ލޫޓަން ބަލިކޮށް ސިޓީ ތާވަލުގެ އެއްވަނައަށް

ސިޓީން މަސައްކަތް ކުރަމުންދަނި ޖެހިޖެހިގެން ހަތަރުވަނަ ފަހަރަށް ލީގު ކާމިޔާބު ކުރުމަށް -- ފޮޓޯ/ ޔޫރޯ ސްޕޯޓް

އިނގިރޭސި ޕްރިމިއާ ލީގުގައި އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީއާއި ލޫޓަން ޓައުން ބައްދަލުކުރި މެޗު ކާމިޔާބުކޮށް ތާވަލްގެ އެއްވަނައަށް ވަގުތީގޮތުން ސިޓީ އަރައިފިއެވެ.

ސިޓީގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބުކުރީ 5-1 އިންނެވެ.

ސިޓީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީވެސް ސިޓީންނެވެ. މެޗުގައި ސިޓީގެ މުހިންމު ބައެއް ކުޅުންތެރިން ފެނިގެންދިޔައީ ބެންޗުންނެވެ. އަދި، އެ ޓީމުގެ ފުރަތަމަ ކީޕަރު އެޑަސަންވަނީ އަނިޔާއިން އެނބުރި އައިސް ފުރަތަމަ ފަހަރަށް މި މެޗުގައި ކުޅެފައެވެ.

ދެވަނަ މިނެޓުގައި އުފެއްދި ހަމަލާއެއްގައި ސިޓީގެ ފޯވަޑް އާލިން ހާލަންޑް ލޫޓަންގެ ގޯލަށް ފޮނުވާލި ހަމަލާ ވަނީ އެ ޓީމުގެ ޑައިކީ ހަޝިއޮކޯ ބޮލުގައި ޖެހިފައި ބައިކޮޅަށް ވަދެފައެވެ. މި ހަމަލާގެ ފަހުން ވެސް ސިޓީން ގިނަ ހަމަލާތަކެއް ފުރަތަމަ ހާފުގައި އުފެއްދި ނަމަވެސް އެ ޓީމުން އުފެއްދި އެއްވެސް ހަމަލާއެއް ލަނޑަކަށް ބަދަލުކޮށްލެވޭ ގޮތެއް ނުވިއެވެ.

ސިޓީގެ ދެވަނަ ލަނޑު މެޗުގެ 64 ވަނަ މިނެޓުގައި އެ ޓީމަށް ކާމިޔާބުކޮށްދިނީ މެޓިއޯ ކޮވަސިޗްއެވެ. ސިޓީގެ ތިންވަނަ ލަނޑު މެޗުގެ 76 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކޮށްދިނީ ހާލަންޑެވެ. މިއީ އޭނާ ލީގުގައި ކާމިޔާބުކުރި 20 ވަނަ ލަނޑެވެ.

މެޗުގައި ލޫޓަންއިން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗުގެ 81 ވަނަ މިނެޓުގައި ޖަހައިދިނީ ރޮސް ބާކްލީއެވެ. މި މެޗުގައި ސިޓީގެ ހަތަރުވަނަ ލަނޑު 87 ވަނަ މިނެޓުގައި އެ ޓީމަށް ކާމިޔާބުކޮށްދިނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި ޖެރެމީ ޑޯކޫއެވެ. އަދި، ފަހު ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އިތުރު ވަގުތުގައި ޖޮސްކޯ ގުވަޑިއޯލްއެވެ. މިއީ އޭނާ މި ހަފުތާގެ ތެރޭގައި ސިޓީއަށް ކާމިޔާބު ކޮށްދިން ދެވަނަ ލަނޑެވެ. މީގެ ކުރިން އޭނާ ސިޓިގެ ޖާޒީގައި ލަނޑެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ.

މި ކާމިޔާބީއާ އެކު ޖެހިޖެހިގެން ހަތަރުވަނަ ފަހަރަށް ޕްރިމިއާ ލީގު ކާމިޔާބުކުރަން މަސައްކަތް ކުރަމުން އަންނަ ސިޓީ މިވަނީ ތާވަލުގެ އެއްވަނައަށް ވަގުތީ ގޮތުން އަރައިފައެވެ. އެއީ، ސިޓީއާއި ލީގަށް މި ފަހަރު އެންމެ ގާތުން ވާދަކުރާ ދެ ޓީމު ކަމުގައިވާ އާސެނަލާއި ލިވަޕޫލް މި ހަފުތާގައި ކުޅޭ ދެ މެޗުން އެ ދެ ޓީމު މޮޅުވެއްޖެނަމަ އަނެއްކާ ވެސް އޭގެ ތެރެއިން ޓީމެއް ތާވަލުގެ އެއްވަނައަށް އަރާނެތީއެވެ.

ސިޓީއަށް މިހާރު ވަނީ ކުޅުނު 32 މެޗުން 73 ޕޮއިންޓް ލިބިފައެވެ. އާސެނަލްއާއި ލިވަޕޫލް އުޅެނީ ދެ ޕޮއިންޓް ފަހަތުން 71 ޕޮއިންޓުގައެވެ.

މި ކާމިޔާބީގައި ސިޓީގެ ފަރާތުން ފާހަގަކޮށްލެވޭ އެހެން ބައެއް ކަންތައްތައް ވެސް ވަނީ ފެނިގެން ގޮސްފައެވެ. މިގޮތުން މިއީ ޕްރިމިއާ ލީގުގައި މި ސީޒަންގައި ރޮޑްރީއާއި ނުލާ އެ ޓީމު ކުޅެ މޮޅުވި ފުރަތަމަ މެޗެވެ. މި ސީޒަންގެ ކުރީކޮޅު ސަސްޕެންށަންގެ ސަބަބުން ނުކުޅެވުނު ތިން މެޗުން ވެސް ސިޓީ ވަނީ ބަލިވެފައެވެ. އަދި، މިއީ 2015 ވަނަ އަހަރުގެ މާޗު މަހު ވެސްޓް ބްރޮމްވިޗް އެލްބިއަން ފަހު ޕްރިމިއާ ލީގުގެ މެޗެއްގައި ސިޓީ އެންމެ ގިނަ ހަމަލާ އުފެއްދި މެޗެވެ. މި މެޗުގައި އެ ޓީމުންވަނީ 37 ހަމަލާ އުފައްދާފައެވެ.

މި މެޗުން ބަލިވުމުން ލޫޓަން އަދިވެސް އުޅެނީ ރެލިގޭޝަން ސަރަހައްދުގައެވެ. ލޫޓަން އުޅެނީ 33 މެޗުން ލިބިފައިވާ 25 ޕޮއިންޓާ އެކު ތާވަލުގެ 18 ވަނައިގައެވެ.

comment ކޮމެންޓް