ސަލްމާން ޚާން ދިރިއުޅޭ ގެލެކްސީ އެޕާޓްމަންޓަށް ބަޑީގެ ހަމަލާތަކެއް ދީފި

ބޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރި ސަލްމާން ޚާން ދިރިއުޅޭ ގެ ގެލެކްސީ އެޕާޓްމަންޓަށް ގޮތް ނޭނގޭ ބަޔަކު ބަޑީގެ ހަމަލާތަކެއް ދީފިއެވެ.

މުމްބާއީ ފުލުހުންނާ ހަވާލާދީ މީޑިއާ ރިޕޯޓުތަކުން ބުނެފައި ވަނީ ސަލްމާން ޚާން ދިރިއުޅޭ އެޕާޓްމަންޓް ހުންނަ ޢިމާރާތުގެ ބޭރަށް ޙަމަލާ ދީފައި ވަނީ މިއަދުގެ ހެނދުނުގެ ވަގުތެއް ކަމަށާއި ހަމަލާ ދިނީ ސައިކަލުގައި ދިޔަ ދެ މީހަކު ކަމަށެވެ.

ބަޑީގެ މި ޙަމަލާއާ ގުޅިގެން ފުލުހުންގެ ކްރައިމް ބްރާންޗުން އެކްޓަރު ދިރިއުޅޭ ގެލެކްސީ އެޕާޓްމަންޓު ހުރި ސަރަހައްދުގައި އަންނަނީ ހަރަކާތްތެރިވަމުންނެވެ.

ބަޑީގެ ހަމަލާތައް އަމާޒުވެފައި ވަނީ މުމްބާއީގެ ބަންޑްރާގައި ހުރި ގެލެކްސީ އެޕާޓްމަންޓުގެ ބޭރުގެ ފާރުތަކަށް ކަމަށާއި ބަޑީގެ ވަޒަންތައް އަމާޒުވެފައިވާ ސަރަހައްދުތަކުން ހެކި އެއްކުރުމުގެ މަސައްކަތް ފޮރެންސިކް ސައިންޓިސްޓުން ހިމެނޭ ޓީމުން ކުރަމުންދާ ކަމަށް މުމްބާއީ ޕޮލިސް ކޮމިޝަނަރު ވަނީ މީޑިއާއަށް މައުލޫމާތު ދީފައެވެ.

ސަލްމާން ޚާން ބައްޕަ ސާލިމް ޚާންއާ އެކު މިދިޔަ ފިޠުރު ޢީދު ދުވަހު ގެލެކްސީ އެޕާޓްމަންޓްގެ ބޭރުގައި--ފޮޓޯ/އެންޑީޓީވީނިއުސް
ކްރައިމް ބްރާންޗުގެ އޮފިޝަލުންނާ ހަވާލާދީ މީޑިއާތަކުން ބުނެފައި ވަނީ ހެލްމެޓު އަޅައިގެން ތިބި ދެ މީހަކު ފަސް ބުރަށް ވައިގެތެރެއަށާއި އެޕާޓްމަންޓުގެ ފާރަށް ބަޑީގެ ވަޒަންތައް ޖަހާފައިވާ ކަމަށެވެ.

އެ ސަރަޙައްދުގައި ހުރި ސީސީޓީވީ ކެމެރާގެ ކޮލިޓީ ދަށްވުމުން ހަމަލާދިން މީހުން ދަތުރުކުރި ސައިކަލުގެ ރަޖިސްޓްރޭޝަން ނަމްބަރު ސާފުނުވާ ކަމަށްވެސް ކްރައިމް ބްރާންޗްގެ އޮފިޝަލަކު ވަނީ މީޑިއާއަށް މަޢުލޫމާތު ދީފައެވެ.

ސަލްމާން ޚާންއަށް މަރުގެ އިންޒާރު 2022ވަނަ އަހަރުން ފެށިގެން އެކި ފަހަރުމަތިން ވަނީ ލިބިފައެވެ.

މި އިންޒާރުތަކާ ގުޅިގެން ސަލްމާން ވަނީ އެކްޓަރު ހިމެނޭހެން އާއިލާގެ ބައެއް މެމްބަރުންގެ ސެކިއުރިޓީ ފެންވަރު ވަރުގަދަކޮށް ބްލެޓް ޕްރޫފް ކާރުގައި ދަތުރުކުރަން ފަށާފައެވެ. މީގެ އިތުރުން އަމިއްލަ ހަށި ރައްކަލަށް ޚާއްސަ ހުއްދައެއްގެ ދަށުން އަމިއްލަ ހަތިޔާރު ގެންގުޅުމުގެ ހުއްދަވެސް ފުލުހުން ވަނީ ސަލްމާން ޚާންއަށް ދީފައެވެ.

comment ކޮމެންޓް