ކްރިތީގެ އުއްމީދަކީ 'ކްރޫ'ގެ ދެވަނަ ބައެއް ވެސް އުފެއްދުން

ފިލްމީ ތަރި ކްރިތީ ސެނޮން--ފޮޓޯ/ޓެލެގްރާފްއިންޑިއާ

މިދިޔަ މާޗް މަހުގެ ފަހުކޮޅު ރިލީޒްކުރި ފިލްމު "ކްރޫ"އަށް ބެލުންތެރިންގެ ފަރާތުން ލިބެމުން އަންނަ ތަރުހީބާ ގުޅިގެން އެ ފިލްމުގެ ސީކުއަލްއަކަށް އިންތިޒާރުކުރެވޭ ކަމަށް ކްރިތީ ސެނޮން ބުނެފިއެވެ.

ރާޖޭޝް ކްރިޝްނަން ޑައިރެކްޓްކުރި މި ފިލްމުގެ ޕްރޮޑިއުސަރުންނަކީ އެކްތާ ކަޕޫރު އަދި ރެއާ ކަޕޫރެވެ.

ބޮކްސް އޮފީހުގައި ފިލްމު ހޯދަމުން އަންނަ ކާމިޔާބީއާ ގުޅިގެން ފިލްމުގެ ލީޑް ބަތަލާއިން އުފާ ފާޅުކުރަމުން ދާއިރު މި ޖޯންރާގެ ފިލްމުތައް ބެލުންތެރިންނަށް ވަރަށް ކަމުދާކަމަށް ކްރިތީ ވަނީ ބުނެފައެވެ. ކްރިތީގެ އިތުރުން ފިލްމުގެ ލީޑް ތަރިންގެ ގޮތުގައި ފެނިފައި ވަނީ ތައްބޫ އަދި ކަރީނާ ކަޕޫރު ޚާންއެވެ.

ފިލްމުގެ މަސައްކަތް ކުރިޔަށް ދިޔަ ދުވަސްވަރަކީ ވަރަށް އުފާވެރި ދުވަސްތަކެއް ކަމަށާއި ތަޖުރިބާހުރި ކާސްޓަކާއެކު މަސައްކަތް ކުރެވުނީ ވަރަށް ހިތްހަމަޖެހުމާ އެކު ކަމަށް ބަތަލާ ވަނީ ބުނެފައެވެ.

ކްރިތީ ސެނޮން، ތައްބޫ އަދި ކަރީނާ ކަޕޫރު ޚާން ފިލްމު "ކްރޫ"ގެ މަންޒަރެއްގައި--ފޮޓޯ/އިންސްޓަގްރާމް
ފިލްމު "ކްރޫ" ރިލީޒްކުރިތާ ހަތަރު ދުވަސްތެރޭ ފިލްމަށް 70 ކްރޯޑު ރުޕީސް (8 މިލިއަން އެމެރިކާ ޑޮލަރު) ގެ އާމްދަނީ ވަނީ ލިބިފައެވެ. މި ފިލްމަކީ އޭވިއޭޝަން ދާއިރާގައި މަސައްކަތްކުރާ ތިން ކެބިން ކްރޫންއިންގެ ދިރިއުޅުން ދައްކުވައިދޭ ހެއްވާ މަޖާ ގިނަ ހާދިސާތައް އެކުލެވޭ ފިލްމެކެވެ.

ފިލްމުގެ މުހިއްމު ރޯލްއިން ޕަންޖާބު ލަވަކިޔުންތެރިޔާ އަދި ފިލްމީ ތަރި ދިލްޖީތު ދޯސާންޖް އަދި ކަޕިލް ޝަރުމާ ފެނެއެވެ. ފިލްމު "ތެރި ބާތޯން މެ އޭސަ އުލްޖާ ޖިއާ"ގެ ބަތަލާ ދެން އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ ފިލްމު "ދޯ ޕައްޓީ"އިންނެވެ. ބަތަލާ ކާޖޮލް މުހިއްމު ރޯލްއިން ފެންނާނެ މި ފިލްމަކީ ކްރިތީގެ އަމިއްލަ ޕްރޮޑަކްޝަން ކުންފުނިން އުފައްދާ ފުރަތަމަ ފިލްމެވެ.

comment ކޮމެންޓް