އޭއާރް ރަހްމާންގެ މިއުޒިކީ ދުނިޔެ އުއްމީދުން ފުރިފައި

އިންޑިއާގެ އެންމެ ކާމިޔާބު އަދި ގިނަ ބަޔަކު ފަޚުރުވެރިވާ މިއުޒިކް ކުޅުންތެރިޔާ، އޭއާރް ރަހްމާންގެ މިއުޒިކީ ހަޔާތާ ގުޅުންހުރި ގިނަ ވާހަކަތައް ލަވަކިޔުންތެރިންނާ ހިއްސާކޮށްފިއެވެ.

އެމޭޒަން މިއުޒިކްއިން ގެނެސްދިން "ދަ ޔުނިވާސް އޮފް އޭއާރް ރަހްމާން"އަށް ދިން އިންޓަވިއުގައި ލަވަކިޔުންތެރިޔާ ބުނެފައި ވަނީ މިއުޒިކާ ދުނިޔެއަށް ލޯ ހުޅުވުނުއިރު ފިލްމުތަކަށް މިއުޒިކް އުފެއްދުމާ މެދު އެއްވެސް ވަރަކަށް ނުވިސްނާ ކަމަށެވެ.

އޭއާރް ރަހްމާން މިއުޒިކް ކުޅުމަށް ޝައުގުވެރިކަން އުފެދުނީ ބައްޕަ މިއުޒިކް ކުޅޭތަން ފެނުމުން ކަމަށާއި ބައްޕަ ވިސްނައިދީފައި ވަނީ ވެސް ފިލްމު އިންޑަސްޓްރީއަށް ސަމާލުކަން ދިނުމަށްވުރެ ބޮޑަށް މިއުޒިކް ކުޅުމަށް ކަމަށް އޭނާ ވަނީ ބުނެފައެވެ. އެހެންނަމަވެސް ފަހުން އޭއާރް ރަހްމާންއަށް ގަބޫލުކުރެވުނު ގޮތުގައި ފިލްމު އިންޑަސްޓްރީއަކީ އާޓިސްޓެއްގެ ކިބައިގައި ހުރި ހުނަރެއް އެހެންމީހުންނަށް ފޯރުކޮށްދެވޭނެ އެންމެ ވަރުގަދަ އެމްބެސެޑަރުކަމަށް މި އިންޓަވިއުގައި އޭނާ ވަނީ ބުނެފައެވެ.

އޭއާރް ރަހްމާން މަޝްހޫރު ލަވަކިޔުންތެރިޔާ މައިކަލް ޖެކްސަންއާ އެކު--ފޮޓޯ/ފޭސްބުކް

ނަމަވެސް އެ ދެ ދާއިރާއަކީ ވަރަށް ބޮޑަށް ގުޅި ލާމެހިފައި އޮތް ދެ ދާއިރާއެއް ނަމަވެސް ދެ ދާއިރާއިން ހޯދިދާނެ ކާމިޔާބީތަކުގައި ބޮޑެތި ފަރަގުތައް ހުރިކަމަށް ގަބޫލުކުރެވުނު ކަމަށް އޮސްކާ އެވޯޑުގެ ހައްގުވެރިޔާ ވަނީ ބުނެފައެވެ.

މިއުޒިކީ ދުނިޔޭގައި އޭއާރު ރަހްމާނު ހޯދަމުން އައި ކާމިޔާބީ ފިލްމީ ދާއިރާއިންވެސް ހޯދޭނެކަން ސާބިތުކޮށްދިނީ އޭނާ ފުރަތަމަ މިއުޒިކް ތައްޔާރުކޮށްދިން ފިލްމު "ރޯޖާ" ކަމަށާއި އޭނާގެ ދިރިއުޅުން މުޅިން ބަދަލުވީ އެ ފިލްމަށްފަހު ކަމަށް މި އިންޓަވިއުގައި ވަނީ ބުނެފައެވެ. އޭއާރް ރަހްމާން މިއުޒިކް ތައްޔާރުކޮށްދިން މަޝްހޫރު ބޮލީވުޑް ފިލްމުތަކުގެތެރޭ "ތާލް"، "ރޮކް ސްޓާ"، "ގުރޫ" އަދި "ދިލްސޭ ރޭ" ހިމެނެއެވެ.

އޭއާރް ރަހްމާނަށް އޮސްކާ އެވޯޑް ދެ ކެޓެގަރީއަކުން ލިބިފައި ވަނީ 2008ވަނަ އަހަރު ރިލީޒްކުރި އިނގިރޭސި ޑްރާމާ ފިލްމު "ސްލަމްޑޯގް މިލިއަނަ"އަށް ތައްޔާރުކޮށްދިން ލަވަ "ޖެއި ހޯ" މި ލަވައަށެވެ.

އެމޭޒަން މިއުޒިކްއަށް ދިން އިންޓަވިއުގައި އޭއާރް ރަހްމާން ބުނީ އޭނާގެ ޔުނިވާސްގެ ކާމިޔާބީގެ ސިއްރަކީ ކާމިޔާބީއަށް އޭނާ ކުރާ އުއްމީދު ކަމަށެވެ.

comment ކޮމެންޓް