މި އަހަރު ނިމުމުގެ ކުރިން ހިތަދޫ-ހުޅުދޫމީދޫ ބްރިޖު މަސައްކަތް އަމަލީ ގޮތުން ފާށާނަން: ރައީސް

ރައީސް ޑރ. މުޙައްމަދު މުއިއްޒު ދެކުނުގެ އަތޮޅުތަކަށް ފެބްރުއަރީ މަހު ވަޑައިގަތުން: ރައީސް ހުޅުދޫމީދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުން -- ފޮޓޯ/ ރައީސް އޮފީސް

މި އަހަރު ނިމުމުގެ ކުރިން ހިތަދޫ- ހުޅުދޫމީދޫ ބްރިޖު އަމަލީ ގޮތުން ފައްޓަވާ ދެއްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީ ހިތަދޫއާއި ހުޅުމީދޫ ބްރިޖަކުން ގުޅާލާ މަޝްރޫޢުގެ ޑިޒައިން ތައްޔާރު ކުރުމަށް ކުރި ފުރަތަމަ ސާވޭތައް މިމަހުގެ 10 ވަނަ ދުވަހު ވަނީ ނިންމާލާފައެވެ.

ރައީސް، އައްޑޫ ސިޓީއަށް ކުރައްވާ ނުރަސްމީ ދަތުރުފުޅުގައި ހިތަދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވިދާޅުވީ މި އަހަރު ނިމުމުގެ ކުރިން އައްޑޫ ބްރިޖުގެ މަސައްކަތް އަމަލީ ގޮތުން ފައްޓަވާ ދެއްވާނެ ކަމަށެވެ.

"މި އަހަރު 2024 ނިމުމުގެ ކުރިން އެ ބްރިޖު އަމަލީ ގޮތުން ފަށާނަން. އެއީ ކީއްވެގެން، އަޅުގަނޑު ބޭނުން މި ދައުރު ނިމޭއިރަށް ބްރިޖު ނިންމަން. ބްރިޖު ނިންމަން ބޭނުން،" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ 2028 އައިމައި ކުރާ ކަމަކަށް ބްރިޖުގެ މަސައްކަތް ބާއްވާން ބޭނުންފުޅުނުވާ ކަމަށެވެ.

އައްޑޫ ސިޓީ ހިތަދޫއާއި ހުޅުމީދޫ ގުޅުވައިދޭ ބުރިޖު އެޅުމުގެ ސާވޭއާއީ ޑިޒައިން ހިލޭ ހަދައިދޭ ގޮތަށް، އެ މަސައްކަތް މިސްރުގެ 'ދި އަރަބް ކޮންޓްރެކްޓާޒް"އާ ސަރުކާރުން ހަވާލުކުރީ ފެބްރުއަރީ މަހުގެ 19ވަނަ ދުވަހުގައެވެ.

މި އެއްބަސްވުމުގައި ސޮއިކުރީ ދި އަރަބް ކޮންޓްރެކްޓާޒްއިން ޝައުގުވެރިކަން ފާޅުކޮށް ހުށަހެޅި ޕްރޮޕޯޒަލް ސަރުކާރުން ދިރާސާކުރުމަށް ފަހު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކައުންސިލްތަކާ ބައްދަލު ކުރެއްވުމަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ހުޅުދޫއާއި މީދުއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.

https://sun.mv/189676

އައްޑޫ ބްރިޖުގެ މަސައްކަތަކީ ރައީސްގެ ފުރަތަމަ 100 ދުވަހުގެ މަގު ޗާޓުގައި އެންމެ ފަހު ހަފުތާއަށް ތާވަލުކޮށްފައިވާ އޮތް މަސައްކަތެކެވެ. ހިތަދުއާއި ހުޅުމީދޫ ގުޅުވާލުމަށް މި ބްރިޖުގެ ސާވޭ މަސައްކަތަށް މި އަހަރު އޮތީ 30 މިލިއަން ރުފިޔާ ބަޖެޓުކޮށްފައެވެ.

ބުރިޖަކުން ހިތަދޫއާއި ހުޅުމީދޫ ގުޅާލުމަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް 2018 ވަނަ އަހަރުގެ އިންތިޚާބު ތެރޭ ވެވަޑައިގެންނެވި ވައުދުފުޅެކެވެ.

comment ކޮމެންޓް