ފާއިތުވި އަށް މަސް ތެރޭގައި ރާއްޖޭގައި 39 މީހަކު އިސްލާމްވެފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފިއެވެ.
އެ މިނިސްޓްރީ މިއަދު ވަނީ މިދިޔަ އަށް މަހުގެ ތެރޭގައި އެ މިނިސްޓްރީން ކޮށްފައިވާ މަސައްކަތްތަކާއި ކުރަމުންދާ މަސައްކަތްތަކުގެ ތަފުސީލުތައް ހިއްސާކުރުމަށް 'މީޑިއާ މައުރަޒު' ހުޅުވައިފައެވެ.
އެ މައުރަޒުގެ ސްޓޯލެއްގައި ބަހައްޓާފައި ހުރި ތަފާސްހިސާބަކުން އެނގޭ ގޮތުގައި، ރާއްޖޭގައި މިދިޔަ އަށް މަސް ތެރޭގައި އަލަށް މީހުން އިސްލާމްވެފައިވަނީ ތޭރަ ގައުމަކުންނެވެ. އެއީ، ފިލިޕީންސް، އިންޑޮނޭޝިއާ، މެލޭޝިއާ، އިންޑިއާ، ސްރީލަންކާ، ސްޕެއިން، ނޭޕާލް، ރަޝިއާ، އިޓަލީ، ޖަޕާން، ތައިލޭންޑު، ވިއެޓްނާމްގެ އިތުރުން ޖަރުމަނަށް ނިސްބަތްވާ މީހުންނެވެ.

އަލަށް އިސްލާމްވި މީހުންގެ ތަފާސްހިސާބުތައް ----- ސަން ފޮޓޯ
އޭގެ ތެރޭގައި ޕިލީޕީންސްއިން އަށް މީހުންނާއި އިންޑޮނޭޝިއާ، ރަޝިއާ، އިޓަލީ، ތައިލޭންޑު އަދި ސްރީލަންކާއިން ތިން މީހުން ހިމެނެއެވެ. އިންޑިއާއިން ފަސް މީހުން އަލަށް ރާއްޖޭގައި އިސްލާމްވެފައިވާއިރު، ސްޕެއިން، މެލޭޝިއާ އަދި ޖަޕާނުން އިސްލާމްވީ އެންމެ މީހެކެވެ.
އެއާއެކު، ނޭޕާލްއިން ހަތަރު މީހަކު އިސްލާމްވެފައިވާ ކަމަށާއި ވިއެޓްނާމާއި ޖަރުމަނުން ދެ މީހުން އިސްލާމްވެފައިވާ ކަމަށް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ.

މިއަދުގެ މައުރަޒުގެ ތެރެއިން: މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން މިދިޔަ އަށް މަހުގެ ތެރޭގައި މުޅިން އަލަށް 39 މީހަކު އިސްލާމްވެފައިވޭ ---- ސަން ފޮޓޯ/ އިސްމާއިލް އަބްދުލް ގަފޫރު
މީގެ އިތުރުން ވެސް މިނިސްޓްރީން ފާއިތުވި އަށް މަސްދުވަހު ކޮށްފައިވާ މަސައްކަތްތަކުގެ ތަފާސްހިސާބުތައް މައުރަޒުން ފެންނަން ހުރިކަން ފާހަގަކޮށްލެވެއެވެ. އޭގެތެރޭގައި، އެކި ކަހަލަ ޕްރޮގްރާމުތަކާ ގުޅުން ހުރި މައުލޫމާތުތައް ހިމެނެއެވެ.
އެ މައުރަޒަށް މިއަދު ހަވީރާއި ރޭގަނޑު ވެސް މިނިސްޓްރީއަށް ޒިޔާރަތް ކުރެވޭއިރު މާދަމާ ވެސް މައުރަޒު ހުޅުވާފައި ބެހެއްޓުމަށް މަސައްކަތް ކުރައްވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވިއެވެ.