ޖޯޖް އާރު އާރު މާޓިންގެ މަގުބޫލު ވާހަކަ ސީރީޒްއަށް ބިނާކޮށް ތައްޔާރުކޮށްފައިވާ "ގޭމް އޮފް ތުރޯންސް" ޝޯގެ ކެރެކްޓަރު ޖޮން ސްނޯގެ ވާހަކަ ކިޔައިދޭ ސްޕިން އޮފް ސީކުއެލް ޝޯ ކެންސަލު ކޮށްލައިފިއެވެ.
އެޗްބީއޯއިން ދެއްކި ގޭމް އޮފް ތުރޯންސް ޝޯއަކީ ޓީވީގެ ތާރީހުގައި ވެސް މިހާތަނަށް ދައްކާފައިވާ އެންމެ މަގުބޫލު ޝޯތަކުގެ ތެރޭގައި ހިމެނޭ އެއް ޝޯއެވެ. މި ޝޯގެ ކާމިޔާބީއާއެކު މި ޝޯގެ ދުނިޔެއަށް ބިނާކޮށް ތަފާތު ޝޯތަކެއް އުފެއްދުމުގެ މަސައްކަތް އެޗްބީއޯއިން ކުރެއެވެ.
އެގޮތުން ގޭމް އޮފް ތުރޯންސް ދުނިޔެއަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ޕްރީކުއެލް (ގޭމް އޮފް ތުރޯންސްގެ ހާދިސާތަކުގެ ކުރީގެ ވާހަކަތަކަށް ބިނާކޮށް) "ހައުސް އޮފް ޑްރެގަން" މިހާރު އަންނަނީ ދެވަނަ ސީޒަނެއް ނެރުމަށް ތައްޔާރުވަމުންނެވެ.
އޭގެއިތުރުން ވެސް ތަފާތު އެކި ޝޯތަކާއި ވާހަކަތައް ވެސް އުފެއްދުމަށް ނިންމައި މަސައްކަތް ކުރަމުން އަންނަ ކަމަށް އެޗްބީއޯއިން ބުނެފައިވަނީ މީގެ ދެ އަހަރެއް ކުރީންނެވެ. އޭގެތެރެއިން އެންމެ ގިނަ ބަޔަކު ބޭނުންވި އެއް ޝޯ އަކީ ލީޑް ކެރެކްޓަރެއް ކަމަށްވާ ޖޮން ސްނޯގެ ދިރިއުޅުމާ ގުޅޭ ޝޯއެކެވެ. އަދި އެއާ ގުޅޭ ޝޯއެއްގެ މަސައްކަތް ކުރަމުން އަންނަ ކަން އިއުލާނު ކޮށްފައިވަނީ 2022 ވަނަ އަހަރުގައެވެ.
އެއަށްފަހު އެޗްބީއޯއިން ވަނީ ގޭމް އޮފް ތުރޯންްސްގެ މަސައްކަތް ކުރަމުން އަންނަ ޝޯތަކެއް ކެންސަލު ކޮށްލާފައިވާ ކަމަށް އިއުލާނު ކޮށްފައެވެ. ނަމަވެސް އޭގެތެރޭގައި ކެންސަލު ކޮށްލާފައިވަނީ ކޮން ޝޯތަކެއް ކަމެއް ނުބުނެއެވެ. އެންމެފަހުން މިއޮތީ ޖޮން ސްނޯ ޝޯ ވެސް ކެންސަލު ކޮށްލާފައިވާ ކަން ކަށަވަރު ކޮށްދީފައެވެ.
މިވާހަކަ ކަށަވަރު ކޮށްދީފައިވަނީ ޖޮން ސްނޯގެ ރޯލުން ފެންނަ ކިޓް ހެރިންޓަން އެވެ. އޭނާ ބުނިގޮތުގައި ޝޯ ކެންސަލު ކޮށްލަން ޖެހުނީ ޖޮން ސްނޯގެ ވާހަކައާއެކު އެ ޝޯ ކުރިއަށް ގެންދާނެ މިސްރާބެއް ނޭނގުމުންނެވެ. އެއާއެކު ޝޯ ކުރިއަށް ގެންދިޔުމުގެ ބަދަލުގައި އެ ޝޯ ހުއްޓާލުން މާ ބުއްދިވެރި ކަމަށް ފެންނާތީ އެގޮތަށް ނިންމީ ކަމަށް ކިޓް ބުންޏެވެ.
މި ޝޯ އަވަސް މުސްތަގުބަލެއްގައި ފެނުމަކީ އެކަށީގެންވާ ކަމެއް ނޫން ކަމަށް ބުނެ އޭނާ ފާހަގަކުރީ ކުރިއަށް އޮތް ތަނުގައި ވެސް ފަހަރެއްގައި ޝޯ އަލުން އަނބުރާ ގެނެސްފާނެ ކަމަށެވެ.