ޖާންވީގެ ފުރަތަމަ ތަމަޅަ ފިލްމުގެ ޓީމާ، ދަރުމާ ކުންފުނިން ގުޅިއްޖެ

ބަތަލާ ޖާންވީ ކަޕޫރު ފިލްމު "ދޭވަރާ"ގެ މަންޒަރެއްގައި--ފޮޓޯ/އެންޑީޓީވީ

އިންޑިއާގެ ޒުވާން ބަތަލާ ޖާންވީ ކަޕޫރު މުހިއްމު ރޯލް ކުޅޭ ބަތަލާގެ ފުރަތަމަ ތަމަޅަ ފިލްމު "ދެވާރާ: ޕާޓް 1"އާ ދަރުމާ ކުންފުނިން ގުޅިއްޖެއެވެ.

މި އަހަރުގެ އޮކްޓޯބަރު މަހުގެ 10ގައި ސިނަމާތަކުގައި އަޅުވަން ތާވަލުކޮށްފައި އޮތް މި ފިލްމު އިންޑިއާގައި ޑިސްޓްރްބިއުޓް ކުރުމުގެ މުހިއްމު ޒިންމާ މިހާރު ނަގާފައި ވަނީ ޕްރޮޑިއުސަރު ކަރަން ޖޯހަރުގެ ދަރުމާ ކުންފުނިންނެވެ.

ފިލްމު "ދެވާރާ: ޕާޓް 1"ގެ ލީޑިންގް ރޯލްއިން ފެންނާނީ މަޝްހޫރު ތެލުގޫ އެކްޓަރު އެންޓީއާރު ޖޫނިއާއެވެ. ބަތަލާ ޖާންވީގެ އިތުރުން ބޮލީވުޑްގެ އެކްޓަރު ސައިފް ޢަލީ ޚާން ވެސް މި ފިލްމުގެ މުހިއްމު ރޯލްއިން ފެންނާނެއެވެ.

ފިލްމު "ދެވާރާ"ގެ ޑިސްޓްރިބިއުޝަން ރައިޓްސް ލިބުމާ ގުޅިގެން އެކަން އިއުލާނުކުރަމުން އެ ކުންފުނިން ބުނެފައި ވަނީ "ދެވާރާ"ގައި ހިއްސާވުމަށް ލިބުނު ފުރުސަތާ މެދު ފަޚުރުވެރިވާ ކަމަށެވެ.

ތެލުގޫ އެކްޓަރު އެންޓީއާރު ޖޫނިއަ ފިލްމު "ދޭވަރާ"ގެ މަންޒަރެއްގައި--ފޮޓޯ/ދަޓެލެގްރާފްއިންޑިއާ
މި ފިލްމު ރިލީޒް ކުރުމަށް ނިންމާފައި ވަނީ ތަމަޅަ، މަޅަޔާލަމް، ކަންނާޑާ އަދި ހިންދީ ބަހުންނެވެ.

މި ފިލްމުގެ ފުރަތަމަ ބައި އޮކްޓޯބަރު މަހުގެ 10ގައި ރިލީޒްކުރާއިރު ފިލްމުގެ ދެވަނަ ބައެއް ވެސް އުފައްދާނެކަން ވަނީ އިއުލާނުކޮށްފައެވެ. ބަތަލާ ޖާންވީ ކަޕޫރުގެ މަންމަ ސްރީދޭވީ އަކީ ސައުތު ސިނަމާގެ ގިނަ ފިލްމުތަކުން ފެނިފައިވާ ބަތަލާއެއް ކަމުން ފިލްމު "ދެވާރާ"އަކީ މަންމަގެ ހަނދާން ވަރަށް ބޮޑަށް އާކުރުވި ފިލްމެއް ކަމަށް ޖާންވީ ވަނީ ބުނެފައެވެ.

ދަރުމާ ކުންފުނިން މީގެކުރިން ހިންދީ ފިލްމު ބެލުންތެރިންނަށް ގެނެސްދިން، ޑައިރެކްޓަރު އެސްއެސް ރާޖާ މޮލީގެ ފިލްމު "ބާހޫބަލީ"އަކީ ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދި ފިލްމެކެވެ.

comment ކޮމެންޓް