މާލޭ ބައެއް ގެތަކަށް ފެންވަންނާތީ ސިފައިން ނުކުމެއްޖެ

މާލޭގައި ފެންބޮޑުވުމުގެ ސަބަބުން ސިފައިން ފެން ހިއްކުމުގެ މަސައްކަތުގައި: ބައެއް ގެތަކަށް ވެސް އަންނަނީ ފެން ވަންނަމުން-- ފޮޓޯ: އެމްއެންޑީއެފް

މިހާރު ކުރަމުން އަންނަ ބޯ ވިއްސާރައާއެކު މާލޭގެ ބައެއް ގެތަކަށް ފެންވަންނާތީ ފެން ހިންދުމުގެ މަސައްކަތަށް ސިފައިން ނުކުމެއްޖެއެވެ.

މިއަދު ހެނދުނުން ފެށިގެން ކުރަމުން އަންނަ ވިއްސާރައިގައި ގުގުރުމާއެކު މާލެއަށް ވަރަށް ބޯކޮށް އަންނަނީ ވާރޭ ވެހެމުންނެވެ. އެކަމުގެ ސަބަބުން މާލޭގެ ގިނަ މަގުތަކެއްގައި ވަނީ ހިނގާބިނގާވެ އުޅުމަށް ދަތިވާވަރަށް ފެންބޮޑުވެފައެވެ.

އެމްއެންޑީއެފްއިން މިއަދު ބުނީ ބޯކޮށް ވާރޭ ވެހި މާލޭގެ މަގުތަކުގައި ފެންބޮޑުވުމާ ގުޅިގެން، މަގުތަކުން ފެން ހިންދުމާއި އަދި ބައެއް ގެތަކަށް ފެންވަންނަމުންދާތީ، ވެލި ބަސްތާ ޖެއްސުމުގެ މަސައްކަތުގައި އެމްއެންޑީއެފް އެފްއާރުއެސްއާއި އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑުގެ ސިފައިން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ.

މިހާތަނަށް ފެންވަނީ ކިހާ ގެއަކަށް ކަމެއް އަދި ލިބުނީ ކިހާ ވަރެއްގެ ގެއްލުންތަކެއް ކަމެއް އަދި ނޭނގެއެވެ.

ދޭތެރެދޭތެރެއިން ކުރާ ގަދަ ވިއްސާރައާއެކު މާލޭގެ މަގުތަކުގައި ފެންބޮޑުވެ ގެތަކަށް ފެންވަނުމަކީ ހިނގާކަމެކެވެ. މީގެ ސަބަބުން ބައެއް ގެތަކުގައި މީހުން ދިރިއުޅެން ދަތިވާ ހިސާބަށް ވެސް ގޮސްފައި އެބަހުއްޓެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓުން ލަފާ ކުރާގޮތުގައި މިއަދާއި މާދަމާ މުޅި ރާއްޖެއަށް ވެސް ވިއްސާރަ ކުރާނެއެވެ. އަދި މިރޭ 8:15 އާ ހަމައަށް ހއ. އަތޮޅުން ފ. އަތޮޅާ ހަމައަށް ވަނީ ރީނދޫ އެލާޓް ވެސް ނެރެފައެވެ.

comment ކޮމެންޓް