ރައްޔިތުންގެ މަޖިލީހަށް ތ. ތިމަރަފުށިން ވާދަކުރާ ޕީއެންސީގެ ކެންޑިޑޭޓަކު ހުރި ނަމަވެސް، އެ ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރާ ކެންޑިޑޭޓެއްގެ ކެމްޕެއިނަށް ދެ މިނިސްޓަރަކު ވަޑައިގަތުމުން ޕީއެންސީގެ މެންބަރުންތަކެއް ނުރުހުންފާޅުކޮށް އެއްވުމެއް ބާއްވައިފިއެވެ.
ތިމަރަފުށިން ޕީއެންސީގެ ކެންޑިޑެސީ ލިބުނީ އެ ދާއިރާއަށް ކުރިއަމަތިލެއްވި ހަމައެކަނި ކެންޑިޑޭޓް، އިބްރާހީމް ސަނާހަށެވެ. ނަމަވެސް ޕީއެންސީގެ ލީޑާޝިޕުން ތާއިދުކުރަނީ އަމިއްލަ ގޮތުން އެ ދާއިރާއަށް ވާދަކުރައްވާ އަހުމަދު ރިޔާޒަށް ކަމަށް ވަނީ އަޑު ފެތުރިފައެވެ.
އަހުމަދު ރިޔާޒަކީ، މަޖިލިސް އިންތިޚާބުގައި ޕީއެންސީއާއެކު ވާދަކުރަން އެއްބެސްވެފައިވާ އެމްއެންޕީގެ ނައިބު ރައީސް އަދި ތިމަރަފުށީ ދާއިރާގެ މިހާރުގެ މެންބަރު އަބްދުﷲ ރިޔާޒުގެ ބޭބެއެވެ.
އަހުމަދު ރިޔާޒުގެ ކެމްޕެއިން ޕޯސްޓަރުތަކުގައި ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ފޮޓޯވެސް ބޭނުންކުރާއިރު، އޭނާ ދަނީ ރައީސްގެ ތާއީދު އޮތީ އޭނާއަށް ކަމަށް ބުނަމުންނެވެ.
މިއަދު ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯތަކުން ފެންނަ ގޮތުގައި ތިމަރަފުށީގައި ރިޔާޒުގެ ޖަގަހަ ހުޅުވައިދެއްވީ ފިޝަރީސް މިނިސްޓަރު އަހުމަދު ޝިޔާމާއި ހައުސިން މިނިސްޓަރު ހެލްތު މިނިސްޓަރު އަބްދުﷲ ޚަލީލެވެ.
ތިމަރަފުށީ ކައުންސިލް ރައީސް އިސްމާއީލް އިބްރާހީމް "ސަން"އަށް ވިދާޅުވީ ރިޔާޒުގެ ޖަގަހަ ހުޅުވުމަށް މިއަދު މެންދުރު ފަހު މިނިސްޓަރު ވަޑައިގަތުމާއެކު، ސަނާހުއަށް ތާއިދުކުރާ ޕީޕީއެމް، ޕީއެންސީ މެންބަރުން ނުރުހުން ފާޅުކުރި ކަމަށެވެ. އަދި ޖަގަހަ ހުޅުވި ގަޑީގައި އާއި ޖަލްސާ ކުރިއަށް ދިޔައިރު ވެސް މީހުން އެ ސަރަހައްދަށް އެއްވެފައި ތިބި ކަމަށް އޭނާ ވިދާޅުވިއެވެ.
"ރަށުން ފޭބި ގަޑީގައި ވެސް، މީހުން ޝުއޫރު ފާޅުކުރަމުން އަޑު ގަދަކުރަމުން ދިޔައީ،" ކައުންސިލް ރައީސް ވިދާޅުވިއެވެ.
އެ އެއްވުން ބޭއްވި ވަގުތު އެ ސަރަހައްދުގައި ގިނަ އަދަދެއްގެ ފުލުހުން ހަރަކާތްތެރިވިކަން އޭނާ ފާހަގަކުރެއްވިއެވެ.
ޕީއެންސީގެ ޓިކެޓް ލިބިފައިވާ ކެންޑިޑޭޓް ނޫން އެހެން ކެންޑިޑޭޓުންނަށް ސަރުކާރުން ތާއިދުކުރުމުގެ މައްސަލަތައް މީގެ ކުރިން ވެސް ފެންމަތިވެފައިވެއެވެ.