ޔާމީން މިނިވަންކުރަން އެމްޑީޕީން ޖޭއެސްސީއަށް ދިއުމަކީ ޖޯކެއް: ޕީއެންސީ

ޕީއެންސީގެ ޖަލްސާއެއްގައި، ޕީޕީއެމް/ޕީއެންސީގެ އިސްވެރިން: ޕީއެންސީން ވަނީ ޔާމީންގެ މައްސަލަ ޖޭއެސްސީއަށް ހުށަހެޅުމަކީ ޖޯކެއް ކަމަށް ބުނެފައި -- ފޮޓޯ/ އެލީޒް

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އިސްތިއުނާފު ޝަރީއަތް ލަސްވާ މައްސަލަ އިދިކޮޅު އެމްޑީޕީން ޖުޑީޝަލް ސާވިސަސް ކޮމިޝަން (ޖޭއެސްސީ)އަށް ހުށަހެޅުމަކީ "ބޮޑު ޖޯކެއް" ކަމަށް ސަރުކާރު ހިންގާ މައި ޕާޓީ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ން މިއަދު ބުނެފިއެވެ.

ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ޔާމީންގެ މައްޗަށް ޑިސެމްބަރު 25، 2022 ގައި ދަށު ކޯޓުން އިއްވި ހުކުމުގެ އިސްތިއުނާފު އަޑުއެހުންތައް ހައިކޯޓުގައި ނިންމާލި ފަހުން ހަތަރު މަހެއްހާ ދުވަސްވެފައިވާއިރު އަދިވެސް ހުކުމްކުރެވޭނެ ދުވަހެއް ނޭނގެއެވެ.

އެ މައްސަލަ ޖޭއެސްސީއަށް ހުށަހަޅުއްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވަނީ ވިދާޅުވެފައެވެ.

އެ ކަމަށް ފާޑުވިދާޅުވެ ވާހަކަދައްކަވަމުން ޕީއެންސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ އިސް ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، އެމްޑީޕީން ޔާމީންގެ މައްސަލަ ޖޭއެސްސީއަށް ހުށަހެޅުމަކީ 'ވަރަށް ބޮޑު ޖޯކެއް' ކަމަށެވެ.

ޕީއެންސީގެ އިސް ތަރުޖަމާނު ހީނާ ވަލީދު: އޭނާ ވަނީ ޔާމީންގެ ޝަރީއަތް ލަސްވާ މައްސަލަ ހުށަހެޅުމަކީ ޖޯކެއް ކަމަށް ވިދާޅުވެފައި -- ފޮޓޯ/ ޕީއެންސީ

"ރައީސް ޔާމީން މިނިވަންކުރެއްވުމަށްޓަކައި އެ ބޭފުޅުން ޖޭއެސްސީއަށް މައްސަލަ ބަލަން ހުށަހަޅާ ވާހަކަ. މި ވެސް ހަމަ ވަރަށް ބޮޑު ޖޯކަކަށް ހަގީގަތުގައި އަޅުގަނޑުމެންނަށް މި ވަނީ،" ހީނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ހައިކޯޓުގައި ޔާމީންގެ މައްސަލަ ބައްލަވައި ބެންޗުގައި ހިމެނިވަޑައިގަންނަވާ ތިން ފަނޑިޔާރުންނަކީ ވެސް މިދިޔަ އެމްޑީޕީގެ ސަރުކާރުން އައްޔަންކުރެއްވި ތިން ފަނޑިޔާރުން ކަމަށެވެ. އަދި، މަޖިލީހުގެ ރައީސް އަސްލަމް ވެސް ޖޭއެސްސީގައި އިންނަވާއިރު އެ މަނިކުފާނު މައްސަލަ ހިފައިގެން ވަޑައިގަންނަވާ ޖޭއެސްސީއަކީ ވެސް 'އެމްޑީޕީގެ މެޖޯރިޓީ' އޮތް ތަނެއް ކަމަށް އޭނާ ސިފަކުރެއްވިއެވެ.

