ޖޯކާ ޓްރެއިލާ ބަލައިފިންތަ؟

ޑީސީގެ މަޝްހޫރު ވިލަން "ޖޯކާ"ގެ ކެރެކްޓާއަށް ބިނާކޮށް އުފެއްދި ސައިކޮލޮޖިކަލް ތުރިލާ ފިލްމުގެ ދެވަނަ ބައިގައި ފުރަތަމަ ޓްރެއިލާ އާންމުކޮށްފިއެވެ.

ޖޯކާގެ ދެވަނަ ބައިގެ މަސައްކަތް ފަށާފައިވާ ކަމަށް އެ ފިލްމުގެ ޑައިރެކްޓަރު ޓޮޑް ފިލިޕްސް އިއުލާނުކޮށްފައި ވަނީ 2022 އަހަރުގެ ކުރީކޮޅުގައެވެ. އަދި އެ ފިލްމުގައި ވާކީން ފީނިކްސް، ޖޯކާގެ ރޯލުން އަލުން ފެންނާނެ ކަމަށް ވެސް ފިލިޕްސް ބުންޏެވެ.

ޖޯކާގެ ފުރަތަމަ ފިލްމާއެކު އެތައް ބައެއްގެ މެދުގައި ޖޯކާއަށް އޮތް ތަރުހީބު ވަނީ ވަރަށް ބޮޑުވެފައެވެ. އަދި އެއާއެކު ދެވަނަ ފިލްމެއް ނެރޭނެ ކަން އިއުލާނު ކުރުމާއެކު ފޭނުންނަށް ލިބުނީ ބޮޑު ޝޮކެކެވެ. އަދި ލީޑަށް މަޝްހޫރު ތަރި ލޭޑީ ގާގާ ހަމަޖެއްސުމާއެކު ފޭނުންނަށް އަނެއްކާ ލިބުނީ ބޮޑު ހަބަރެކެވެ.

ނަމަވެސް ފިލްމަކީ މިއުޒިކަލް ފިލްމަކަށް ވާނެ ކަމަށް އިއުލާނު ކުރި ހިސާބުން ފޭނުން ފިލްމާ މެދު ސުވާލު އުފައްދަން ފެށިއެވެ. އެންމެފަހުން އެ ސުވާލުތަކަށް މިއޮތީ ޖަވާބު ލިބޭ ގޮތް ވެފައެވެ. އަލަށް ނެރުނު ޓްރެއިލާ އާއެކު ފިލްމަށް އޮތް އިތުބާރު އަނެއްކާ ވެސް ވަރުގަދަ ވާ ކަން މިހާރު ވަނީ ފެންނަން ފަށާފައެވެ.

ފިލްމުގެ ޓްރެއިލަރުން ލީޑް އެކްޓަރުންގެ އެކްޓިން ހުނަރު ވަރަށް ފުރިހަމަ އަށް ދައްކުވައިދެއެވެ. އަދި ދެމީހުން ވެސް އެކްޓިން ހުނަރު އޮސްކާއަށް ގެންދާނެ ކަމަށް މިހާރު ވެސް މީހުން އަންނަނީ ކިޔަމުންނެވެ.

ފިލްމުގެ ދެވަނަ ބަޔަށް ލޭޑީ ގާގާ ކާސްޓްކޮށްފައި ވަނީ "ހާލީ ކުއިން"ގެ ރޯލު ކުޅުމަށެވެ. ހާލީ ކުއިން އަކީ ޖޯކާގެ ލޯބިވެރިޔާ އެވެ. އަލަށް ނެރޭ ފިލްމުގައި ދެމީހުން ފުރަތަމަ ދިމާވާ ގޮތް ފެނިގެން ދެއެވެ. އެގޮތުން ދެމީހުން ސައިކިއެޓްރިކް ވޯޑަކުން ދިމާވާ ގޮތް ޓްރެއިލަރުން ދައްކައިދެއެވެ.

އަލަށް ނެރޭ ޖޯކާގެ ފިލްމަކީ، 2019 ވަނަ އަހަރު ނެރުނު "ޖޯކާ" އަށް ވުރެ މުޅިން ތަފާތު ފިލްމަކަށް ވާނެއެވެ. މި ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ އޮކްޓޯބަރު މަހުގެ ހަތަރު ވަނަ ދުވަހުގައެވެ.

comment ކޮމެންޓް