'ޕުޝްޕާ2'ގެ ކުޑަކުޑަ ޓީޒާ ބެލި މީހުންގެ އަދަދު 100 މިލިއަނަށް

މިދިޔަ ހަފުތާގެ ހޯމަ ދުވަހު އުމުރުން 42 އަހަރު ފުރުނު ތެލުގޫ އެކްޓަރު އައްލޫ އަރުޖުންގެ އުފަންދުވަހާ ގުޅުވައިގެން އެކްޓަރު ބެލުންތެރިންނަށް ހަދިޔާކުރީ ގިނަ ބަޔަކު އިންތިޒާރުގައި ތިބި ފިލްމު "ޕުޝްޕާ2"ގެ ޓީޒާއެވެ. ޖުމްލަ 65 ސިކުންތުގެ މި ކުޑަކުޑަ ޓީޒާ އާއްމުންނަށް ދައްކާލުމާ އެކު ޓީޒާ ބެލި މީހުންގެ ޢަދަދު 106 މިލިއަނަށް އަރާފައިވާއިރު "ޕުޝްޕާ2"ގެ ޓީޒާ ވަނީ ޔޫޓިއުބުގެ އެއް ނަންބަރު ސްޕޮޓްގެ ގޮތުގައި ޓްރެންޑުވެފައެވެ.

މި އަހަރުގެ އެންމެ އުއްމީދީ ފިލްމު "ޕުޝްޕާ2" އަކީ ފުރަތަމަ ބަޔަށްވުރެ މާ ފޯރިގަދަވާނެ ފިލްމެއްގެ ގޮތުގައި ފިލްމު ގެނެސްދޭ ޑައިރެކްޓަރު ސުކުމާރު ވަނީ ސިފަކޮށްފައެވެ.

މި ފިލްމުގައި އައްލޫ އަރުޖުންއާ އެކު ބަތަލާގެ ރޯލުން ފެންނާނީ ފުރަތަމަ ބައިން ވެސް ފެނުނު ސައުތު އިންޑިއާގެ މަޝްހޫރު ބަތަލާ ރަޝްމިކާ މަންދަންނާއެވެ. ރަޝްމިކާގެ އުފަންދުވަހު ފިލްމުގައި ބަތަލާ ފެންނާނެގޮތުގެ ޕޯސްޓަރެއް ވެސް އާއްމުންނަށް ވަނީ ދައްކާލާފައެވެ.

މީގެ ދެ އަހަރު ކުރިން ސިނަމާތަކުގައި އެޅުވި ފިލްމު "ޕުޝްޕާ"ގައި އައްލޫ އަރުޖުން ދެއްކި މޮޅު އެކްޓިންއަށް އޭނާއަށް ވަނީ ނެޝަނަލް އެވޯޑުވެސް ލިބިފައެވެ. ޖުމްލަ 500 ކްރޯޑް ރުޕީސްގެ ބަޖެޓަކުން އުފައްދާ މި ފަހަރުގެ ސީކުއަލްގައި އައްލޫ އަރުޖުން ފެންނަނީ ވަރަށް ވަރުގަދަ ގަހަނާތަކާ އެކު ދުޝްމަނުންނާ ކުރިމަތީ ވަރުގަދަ ފަހުލަވާނެއްގެ ގޮތުގައެވެ.

މި ފިލްމުގެ ފުރަތަމަ ބައި ބިނާކޮށްފައި އޮތީ އިންޑިއާގައި އުފެދޭ އަގުބޮޑު ކެލާ ގަހުގެ ވަކަރުގެ ވިޔަފާރި ގަވައިދާ ޚިލާފަށް ހިންގާ ވިޔަފާރީގެ މައްޗަށެވެ. "ޕުޝްޕާ2" ސިނަމާތަކަށް ގެންނަން ނިންމާފައިވަނީ މި އަހަރުގެ އޮގަސްޓް މަހުގެ 15 ވަނަ ދުވަހުއެވެ.

comment ކޮމެންޓް