ސަލްމާންގެ ފަރާތުން އަންނަ އަހަރުގެ ޢީދު ހަދިޔާއަކަށް 'ސިކަންދަރު'

އެކްޓަރު ސަލްމާން ޚާން--ފޮޓޯ/ދަ ޓެލެގްރާފްއިންޑިއާ

ބޮލީވުޑްގެ ކާމިޔާބު އެކްޓަރު ސަލްމާން ޚާންގެ ފަރާތުން އަންނަ އަހަރުގެ ޢީދު ދުވަހު ބެލުންތެރިންނަށް ދޭނެ ހަދިޔާއަކީ "ސިކަންދަރު"ގެ ނަމުގައި އުފައްދާ ފިލްމެއްކަމަށް އެކްޓަރު އިއުލާނުކޮށްފިއެވެ. މި ފިލްމަކީ ޕްރޮޑިއުސަރު ސާޖިދު ނަދިއަދުވާލާ އަދި އޭއާރު މުރުގަދޯސްއާ އެކު ސަލްމާން ޚާން މަސައްކަތްކުރަން ސޮއިކޮށްފައިވާ ފިލްމެކެވެ.

މި ފިލްމަކީ ސާޖިދު ނަދިއަދުވާލާ ގެނެސްދިން ކާމިޔާބު ފިލްމުތައް ކަމަށްވާ "ކިކް"، "ޖުޅުވާ" އަދި "މުޖްސޭ ޝާދީ ކަރޯންގީ"އަށްފަހު ސަލްމާނާ ސާޖިދު އެކީގައި މަސައްކަތްކުރާ ތިންވަނަ ފިލްމެވެ.

އޭއާރު މުރުގަދޯސް ސިނަމާއަށް ގެނެސްދީފައިވާ މަޝްހޫރު ފިލްމުތަކުގެތެރޭ "ގަޖްނީ" އަދި "ހޮލިޑޭ: އަ ސޯލްޖާ އިޒް ނެވާ އޮފް ޑިއުޓީ" ހިމެނެއެވެ. ފިލްމު "ސިކަންދަރު"އަކީ ބްލޮކްބާސްޓަ ފިލްމުތައް ގެނެސްދީފައިވާ ދެ ޕްރޮޑިއުސަރުންގެ އުފެއްދުމަކަށްވެފައި މިއީ ބެލުންތެރިންނަށް މުޅިން ތަފާތު ތަޖުރިބާއެއް ކުރެވޭނެ ފިލްމެއް ކަމަށް ރިޕޯޓުތަކުން ވަނީ ބުނެފައެވެ.

ސަލްމާން ޚާންގެ ކުރިއަށް އޮތް ފިލްމު "ސިކަންދަރު"ގެ ޕޯސްޓަރު--ފޮޓޯ/ބޮލީވުޑްހަންގާމާ
ފިލްމު "ސިކަންދަރު"ގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެކަން އިއުލާނުކޮށްފައިވީ ނަމަވެސް ސަލްމާންއާ އެކު ފިލްމުގައި ބަތަލާގެ ދައުރު އަދާކުރާ ތަރިއެއްގެ ނަން އަދި ހާމައެއް ނުކުރެއެވެ.

ސާޖިދުގެ ފިލްމަށް ސޮއިކުރިކަން އިއުލާނު ކުރަމުން ސަލްމާން ބުނެފައި ވަނީ މި އަހަރު ބެލުންތެރިން ޢީދުގައި ފިލްމު "ބަޅޭ މިޔާ ޗޯޓޭ މިޔާ" އަދި "މައިދާން" ބަލާލުމަށެވެ.

އަންނަ އަހަރު ބެލުންތެރިންނާ ސަލްމާން ބައްދަލުކުރާނީ މުޅީން އާ ތަޖުރިބާއަކާ އެކު ކަމަށް ވެސް އެކްޓަރުގެ އިންސްޓަގްރާމް ޕޯސްޓުގައި ވަނީ ބުނެފައެވެ. މި ފިލްމަކީ، ސަލްމާން ޚާން ހިމަނައިގެން ދަރުމާ ކުންފުނިން އުފައްދަން ނިންމި ފިލްމު "ދަ ބުލް" އިއުލާނު ކުރުމަށްފަހު އެކްޓަރު އިއުލާނުކުރި ފުރަތަމަ ފިލްމެވެ.

comment ކޮމެންޓް