"ޖޭއެސްސީގައި ތިއްބެވީ ވެސް އެމްޑީޕީގެ ބޭފުޅުން. ދެން އަނެއްކާ މަޖިލީސްގެ ރައީސް މި ވަޑައިގަންނަވަނީ އެމްޑީޕީގެ މެޖޯރިޓީ އޮތް ޖޭއެސްސީއަށް މައްސަލަ ބަލަން. އެހެންވީމާ ހަގީގަތުގައި މި ވެސް ވަރަށް ބޮޑު ޖޯކަކަށް ދެން އަޅުގަނޑުމެންނަށް ވެގެންމިދަނީ،" އޭނާ ވިދާޅުވިއެވެ.

ހީނާ ވިދާޅުވީ، މި ސަރުކާރުން އެއްވެސް ވަރަކަށް ބަދަލު ހިފުމުގެ ރޫހެއް ނުގެންގުޅޭނެ ކަމަށެވެ.

އެކަމަކު، އެމްޑީޕީގެ ސަރުކާރުގައި އެ ބޭފުޅުން މި ހިނގާ 19 ވަނަ މަޖިލީހުގެ ސުޕަ މެޖޯރިޓީ ހޯއްދެވީ އޭރުގެ އިދިކޮޅު ލީޑަރު ޔާމީންގެ 'ހަތަރެސްފައިގައި' ތަޅު އަޅުވައިގެން ކަމަށް އޭނާ ވަނީ ތުހުމަތުކުރައްވައިފައެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް: އެ މަނިކުފާނު އަދިވެސް ހުންނެވީ ބަންދެއްގައި -- ސަން ފޮޓޯ/ މޫސާ ނަދީމް

"މިހާރު ބައްލަވާ.. އިދިކޮޅު ލީޑަރާއި އިދިކޮޅު ޕާޓީގެ ހުރިހާ ބޭބޭފުޅުންނާއި އެހެން ބޭފުޅުން ވެސް ހަމަ ވަރަށް ހާމަކަން ބޮޑު ގޮތެއްގައި ވަރަށް ފްރީކޮށް ހަމަ ކެމްޕޭން ކުރައްވަމުން އެ ގެންދަވަނީ. މި ޕާޓީއަކުން ހުރަހެއް ނާޅާ އެ ކަމަކަށް،" އެންސްޕާގެ ސީއީއޯކަން ވެސް ކުރައްވާ ހީނާ ވިދާޅުވިއެވެ.

ޔާމީންގެ ޝަރީއަތް ލަސްވެފައިވާއިރު މި ސަރުކާރުގައި އެ މަނިކުފާނު މިނިވަންކުރުމުގެ އިހުލާސްތެރި ނިޔަތެއް ނެތް ކަމަށް ވިދާޅުވެ، ޔާމީން ގެންދަވަނީ ސަރުކާރާ ދެކޮޅަށް ވާހަކަފުޅު ދައްކަވަމުންނެވެ.

ރިޝްވަތު ބައްލަވައިގެން އެ ފައިސާ ލޯންޑާކުރިކަމުގެ ތުހުމަތު ސާބިތުވެ 11 އަހަަރުގެ ޖަލު ހުކުމެއްގައި ހުންނެވި ޔާމީންގެ ޖަލު ބަންދު މިދިޔަ އެމްޑީޕީ ސަރުކާރުގެ އެންމެ ފަހު ދުވަސްކޮޅު ވަނީ ގޭބަންދަކަށް ލުއިކޮށްދީފައެވެ. އަދި، ކަސްރަތު ކުރެއްވުން ފަދަ ކަންކަމަށް ބޭރަށް ވެސް ނުކުމެވަޑައިގެން އުޅުއްވޭގޮތަށް ބޮޑެތި ލުއިތަކެއް ވަނީ ދީފައެވެ.

އެކަމަކު، ޔާމީން ގެންދަވަނީ ބަންދެއްގައި ހުންނަވައިގެން ވެސް ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަންނަވަމުންނެވެ. އިންޒާރުތަކެއް ދިން ނަމަވެސް އެ ކަމާ ގުޅިގެން ކަރެކްޝަންސްއިން މިހާތަނަށް އެއްވެސް ފިޔަވަޅެއް އަޅައިފައެއް ނުވެއެވެ.

comment ކޮމެންޓް