އެއްބާރުލުން ދެއްވަން އެދިވަޑައިގެން, އައްޑޫ ސިޓީ ރައްޔިތުންނަށް މުހިންމު މަޝްރޫތަކެއްގެ އުންމީދު މިރޭ ރައީސް ދެއްވައިފިއެވެ.
މިރޭ އައްޑޫ ސިޓީ ހިތަދޫ ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވިދާޅުވީ މާލެއެކޭ ފެންވަރެއްގައި އެ ސިޓީއަކީ ތަރައްގީވެފައިވާ އޮތް ސިޓީ އެއް ގޮތުގައި ހަދައިދޭނެ ކަމަށެވެ.
"އަޅުގަނޑު ވީ ކޮންމެ ވައުދެއް ފުއްދަން މިހިރީ ތެދުވެރިކަމާއި އަމާނާތްތެރިކަމާ އެކީ. އެ ފުއްދުމަށް ޓަކައި ރައްޔިތުން ދެއްވަން ހުރި ހުރިހާ އެއްބާރުލުމެއް ދެއްވުމަށް އަޅުގަނޑު މި އެދެނީ. ދެއްވީމަ ހަމ ފުރިހަމައަށް ރަނުން ރަނަށް ހުރިހާ ވައުދެއް ފުއްދައިދޭނަން" އެމަނިކުފާނު ވިދާޅުވިއެވެ.
އައްޑޫގެ ބްރިޖު މަސައްކަތް ފެށިފައިވާކަން ފާހަގަކޮށް ރައީސް މުއިއްޒު ވިދާޅުވީ އެ ސިޓީގެ އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއަކީ ވެސް ކުރިން ކުރަން ނުކުރަން ދާ ކަމެއް ކަމަށެވެ.
ނަމަވެސް މިހާރު ފެށިފައިވާ މަޝްރޫތަކާއެކު އެންމެ ފުރިހަމަ އިންޓަނޭޝަނަލް އެއާޕޯޓަކަށް އެ ތަން ހައްދަވައިދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އިތުރަށް އެމަނިކުފާނު ވަނީ ހަންކެނޑެ މަޝްރޫގެ އަމަލީ މަސައްކަތް ވެސް ވަރަށް އަވަހަށް ފައްޓަވާނެ ކަމަށް ވިދާޅުވެފައެވެ.
"2080 ބެޑް މަޝްރޫ ނިމިގެން ދިޔާމަ 1980 ވަރަކަށް ސީދާ ވަޒީފާ އެތަނުން އުފެދޭނެ. އަދި އެއާ ގުޅިގެން އަންނަ އިންޑަސްޓްރީތަކާއެކީ އިތުރު 1800 ވަޒީފާ އުފެދޭނެ. އެހެންވީމަ މިވެސް މިދަންނަވާ އައްސޭރި ޓޫރިޒަމްގެ އިތުރަށް ފަށާ މަޝްރޫއެއް" ރައީސް ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ރައްޔިތުންނަށް ތަރައްގީ ގެނައުމަށް ބޭކާރު ކުރައްވާނެ އެންމެ ވަގުތެއް ނެތް ކަމަށާއި އެ ސިޓީގައި ވަރަށް ގިނަ މަޝްރޫތައް ހުރީ ފަށައިގަންނަ ހިސާބުގައި ކަމަށެވެ.
އެގޮތުން އައްޑޫ ސިޓީގެ މަގުތައް ހެދުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް އާރްޑިސީއާ ހާވާލުކޮށްގެން ފަށާނެ ކަމަށާއި ސީއެސްޕީ ސިމެންތި ލޭޔަރު އަޅާފައިވާ 60 ޕަސެންޓު މަގުގައި ތާރުއަޅާނެ ކަމަށް ވެސް ވިދާޅުވިއެވެ.
އެއާއެކު، ހޮސްޕިޓަލަށް ބޭނުންވާ ގިނަ ޚިދުމަތްތަކާއެކު ހޮސްޕިޓަލްގެ ޕްރޮޖެކްޓެއް ފެށޭނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
"ކެތު ލެބް ގާއިމުކުރުމާ އެކީގައި، ވޯޑް ފެސިލިޓީ އިތުރަށް އެކްސްޕޭންޑް ކުރުމާއެކީގައި މިހާރު ދޭ ޑައިލަސިސް ފުޅާކުރުމަށް އެކި ކަހަލަ ތެރަޕީތައް ސްޕީޗް ތެރަޕީތައް ހިމެނޭ. މި ދެންނެވި ހުރިހާ ކަމެއް ހިމެނޭ ޕްރޮޖެކްޓެއް ވަރަށް އަވަހަށް ފަށާނަަން. ފެށިގެން ދިޔާމަ މި ކަންކަން ކުރާކަށް މާލެ ދާކަށް ނުޖެހޭނެ" އެމަނިކުފާނު ވިދާޅުވިއެވެ.
އައްޑޫ ސިޓީގެ ހުރިހާ ރަށެއްގައި ފެނުގެ ނިޒާމު އެއްކޮށް ބަދަލު ކުރަންޖެހޭ ކަމަށާއި އެ މަސައްކަތުގެ އަމަލީ މަސައްކަތްކުރުމަށް މަދާމަ ނޫނީ މި ހަފްތާ ތެރޭ އެމްޑަބްލިއުއެސްސީއާ ހަވާލުކުރައްވާނެ ކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި އެއީ ގާތްގަނޑަށް 282 މިލިއަން ރުފިޔާ ޚަރަދުވާ މަޝްރޫއެއް ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.
ރައީސް ވިދާޅުވީ ޕީއެންސީގެ މެންބަރުން މަޖިލީހަށް ހޮވައިފިނަމަ ރައްޔިތުން ބޭނުންވާ މަޝްރޫތައް ފުރިހަމަކޮށްދެއްވާނެ ކަމަށެވެ.