ޕީއެންއެފް ޖަލްސާއަށް އެސްއޯ ދިޔުން: ރައީސަށް ތަހުގީގީ ރިޕޯޓް ފޮނުވައިފި

ރައީސް ޑރ. މުހައްމަދު މުއިއްޒު: ޕީއެންއެފް އުފެއްދުމަށް ރޭ ޣިޔާސުއްދީން ސްކޫލުގައި ބާއްވަން އުޅުނު ޖަލްސާ ހުއްޓުވުމަށް އެސްއޯ ފުލުހުން ބޭނުންކުރި މައްސަލައިގެ ތަހުގީގީ ރިޕޯޓް ރައީސަށް ލިބިފައިވާ ކަމަށް ރައީސް އޮފީހުން ބުނޭ -- ފޮޓޯ/ ރައީސް އޮފީސް

ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އުފެއްދުމަށް ރޭ ޣިޔާސުއްދީން ސްކޫލުގައި ބާއްވަން އުޅުނު ޖަލްސާ ހުއްޓުވުމަށް އެސްއޯ ފުލުހުން ބޭނުންކުރި މައްސަލައިގެ ތަހުގީގީ ރިޕޯޓް ރައީސް ޑރ. މުޙައްމަދު މުއިއްޒަށް ލިބިފައިވާ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

ރައީސް އޮފީހުން "ސަން"އަށް ބުނީ ރައީސް އެ ރިޕޯޓް ދިރާސާ ކުރައްވައި، އަޅުއްވަވަން ފެނިވަޑައިގަންނަވާ ފިޔަވަޅުތައް އަޅުއްވަވަމުން ގެންދަވާނެ ކަމަށެވެ.

ޕީއެންއެފްގެ ޖަލްސާ ހުއްޓުވުމަށް އެސްއޯ ފުލުހުން ބޭނުންކުރި މައްސަލައިގައި ރައީސް ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވައި، ފިޔަވަޅު އަޅުއްވާނެ ކަމަށް ވިދާޅުވެފައެވެ.

އެ މަނިކުފާނު ވިދާޅުވީ އެ ކަން ހިނގާފައި ވަނީ ރައީސް ކުރިން ދެއްވާފައިވާ އިރުޝާދާ އެއްގޮތަށް ނޫން ކަމަށާއި އެހެންވެ، އެކަން ހިނގި ގޮތް ސާފު ކުރުމަށް ރޭ ހޯމް މިނިސްޓަރު އަލީ އިހްސާނާއި ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއުއާ ސުވާލު ކުރެއްވި ކަމަށެވެ.

https://sun.mv/190747

މީގެ އިތުރުން ރައީސް ވިދާޅުވީ ސިޔާސީ ޕާޓީތައް އުފެއްދުމާއި ސިޔާސީ ހިޔާލު ފާޅު ކުރުމަކީ ހައްގެއް ކަމަށާއި އެކަމަށް އެ މަނިކުފާނު ހުރަސް ނާޅުއްވާނެ ކަމަށެވެ. ޕީއެންއެފްއިން ފަހުން ޖަލްސާ ބާއްވައި ޕާޓީ އުފެއްދުމަށް ކުރަން ޖެހޭ ކަންކަން ފުރިހަމަ ކުރީތީ އުފާކޮށް މަރުހަބާ ދަންނަވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ޕީއެންއެފްއިން ޣިޔާސުއްދީނުގައި ޖަލްސާ ބޭއްވޭ ގޮތް ނުވުމުން، ރާޅުގަނޑުގައި، ފޯނު އަލީގައި ބޭއްވި ޖަލްސާގައި އެ ޕާޓީގެ ވަގުތީ ރައީސަކަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ދަރިކަލުން ޒޭން ޔާމީން ވަނީ ކަނޑައަޅައިފައެވެ. އަދި ޕާޓީގެ ލޯގޯއާއި ކުލައިގެ އިތުރުން ވަގުތީ ސެނެޓެއް ވެސް ވަނީ އުފައްދާފައެވެ. ޖަލްސާ ނިމުނު ފަހުން ޔާމީން ވެސް އެ ސަރަހައްދަށް ވަޑައިގަތެވެ.

comment ކޮމެންޓް