ ހަވާލާދީ ރިޕޯޓުތަކުން ވަނީ ބުނެފައެވެ. މި ފިލްމާ ބެހޭ ތަފުސީލުތައް ސިއްރުކުރެވިފައިވީ ނަމަވެސް ޝްރައްދާ ފިލްމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށާއި ފިލްމުގައި ކޯ-ޕްރޮޑިއުސަރެއްގެ ރޯލު ކުޅެން ވެސް ޝައުގުވެރިކަން ހުރިކަމަށް ރިޕޯޓުތަކުން ވަނީ ބުނެފައެވެ.
ޝްރައްދާ އެންމެ ފަހުން ކުޅުނު ފިލްމު "ތޫ ޖޫތީ މޭ މައްކާރު"ގެ ސްކްރިޕްޓަކީ ރާހުލް މޯދީގެ ބައިވެރިވުމާ އެކު ލިޔެވުނު ސްކްރިޕްޓެކެވެ. އެހެންކަމުން މީގެ ކުރިން ވެސް ދެ މީހުން އެކީގައި ވަރަށް ގާތުން މަސައްކަތް ކޮށްފައިވާއިރު ޝްރައްދާ މި އަހަރު މަސައްކަތް ފަށަން ނިންމާފައިވާ ފިލްމުތަކަށް ވުރެ މި ފިލްމުގެ މަސައްކަތް ފެށުން އެކަށީގެންވާ ކަމަށް ރިޕޯޓުތަކުން ވަނީ ބުނެފައެވެ.
ކުރީގެ ފިލްމުތަކުން ވިލެންގެ ރޯލުން ފެނުނު ޝަކްތީ ކަޕޫރުގެ ދަރިފުޅު މި އަހަރު މަސައްކަތް ފަށަން ނިންމާފައިވާ އިތުރު ފިލްމަކީ 2018ވަނަ އަހަރު ރިލީޒްކުރި ކާމިޔާބު ފިލްމު "ސްތުރީ"ގެ ދެވަނަ ބައެވެ. ހެއްވާ މަޖާ ހާދިސާތަކާ އެކު ބިރުވެރި ހާދިސާތަކެއް އެކުލެވޭ ފިލްމު "ސްތުރީ2"އަކީ މި އަހަރު ސިނަމާތަކަށް އަންނާނެކަމަށް ބެލެވޭ ބެލުންތެރިން އެންމެ އުއްމީދު ކުރާ އެއް ފިލްމެވެ. މި ފިލްމު ސިނަމާތަކަށް ގެންނަން ތާވަލުކުރެވިފައިވަނީ އޮގަސްޓް މަހުގެ 30ވަނަ ދުވަހުއެވެ.